ހާޖީ އިމާދުއްދީންގެ ކާފަދަރިކަލުން އަހްމަދު އިމާދުއްދީން އަވަހާރަވެއްޖެ

އަހްމަދު އިމާދުއްދީނާއި އޭނާގެ ކޮއްކޯފުޅު އަހްލާމް އިމާދުއްދީން، މއ. މާންދޫގޭ ހަބީބާ ހުސައިން ހަބީބާ އެކު --

ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްޠާން ހާޖީ ޢިމާދުއްދީން ރަދުންގެ ކާފަދަރިކަލުން، އައްނަބީލް އަހްމަދު އިމާދުއްދީން ޤަތަރުގައި އަވަހާރަވެއްޖެއެވެ.

އަހްމަދު އިމާދުއްދީނަކީ، ސުލްތާން ހާޖީ މުހައްމަދު އިމާދުއްދީން (ހަވަނަ)ގެ ދަރިކަލުން އަލްއަމީރު އިސްމާއިލް އިމާދުއްދީންގެ ދަރިކަލެކެވެ. އަލްއަމީރު އިސްމާއިލް އިމާދުއްދީންގެ އަންހެން ބޭފުޅެއް ވެސް ހުރެއެވެ. އެއީ އަހްލާމް އިމާދުއްދީނެވެ.

އަހްމަދު އިމާދުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

އަހްމަދު އިމާދުއްދީނާއި އަނބިކަނބަލުން ޔާސްމީން ރާއްޖެއަށް ޒިޔާރަތްކުރި ފަހަރަކު، ބަނޑޮސް އައިލެންޑްރިސޯޓުގައި --

ޤަތަރުގެ ދޯހާގައި ދިރިއުޅުއްވަމުން ގެންދެވި އިމާދުއްދީންގެ ދަރިކަލަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުން، މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭނާއަށް ވަނީ ސްޓްރޯކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އިމާދުއްދީން އަވަހާރަވީ ޤަތަރުގެ ގަޑިން ރޭ 3:30 ގައި ކަމަށް އިމާދުއްދީންގެ ދަރިކަލަކު ފޭސްބުކްގައި ލިޔެފައިވެއެވެ. އޭނާ އަވަހާރަވި އިރު 12 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އިމާދުއްދީންގެ ބޭފުޅުންގެ ތެރޭގައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ޑޮކްޓަރުން ވެސް ހިމެނެއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި، އިމާދުއްދީން ވަނީ ޕްރޮސްޓޭޓް ކެންސަރާއި ލިވަރ ކެންސަރަށް، އެމެރިކާއާއި ޖަރުމަނުގައި ބޭސް ކުރައްވައިފައެވެ.

އަހްމަދު އިމާދުއްދީން، އޭނާގެ އަނބިކަނބަލުން ޔާސްމީން އަދި ބައެއް ބޭފުޅުންނާ އެކު --

އިމާދުއްދީން އަވަހާރަވި އިރު، އޭނާގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ، އައްނަބީލް މުހައްމަދު އިމާދުއްދީން ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަވަހާރަވެފައެވެ. މުހައްމަދު އިމާދުއްދީނަކީ ހާޖީ އިމާދުއްދީން ރަދުންގެ ދަރިކަލުން ހަސަން އިމާދުއްދީންގެ ބޭފުޅެކެވެ.

1893 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަސްކަން ކުރެއްވި ހާޖީ ޢިމާދުއްދީން ރަދުން ސުވޭހު، ކައިވެނިފުޅަށް މިސްރަށް ވަޑައިގަތުމާއި އެކު، 1902 ވަނަ އަހަރު އެރަދުންގެ ރަސްކަން ވަނީ ބަޣާވާތަކުން ވައްޓާލާފައެވެ. އެއަށް ފަހު، އެރަދުން ރާއްޖެއަށް ވަޑައިގެންފައި ނުވާއިރު، އެރަދުންގެ އާއިލާގެ ގިނަ ބޭފުޅުން ދިރިއުޅުއްވާފަައި ވަނީ މިސްރުގައެވެ.

ކުރީގެ ނައިބު ރައީސް އަދި ބަނޑޮސް އައިލެންޑް ރިސޯޓުގެ ވެރިޔާ މުހައްމަދު ވަހީދުއްދީނަކީވެސް އަހްމަދު އިމާދުއްދީންގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. ވަހީދުއްދީންގެ ބައްޕާފުޅަކީ ހާޖީ އިމާދުއްދީން ރަދުންގެ ދަރިކަލުން އަބްދުﷲ އިމާދުއްދީނެވެ.

ވަހީދުއްދީނާއި އެކު އިމާދުއްދީން --

comment ކޮމެންޓް