ނިއު ޒީލޭންޑުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖޯން ކީ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފަ -- ފޮޓޯ: އޭޕީ

ވެލިންޓަން (ޑިސެމްބަރު 5): ނިއު ޒީލޭންޑުގެ ބޮޑުވަޒީރުކަން ކުރައްވާތާ އަށް އަހަރުވެފައިވާ ޖޯން ކީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

ނިއު ޒީލޭންޑުގެ ނެޝަނަލް ޕާޓީގެ ލީޑަރުކަން ކުރައްވާތާ 10 އަހަރުވެފައިވާ ކީ މަގާމުން އިސްތިއުފާ ދެއްވުމުން އެ ގައުމަށް އާބޮޑުވަޒީރަކު ހޮވާނީ މިމަހުގެ 12 ވަނަ ދުވަހު ނެޝަނަލް ޕާޓީގެ މަޖިލިސް މެމްބަރުންނެވެ.

އެމަގާމަށް ބޮޑުވަޒީރުގެ ނައިބު ބިލް އިންގްލިޝް ކުރިމަތިލައްވައިފި ނަމަ އޭނާ އަށް ތާއިދު ކުރައްވާނެ ކަމަށް ކީ ވިދާޅުވި އެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވަމުން ކީ ވިދާޅުވީ އެނިންމުމަކީ ވަރަށް އުނދަގޫ ނިންމުމަކަށްވީ ނަމަވެސް އޭނާ އަށް ހަތަރު ވަނަ ދައުރެއް އަދާ ކުރެވެން ނެތް ކަމަށެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި މިއީ އިސްތިއުފާ ދެއްވަން އެންމެ ރަނގަޅު ވަގުތެވެ.

"ރަނގަޅު ނިންމުމެއް ނިންމުމަށް ޓަކައި ބައެއް ފަހަރު އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ،" ކީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލާ ލީޑަރުން ނާކާމިޔާބު ވަނީ އެލީޑަރުން މަގާމު ދޫކުރަން ބޭނުންނުވާތީހެން. އެންމެން ބުނާނެ އެމަންޒަރު ކުރިން ވެސް ފެނުނު ކަމަށް. (ވީމާ) މީ އަޅުގަނޑުމެން އާކަމެއް ކުރަންވީ ވަގުތު،" ކީ ވިދާޅުވި އެވެ.

ނިއު ޒީލޭންޑުގައި އޮންނަނީ ދައުރެއްގައި ތިން އަހަރެވެ.

ކީ ވަނީ އޭނާގެ ވަޒީފާގެ ގޮތުން އޭނާގެ އެންމެ ގާތް ފަރާތްތަކުން ބޮޑެތި ގުރުބާނީތައް ވާން ޖެހޭ ކަމަށާއި އޭގެ ސަބަބުން އޭނާގެ ދަރިންގެ ދިރިއުޅުމަށް ވެސް އަސަރު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ދެހާސްއަށް ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި މާލީ ބޮޑު ވެއްޓުމުގެ ތެރޭގައި ނިއު ޒީލޭންޑުގެ އިގުތިސާދު ސަލާމަތް ކުރެއްވުމާ ގުޅިގެން ގިނަ ބަޔެއްގެ ތައުރީފު ލިބިފައިވާ ކީ މަގާމުން އިސްތިއުފާ ދެއްވީ އަނބިކަނބަލުންގެ ސަބަބުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް ކީ ވަނީ އެރިޕޯޓުތައް ދޮގު ކުރައްވާފަ އެވެ. އަދި އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް ވިދާޅުވި އެވެ. (ބީބީސީ)

comment ކޮމެންޓް