ރާއްޖޭގައި އިންވެސްޓްމެންޓް ފުޅާކުރަން ލަންކާގެ ޖޯން ކީލްސް ތައްޔާރަށް

ކ. ކަނުހުރާގައި ޖޯން ކީލްސްގެ ސިނަމަން ހޮޓެލްސްއިން ހިންގާ ސިނަމަން ދޮންވެލި މޯލްޑިވްސް --

ސްރީލަންކާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ޖޯން ކީލްސް ހޯލްޑިންގްސްއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުރަށް އިންވެސްޓް ކުރުމަށް ތައްޔާރަށް ތިބި ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ގާތްގަނޑަކަށް 150 އަހަރުގެ ދިގު ތާރީޚެއް އޮތް ޖޯން ކީލްސް ގްރޫޕުން ރާއްޖޭގައި ތިން ރިސޯޓެއް މެނޭޖު ކުރެއެވެ. އެއީ އެކުންފުނީގެ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން، އއ. އެއްލައިދޫގައި ހިންގާ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއާއި، މ. ހަކުރާގައި ހިންގާ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއާއި ކ. ކަނުހުރާގައި ހިންގާ ސިނަމަން ދޮންވެލި މޯލްޑިވްސްއެވެ.

މީގެ އިތުރުން ޖޯން ކީލްސްގެ ސިނަމަން ހޮޓެލްސްއިން ސްރީލަންކާގައި އަށް ރިސޯޓަކާއި، ކޮލޮމްބޯގައި ސިނަމަން ގްރޭންޑް، ސިނަމަން ލޭކްސައިޑް އަދި ސިނަމަން ރެޑްގެ ނަމުގައި ތިން ހޮޓެލް ހިންގައެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ހިލްޓަންް ކޮލޮމްބޯގައި، މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް ހޮޓެލް އިންވެސްޓްމެންޓް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން، ޖޯން ކީލްސް ހޯލްޑިންގްސް ގްރޫޕުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ސުނިމަލް ސޭނާނާޔަކަ ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއަކީ ހޮޓެލް ހިންގުމުގެ ވިޔަފާރި ފުޅާކުރުމަށް އޮތް ރަނގަޅު ދެ ޕްރަޔޮރިޓީ މާކެޓު ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ އިރު، ސޭނާނާޔަކަ ވިދާޅުވި ގޮތުގައި، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އޮކިއުޕަންސީ ލެވެލްތައް ދަނީ މައްޗަށް ދަމުންނެވެ.

"ރާއްޖެއަކީ އެފަދަ ދެވަނައެއް ނުވާ، ތަފާތު މަންޒިލެއް. އަދިވެސް މާކެޓުތައް ދަނީ ފުޅާވަމުން. މިއީ އަދިވެސް އިންވެސްޓްމެންޓްތައް ފޯދުމަށް އޮތް ރަނގަޅު ތަނެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް