ބޯންމައުތު އަތުން ބަލިވެ، ފަރަގު ކުޑަކޮށްލަން ލިބުނު ފުރުސަތު ލިވަޕޫލުން ގެއްލުވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކޮޅަށް ލަނޑެއް ޖެހުމަށްފަހު، ބޯންމައުތުގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ބޯންމައުތު މޮޅުވީ 3-4 ލަނޑުން --- ފޮޓޯ/ ގެޓީ

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައަށް އަރައި، އެއް ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްލުމަށް ލިބުނު ފުރުސަތު ލިވަޕޫލުން ގެއްލުވާލައިފި އެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު ލީގު މެޗުގައި ލިވަޕޫލް ވަނީ އޭއެފްސީ ބޯންމައުތު އަތުން ހިތްދަތި ގޮތަކަށް ބަލިވެފައެވެ. އެ މެޗުން ލިވަޕޫލް ބަލިވީ 3-4 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބޯންމައުތު މޮޅުވީ 3-4 ލަނޑުން --- ފޮޓޯ/ ގެޓީ

އެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ލަނޑު ޖަހައި ލީޑު ހޯދި އެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެމްރޭ ޗޭން ދިން ބޯޅައަކުން ލިވަޕޫލަށް ސާޑިއޯ މާނޭ ލީޑު ނަގައިދިން އިރު، އޭގެ ދެ މިނެޓް ފަހުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ޑިވޯކް އޮރިގީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ބޯންމައުތުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ރަޔަން ފްރޭސާ އަށް ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޭމްސް މިލްނާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ބޯންމައުތަށް ކާމިޔާބުކޮށްދިނީ ކެލަމް ވިލްސަން އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އަލުން ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ސާޑިއޯ މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފީލްޑަރު އެމްރޭ ޗޭން އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބޯންމައުތު މޮޅުވީ 3-4 ލަނޑުން --- ފޮޓޯ/ ގެޓީ

ލިވަޕޫލްގެ އެ ލަނޑަށްފަހު މެޗު ނިމުމުގެ ކުރިން ބޯންމައުތުން ވަނީ ތިން ލަނޑު ޖަހައި، ލީޑު ހޯދައިފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ބޯންމައުތުގެ ދެ ވަނަ ލަނޑު އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފްރޭސާ ޖަހައިދިން އިރު، އޭގެ ދެ މިނެޓްފަހުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޓީވް ކުކް އެވެ. ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ބޯންމައުތަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ނޭތަން އަކޭ އެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ކުޅުނު 14 މެޗުން ލިބުނު 34 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ޗެލްސީ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 31 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ސިޓީ އަށްވުރެ ކުރީގައި ލިވަޕޫލް އޮތީ ގޯލުގެ ތަފާތުންނެވެ. މިރޭ ލިވަޕޫލް އަތުން މޮޅުވި ބޯންމައުތު ވަނީ 18 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

comment ކޮމެންޓް