އިބްރަހިމޮވިޗްގެ ލަނޑާއެކު ޔުނައިޓެޑް މޮޅުވާން ދަނިކޮށް، ފަހު ވަގުތު އެވަޓަންއިން އެއްވަރުކޮށްފި

ފުރަތަމަ ހާފުގައި އެވަޓަން ކޮޅަށް އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ލަނޑަށްފަހު އުފާފާޅުކުރަނީ: އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޒްލަޓަން އިބްރަހިމޮވިޗްގެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވާން ދަނިކޮށް، ފަހު ވަގުތު އެވަޓަން އިން އެއްވަރުކޮށްފި އެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި މިރޭ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ފުރަތަމަ ހާފުގެ ކުރީކޮޅުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއެް ލިބިގެންދިޔަ އިރު، އެވަޓަންގެ ޓޮމް ކްލެވަލީ އާއި އޭޝްލީ ވިލިއަމްސް އަދި ރޮމެލޫ ލުކާކޫ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އެންތަނީ މާޝިއަލް ދިން ރީތި ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗެވެ. އެވަޓަންގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ، ގޯލްކީޕަރު މާޓިން ސްކެޓެލެންބާގް ބޯމަތިން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައި ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ ގެޓީ

މެޗުގެ 53 ވަނަ މިނެޓުގައި އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާކޯސް ރޮހޯ ކައިރިން ނައްޓާލުމަށްފަހު، އެވަޓަންގެ ބެލްޖިއަމް ފޯވަޑް ކެވިން މިރާލާސް އުފެއްދި ބާރު ހަމަލާ، ދެ ވަނަ ހާފުގައި އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހުނު ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވެސް އެވަޓަން އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް އެވަޓަންގެ ޖެރާޑް ޑޫލޮފާ އާއި އެނާ ވެލެންސިއާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އެވަޓަން އިން ވަނީ ޕެނަލްޓީ އަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިދްރީސާ ގުއޭޔޭ އަށް ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާރުއާން ފެލައިނީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީން އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލެއިޓަން ބޭއިންސް އެވެ.

އެ ނަތީޖާއާ ގުޅިގެން ލީގު ތާވަލަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ލީގުގައި ކުޅުނު 14 މެޗުން ލިބުނު 21 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތް އިރު، ކުޅުނު 14 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވަޓަން އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

comment ކޮމެންޓް