އިނގިރޭސިބަސް ނޭނގޭތީ އެތައް ބަޔަކު މަލާމާތް ކުރި ކަންގަނާ މިއަދު އެންމެ އުހުގައި!

ކަންގަނާ ރަނާވަތު އަކީ ހަމަގައިމުވެސް ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ކޮންމެ ކަހަލަ ރޯލަކަށް ވެސް ހަމަ ‘ފިޓު’ ފަންނާނެކެވެ.

ނަމަވެސް މިއަދު އޭނާ ހުރި ހިސާބަށް އާދެވުނީ ވަރަށް އުނދަގުލުންނެވެ.

ކަންގަނާ އަކީ އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ކުޑަ އަވަށަކަށް އުފަން މީހެކެވެ. ބޮލީވުޑަށް ނުކުތުމަށް އޭނާ ކުރި ދަތުރު އެހާމެ ދިގެވެ. އަދި ބޮލީވުޑުގެ އެންމެ ކުރީގައި ފައިތިލަ ސާބިތުކޮށްލީ ވަރަށް ބުރަ މަސައްކަތުންނެވެ.

ކުޑަ އަވަށަކަށް ނިސްބަތްވުމުން، ކަންގަނާއަށް އިނގެރޭސި ތައުލީމު ލިބިފައެއް ނުވެ އެވެ. އަދި ހެދުން އެޅުމުގައި ވެސް ޒަމާނީ ގޮތެއް ނުހުރެ އެވެ. އެހެންވުމުގެ ސަބަބުން އޭނާއަށް އެތައް ބައެއްގެ މަލާމާތް ރައްދުވި ކަމަށް ކަންގަނާ ބުނެ އެވެ.

"ކުޑަ އަވަށަކަށް ނިސްބަތްވުމާއި، އިނގިރޭސިން ވާހަކަ ދައްކަން ނޭނގުމާއި ޒަމާނީ ގޮތަށް ހެދުން އަޅަން ނޭނގުމުން އަހަންނަށް ވަރަށް ގިނަ މީހުން މަލާމަތްކޮށް ލަދުގަންނުވާލަން މަސައްކަތް ކުރި. އަހަރެން ލަދެއް ނުގަނޭ ކުޑަ އަވަށަކަށް ނިސްބަތްވާތީ އެއް. މީހުން ކީ އެއްވެސް އެއްޗަކުން އަހަރެންގެ އަޒުމެއް ކުޑަކޮށް ވެސް ނުގުޑާ،" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނީ ކޮންމެ މީހަކު ވެސް އެމީހެއްގެ ނަފްސަށް އިތުބާރުކޮށް، އަމިއްލަ ގޮތެއް ގެންގުޅެން ޖެހޭނެ ކަމަށާއި، ބަޔަކު ކިޔާހާ އެއްޗަކަށް ވިސްނައިގެން މީހާގެ ގޮތް ބަދަލު ކުރުމަކީ އޭނާ ދުވަހަކު ވެސް ނުކުރާނެ ކަމެއް ކަމަށެވެ.

އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން 29 އަހަރުގެ ކަންގަނާ ބުނީ، ފިރިހެނުންނާ އަންހެނުންނަށް ހަމަހަމަ އުސޫލަކުން ކަންކަން ކުރަން ބޭނުންވާ ނަމަ، އަންހެނުން ފުރަތަމަ އެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ކަންގަނާ ވަނީ ހައްގުތައް ހޯދަން އަންހެނުން އަޑުއުފުލާތީ އެކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް