ބޭރު ދުނިޔެއިން ރާއްޖެއަށް އަޅާނުލާނަމަ ސަރަހައްދީ ހަލަބޮލިކަން އުފެދޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގެ ހަލަތާމެދު ހަންބޮޑުންފާޅު ކުރެއްވި-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ މެދު ބޭރު ދުނިޔެއިން އަޅާނުލާ ނަމަ، ރާއްޖޭގެ ކަންކަން ގޯހުން ގޯހަށް ގޮސް، ސަރަހައްދީ ހަމަޖެހުމަށް އެކަމުގެ އަސަރު ކޮށްފާން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައި، އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ދިވެހި ސަރުކާރުން ދަނީ ކަންކަން އިސްލާހު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވަލާ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެމުން، އަދި ޑިމޮކްރަސީގެ އަސާސުތަކާ ޚިލާފު ގާނޫނުތައް ވެސް ފާސްކުރަމުން ކަމަށެވެ.

"މި ގާނޫނުތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލުކުރާ ގާނޫނުތަކެއް. މި ވެރިކަމުގައި މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވޭނެ ކަމުގެ އިތުބާރެއް ނެތް،" ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.

އެ ބަޔާނުގައި ބުނާ ގޮތުގައި، ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަންކަން، ބޭރުގެ ފަރާތްތަކުން ކުށްވެރި ކުރަމުން ދިޔަ ނަމަވެސް، ދިވެހި ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކުން އެދެމުންދާ ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަށް ފޭލުވެފަ އެވެ.

"2013 އަށް ފަހު ކަންކަން ވަނީ ގޯހުން ގޯހަށް ގޮސްފައި. އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، މަލްޓި ޕާޓީ ނިޒާމު ޕެރެލައިޒްކޮށްލައި، މިނިވަން މުއައްސަސާތައް ސިޔާސީކޮށް، ދައުލަތް ހިމެނޭ ގޮތައް ކޮރަޕްޝަނުގެ އަމަލުތައް ހިންގައި، އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ، މުސްތަގުބަލުގައި ކަންކަން ރަނގަޅުވާނެ ކަމުގެ ރަމްޒެއް ނޫން،"

ނަޝީދުގެ އޮފީހުން ނެރުނު ބަޔާން ބުނަނީ، މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ، މިނިވަން ކަމެއް ނެތް، އަދި ސިޔާސީ ކުލަ ޖެހިފައިވާ ފަނޑިޔާރުގެއެއް އޮތުން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އިންތިޚާބުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތައް ރާއްޖެއިން ތަސްދީގުކޮށްފައިވާ ނަމަވެސް، ރާއްޖެއިން ދަނީ އެކަންކަމާ ޚިލާފުވަމުން ކަމަށެވެ.

"ރާއްޖޭގެ މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ފަރާތްތަކުން ނުކުޅެދެމުންދާ ނަމަ، މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް އަސަރު ކުރާނެ،" ނަޝީދުގެ އޮފީހުގެ ބަޔަނުގައި ބުނެއެވެ.

ރައީސް ނަޝީދުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނަނީ ރާއްޖޭގެ މަސްރަހާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުން އަޅާނުލަމުން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީ ގެނައުމަށް ގަދައަޅާ މަސައްކަތްކުރުމުގައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ގައުމެއް، ޑިމޮކްރަސީގެ ކުރިން އޮތް ގޮތަށް އިޔާދަވުމަށް ބޭރުގެ ފަރާތްތަކުން ދޫކޮށްލުން ކަމަށް ވެސް އެ ބަޔާނުގައި ސިފަކުރެއެވެ.

"ދީނީ ހައްދުފަހަނަ އެޅުމާއި، ވަޒީފާ ނެތް ޒުވާނުންނާއި، ނުރައްކާތެރި ހާލަތެއްގައި އޮތް އިގްތިސާދަކާއި، ބިރުވެރިކަމެއްގެ ތެޜޭގައި ތިބި ރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ބައިވެރިންނާ ދުރަށް ދަތުރުކުރަމުންދާ ސަރުކާރަކާ އެކު ރާއްޖެ އޮތް އިރު، މިއީ ޑިމޮކްރަޓިކް މުޖުތަމަޢުން އަޅާނުލާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫން،" ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

comment ކޮމެންޓް