ޓައިމްސްގެ އަހަރުގެ ޝަހުސިއްޔަތަކަށް ކިޔުންތެރިން ހޮވީ ނަރެންދުރަ މޯދީ!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: އޭޕީ

ޓައިމްސް މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ ޝަހުސިއްޔަތު އިއުލާން ކުރުމުގެ ކުރިން މަޖައްލާގެ ކިޔުންތެރިންނަށް ހުޅުވާލި އޮންލައިން ވޯޓުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރި ހޯއްދަވައިފި އެވެ.

އޮންލައިން ވޯޓުތަކުގެ 18 ޕަސެންޓު ކާމިޔާބު ކުރެއްވި މޯދީއާ އެންމެ ގާތުން ވާދަ ކުރެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އަދި ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އެވެ. އެތިން ބޭފުޅުންނަށް ވެސް ލިބުނީ 7 ޕަސެންޓު ވޯޓެވެ.

މީގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ހިލަރީ ކްލިންޓަންއަށް ހަތަރު ޕަސެންޓު ވޯޓު ލިބުނު އިރު ފޭސްބުކުގެ ބާނީ މާކް ޒަކަބާގްއަށް ލިބުނީ ދެ ޕަސެންޓު ވޯޓެވެ.

ޓައިމްސްގައިވާ ގޮތުން އިންޑިއާގެ އިތުރުން އެމެރިކާގެ ނިއު ޖާޒީއާއި ކެލިފޯނިއާއިން މޯދީއަށް ގިނަ ވޯޓުތައް ލިބިފައިވެ އެވެ.

ޓައިމްސް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތު ހޮވާނީ ފާއިތުވި 12 މަސްތެރޭގައި ދުނިޔޭގައި ހިނގި ކަންތައްތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ފަރާތަކަށް ބެލުމަށް ފަހު އެމަޖައްލާގެ އެޑިޓަރުންނެވެ. މިއަހަރުގެ ޝަހުސިއްޔަތު އިއުލާން ކުރާނީ ބުދަ ދުވަހު އެވެ. (ޓައިމްސް)

comment ކޮމެންޓް