އެމެރިކާގެ އައިއައިއައިޓީން އައިޔޫއެމަށް ދިން ޕީއެޗްޑީ ސްކޮލަޝިޕްތައް އިއުލާންކޮށްފި

އައިޔޫއެމްގެ ފުރަތަމަ ކޮންވޮކޭޝަންގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް ދިން ޕީއެޗްޑީ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)ގައި ކިޔެވުމުގެ ފުރުސަތު ދީފައިވާ އެ ހަތަރު ސްކޮލަޝިޕް ތެރޭގައި ހިމެނޭ ދާއިރާތަކަކީ އެޑިއުކޭޝަން، އިސްލާމިކް ރިވީލްޑް ނޮލެޖް އިސްލާމިކް ފައިނޭންސް އަދި ލޯ އެވެ.

ސްކޮލަޝިޕް ފުރުސަތުގައި ޓިއުޝަންފީ އާއި ކިޔެވުމަށް ބޭނުންވާނޭ މެޓީރިއަލްސް ގޮތުގައި ޔުނިވާސިޓީން ކަނޑައަޅާފައިވާ މެޓީރިއަލްސްގެ އިތުރުން މަހަކު 850 މެލޭޝިއަން ރިންގިޓް (190 އެމެރިކާ ޑޮލަރު) ދޭނެއެވެ.

އޭގެ އިތުރުން ސެޓެލްމަންޓް އެލަވެންސްގެ ގޮތުގައި 1000 ރިންގިޓް (224 އެމެރިކާ ޑޮލަރު) ސްކޮލަޝިޕަށް ހޮވޭ ކޮންމެ ދަރިވަރަކަށް ލިބޭނެއެވެ.

ކޯސް ފުރިހަމަ ކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑުކޮށްދޭ އެ ސްކޮލަޝިޕްތަކަށް ދިވެހި ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭއިރު، ދަރިވަރުން ހޮވުމުގައި ޔުނިވާސިޓީގެ ދާއިމީ އަދި ޕާޓްޓައިމް މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ބުނިގޮތުގައި، އައިއައިއައިޓީން އެ ޔުނިވާސިޓީއަށް ދިން އެ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ދުނިޔޭގެ އެކިއެކި އިސްލާމީ ޔުނިވާސިޓީތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އައިއައިއައިޓީ ޖަމިއްޔާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އުފައްދައި ތަރައްގީކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މުއައްސަސާއެކެވެ.

މީގެ އިތުރުން، އިލްމީ ދިރާސާކުރުމައި އިސްލާމީ އުންމަތުގެ އިލްމީ ހަޟާރަތު ކުރިއެރުވުމަށްޓަކައި އެކި ދިރާސާތައް ކުރުމާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ނުހަނު ގިނަ މަސައްކަތްތަކެއް އެ ޖަމިއްޔާއިން ކުރެއެވެ.

އެގޮތުން، އައިއައިއައިޓީ އާ ގުޅިގެން މިދިޔަ އޮޮގަސްޓް މަހުގެ ތެރޭގައި އިސްލާމީ ޔުނިވާސިޓީން ވަނީ އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިކޮށްގެން ދިރާސާ ކުރުމާ ގުޅޭ މަހާސިންތާއެއް ބާއްވާފައެވެ.

މީގެ އިތުރުން އައިއައިއައިޓީގެ ފުލް ސްކޮލަޝިޕްގައި ބައެއް ދިވެހި ދަރިވަރުން މިހާރު ވެސް ގެންދަނީ މެލޭޝިއާގައި ތައުލީމް ހާސިލްކުރަމުންނެވެ.

އެމެރިކާގެ އައިއައިއައިޓީން އައިޔޫއެމްއަށް ދިން ޕީއެޗްޑީ ސްކޮލަޝިޕްތަކަށް ކުރިމަތިލުުމުގެ ފުރުސަތު އައިޔޫއެމް އިން ހުޅުވާލާފައިވާއިރު، ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ) ފަރާތުން އެ ޔުނިވާސިޓީއަށް ދީފައިވާ ހަތަރު ޕީއެޗްޑީ ފުރުސަތާއި މާސްޓާސް ފެންވަރަށް ކިޔެވުމުގެ އެއް ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

comment ކޮމެންޓް