ރޯވީ ސްކޫޕް ރެސްޓޯރެންޓުގެ ބަދިގޭގައި، އަލިފާންގަނޑު ނިއްވާލައިފި

ސްކޫޕް ރެސްޓޯރެންޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ތެރެއަށް ދުމުގެ އަސަރު ކޮށްފައި -- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ޗާނދަނީމަގުގައި ހުންނަ ސްކޫޕް ރެސްޓޯރެންޓުގައި ހިނގި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދްނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، ރޯވީ އެ ރެސްޓޯރެންޓުގެ ބަދިގޭގައި ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ކަމަށެވެ.

ނަމަވެސް ބަދިގޭގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ. ބަދިގޭގެ ފުރާޅުގައި އަލިފާން ރޯވެ ދުން އަރަމުންދާތީ ދުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައިވާނުވާ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.

ސްކޫޕް ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ ނޫސްވެރިޔާ ބުނި ގޮތުގައި، ރޯވީ ބަދިގޭގެ ކައްކާ ތެޔޮ އެއްޗެއްގައި ކަމަށާއި ރޯވި އަލިފާންގަނޑުގެ ސަބަބުން ބަދިގެއަށް ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ރެސްޓޯރެންޓް ބަޔަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މިއަދު 12:00 ޖަހާ އެހާކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްކާތެރިކަމަށް ޓަކައި އެ ސަރަހައްދުގައި ހުރި ފިހާރަތަކުން މީހުން ވަނީ ހުސްކޮށްފަ އެވެ.

comment ކޮމެންޓް