ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލެއްގައި ރޯވެ 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ރެގެންޓް ޕުލާޒާ ހޮޓެލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ހޮޓަލުގެ ކޮޓަރިއެއްގައި ތާށިވި ފަތުރުވެރިއަކު ސަލާމަތްކުރަނީ --- ފޮޓޯ/ އޭޕީ

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ، ކަރާޗީގައި ހުންނަ ލަގްޒަރީ ހޮޓަލެއްގައި ރޯވެ 11 މީހަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

އިނގިރޭސި ބަހުން ނެރޭ ޑޯން ނޫހާ ހަވާލާދީ ރޮއެޓާސް އިން ބުނެފައިވަނީ، ރޭ ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވީ 400 ކޮޓަރި ހިމެނޭ ރެގެންޓް ޕުލާޒާ ހޮޓެލްގެ އެންމެ ތިރީ ބުރީގައި ހުންނަ ބަދިގޭގައި ކަމަށެވެ.

ނަމަވެސް ހޮޓަލުގެ އެއާ ކޮންޑިޝަން ޑަކްޓުތަކުން އަލިފާންގަނޑު ހޮޓަލުގެ ބަޔަކަށް ފެތުރުމުގެ ސަބަބުން ހޮޮޓަލުގެ މަތީ ބުރިތަކުގައި ތިބި ގެސްޓުން ކޮޓަރިތަކުގައި ގިނަ އިރުތަކެއް ވަންދެން ތާށިވެފައިތިބި ކަމަށް ބުނެފައިވެއެވެ.

ކަރާޗީގެ މޭޔަރު ވަސީމް އަޚްތަރު ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ހޮޓަލުގައި އެމަޖެންސީ އެގްޒިޓްތަކާއި ހަރުކޮށްފައިހުރި ފަޔާ އެލާމްތައް މަސައްކަތްނުކުރާ ކަމަށެވެ. އަދި އަލިފާންގަނޑުގެ ސަބަބުން ފެތުރުނު ދުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮޓަރިތަކުގައި ތާށިވި މީހުން ފަހުން ވަނީ ކެރޭނެއްގެ އެހީގައި ސަލާމަތްކޮށްފައެވެ.

ކަރާޗީގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރާ ހަވާލާދީ ޑޯން ނޫހުން ބުނީ، ހޮޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި 65 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ ކިތައް ފަތުރުވެރިންކަމެއް ސާފެއްނުވެއެވެ.

comment ކޮމެންޓް