ބިލިއަން އަހަރު ވަންދެން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި ގެމްބިއާގެ ރައީސަށް އިންތިހާބުން ނާކާމިޔާބީ

ގެމްބިއާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން ރައީސް ޔަހުޔާ ޖަމޭހްގެ ޕޯސްޓަރެއް ވީދަނީ -- ފޮޓޯ: އޭޕީ

ބަންޖުލް (ޑިސެމްބަރު 4): ގެމްބިއާގައި އެއް ބިލިއަން އަހަރު ވަންދެން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި ރައީސް ޔަހުޔާ ޖަމޭހް އެ ގައުމުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެއްޖެ އެވެ.

މީގެ 22 އަހަރު ކުރިން ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އިދިކޮޅު ފަރާތްތަކަށް އަނިޔާވެރި ވެރިކަމެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ރައީސް ޖަމޭހް ވަނީ ބަލި ގަބޫލު ކުރައްވާ، އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގެމްބިއާގެ ރިޔާސީ އިންތިހާބުން 36.7 ޕަސެންޓު ވޯޓު ޖަމޭހް އަށް ލިބިލެއްވި އިރު ބަރޯ ވަނީ 45.5 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ.

ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ -- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގެ ފިހާރައެއްގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ މީގެ ކުރިން އަދާ ކުރެއްވި އަދި ސިޔާސީ އެއްވެސް މަގާމެއް މީގެ ކުރިން ފުރުއްވާފައި ނުވާ ބަރޯ ވަނީ އެއިންތިހާބުގެ ނަތީޖާއާ އެކު އާ ގެމްބިއާއެއް އުފަންވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވަނީ އެ ގައުމުގައި ތިބި ހުރިހާ ސިޔާސީ ހައްޔަރީން މިނިވަން ކޮށް، ކޮމަންވެލްތާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ގެމްބިއާ ވަކި ކުރަން ޖަމޭހް ނިންމެވި ނިންމެވުން ބަދަލު ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ރައީސް ޖަމޭހް ވަނީ ގެމްބިއާއަކީ އިސްލާމީ ޖުމްހުއްރިއްޔާއެއް އޮތް ގައުމެއް ކަމަށް ކަނޑައަޅާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް