ކުޅިވަރު އެސޯސިއޭޝަންތައް އެންމެ ހަލުވި ދުވެލީގައި ކުރިއަށްދިއުމަށް އެހީތެރިވެދޭނަން: ރައްޒާގު

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުތައް ތަރައްގީކޮށް، ކުޅިވަރު އެސޯސިއޭޝަންތައް އެންމެ ހަލުވި ދުވެލީގެގައި ކުރިއަށްދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޒާގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކާއެކު ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި 'ކުޅިވަރު އިޖްލާސް' މަޝްވަރާތަކުގެ ރިޕޯޓް ނެރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޒާގު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަންގެ އެންމެ މުހިންމު އެއް މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރެވޭނެ ފަދަ ގޮތަކަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދީ، ތަރައްގީކުރުން ހިމެނޭ ކަމަށެވެ.

"ސްޕޯޓްސް ކޯޕަރޭޝަންގެ ބަހާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކީ ދުޅަހެޔޮ ސިއްހަތެއްގެ ވެރިޔަކަށް ހެދުން ހިމެނޭ. ކުޅިވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވެ، ހަށިފުރާ ނޭވާލުމުގެ ގާބިލްކަން ހޯދައިދިނުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ތަރައްގީކުރާނެ ވަސީލަތްތައް ގާއިމްކޮށްދިނުމާއެކު އެސޯސިއޭޝަންތައް އޭގެ އެންމެ ހަލުވި ދުވެލީގައި ނުކުމެ މިގައުމުގެ ކުޅިވަރަށް އާރޯ މުސްތަގުބަލެއް ގެނެސްދިނުން،" އޭނާ ވިދާޅުވި އެވެ.

ރައްޒާގު ވިދާޅުވީ، ކުޅިވަރާއި ކަސްރަތަށް ލޯބިކުރަނިވި މުޖުމަތައުއެއް ބިނާކުރުމަށް ހުރިހާ މުއައްސަސާއަކާ އެކު އެއް ހިތަކުން ގުޅި ލާމެހިގެންދާފަދަ ގޮތަކަށް މަސައްކަތްކޮށް، ބުރަ މަސްއޫލިއްޔަތު ތަރައްގީކޮށް ކުރިއެރުވުމަކީ އެ ކޯޕަރޭޝަނުގެ އިސް މަސައްކަތެއްގެ ގޮތުގައި ހިމެނޭ ކަންތައްތައް ކަމަށެވެ.

"މި ކޯޕަރޭޝަންގެ އަމާޒަކީ ފެންވަރު ރަނގަޅު، ކަމަށް ކަމޭހިތާ ގައުމުދެކެ ލޯބިވާ، ކުޅިވަރަށް ޝައުގުހުރި ގާބީލް، ގައުމަށް އަރުތަވެރިކަން ހޯދައިދޭ ފަދަ ބަޔަކު ބިނާކުރުމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އެހީތެރިވެދިނުން. ހަމައެހެންމެ ކުޅިވަރު އެސޯސިއޭޝަންތައް ތަރައްގީކުރުމާއި ކްލަބު ޖަމިއްޔާތަކާއި ޖަމާއަތްތައް މި ފަންނުގައި ކުރިއެރުވުން. އަދި އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ފުދުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުޅިވަރު ތަރައްގީކުރުން،" އޭނާ ވިދާޅުވި އެވެ.

ރައްޒާގު އިތުރަށް ވިދާޅުވީ، އެއްބައިވަންތަކަމާއި އެކުވެރިކަމެއް ގާއިމްވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ކުޅިވަރުގެ ތެރެއިން އުފެދިގެންދާ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި މި ކުޑަ ރާއްޖޭގައި ވެސް ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްވެގެންދިޔަ ތިން އަހަރު ކަމަށެވެ.

"މިފަދަ ކާމިޔާބީތަކުގެ ފަހަތުގައި ގިނަ ފަރާތްތަކެއް މިންނަތް މަސައްކަތްތަކެއް ހިމެނޭ. އެ ކާމިޔާބީތަކާ އެ ކާމިޔާބީތައް ހޯދުމަށް ކުރެވުނު މިންނަތް މަސައްކަތާއި ކާމިޔާބީތައް ހޯދަން ކުރި ދަތުރުގައި ދިމާވި ހުރަސްތަކާއި ހުރި ގޮންޖެހުންތައް ކުޅިވަރާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއެކު ހިއްސާކޮށް، ޝުކުރު ހައްގުވާ ފަރާތްތަކަށް ޝުކުރު އަދާކުރުމާއި، ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ނައްތާލުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާ ބައްދަލުކޮށް، އެ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކާއި ކާމިޔާބީތައް އަދި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައުލޫމާތު ހޯދުމަށް ކުޅިވަރު އިޖްލާސް މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

comment ކޮމެންޓް