އުމްރާއަށް ނުފުރި ތިބި މީހުންނަށް ސަރުކާރުން ޗާޓަރު ފްލައިޓެއް ހަމަޖައްސައިފި

ބަޔަކު އުމްރާއަށް ފުރަނީ - ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން

އެކިއެކި ސަބަބުތަކާ ހުރެ އުމްރާއަށް ނުފުރި ތިބި މީހުންނަށް ޗާޓަރު ފްލައިޓެއްގައި އުމްރާއަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ބައެއް ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ތައްޔާރުވެފައިވާ ފަރާތްތަކުގެ ތެރެއިން ނުފުރި ތިބި މީހުންނަށް މޯލްޑިވިއަން އިން 200 މީހުންގެ ޖާގައިގެ ފްލައިޓެއް ހަމަޖައްސާފައިވާ ކަމަށެވެ. ޗާޓަރު ފްލައިޓަކުން އުމްރާވެރިން ފުރުވާލުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4.00 ގައި ކަމަށް އެ މިިނިސްޓްރީން ބުނެ އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ބައެއް އުމްރާވެރިންނަށް ނުފުރުނީ ވިސާ ހަމަނުޖެހިގެން ނޫން ކަމަށާއި، ނަމަވެސް ވިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ.

"ވިސާ ނުލިބިގެނެއް ނޫން. އެހެން ނަމަވެސް މިޒަމާނުގައި ހުރިހާ ކަމެއް މިކުރަނީ އިންޓަނެޓް މެދުވެރިކޮށް ކަމަށްވާތީ ދިމާވި ކުޑަކުޑަ ޓެކްނިކަލް މައްސަލައެއްގަ ވިސާ ލިބުން ލަސްވެގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާދަަމާގެ ނިޔަލަށް އުމްރާއަށް ނުފުރި ބާކީ ތިބި ހުރިހާ އުމްރާވެރިން ފުރާނެ ކަމަށާއި، އެކަމުގައި މޯލްޑިވިއަން އިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނުއްސުރެ އެކަންތައް ހައްލުކުރުމަށް މޯލްޑިވިއަނުންނާއި މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުމްރާއަށް ދިޔުމަށް އަމިއްލަ ބައެއް ޖަމާއަތްތަކަށް ފައިސާ ދެއްކި ނަމަވެސް ވިސާ ހަމަނުޖެހުމުގެ ސަބަބުން ބައެއް މީހުންނަށް ވަނީ ފުރޭ ގޮތް ނުވެފައެވެ. އެގޮތުން އިއްޔެ އަސްކޮއި ގްްރޫޕްގެ ހަވާލުގައި ފުރަން ހަމަޖެހިފައިވާ 38 މީހުންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ފުރިފައިނުވާ ކަމަށް އަސްކޮއި ގްރޫޕުން ރޭ ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް ދާ މީހުންގެ ވިސާ ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކަމަށާއި، އުމްރާވެރިންނަށް ނުފުރި ލަސްވެގެން ދިޔައީ، ޕާސްޕޯޓުގައި ތައްގަނޑުޖެހުން ފަދަ ކަންކަން ލަސްވެގެން ދިއުމާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް