ކަހުފު ބާގައިގެ މީހުން ނިދި ހޮހަޅައަށް ދިވެހިންތަކެއް ވަދެއްޖެ!؟

ކަހަފު ބާގައިގެ ޒުވާނުންތަކެއް ތިންސަތޭކަ ނުވަ އަހަރު ވަންދެން ނިދާފައި ތިބި ހޮހަޅާގައި ދިވެހިން: އެ ފުރުސަތު ހޯދައިދިނީ ހައްޖު ކޯޕަރޭޝަނުން --- ފޮޓޯ/ އެމްއެޗްސީ

މިއީ ކަހަފު ބާގައިގެ ޒުވާނުންތަކެއް 309 އަހަރު ވަންދެން ނިދާފައި ތިބި ތަނެވެ. މި ހޮހަޅަ ހުންނަނީ ގުރީކުގެ ގަދީމީ ސިޓީއެއް ކަމަށްވާ އެފިސަސް (މިހާރު އުރުދުންގެ ޢައްމާން)ގަ އެވެ. އަނިޔާވެރި ރަސްކަލެއްގެ ކިބައިން ސަލާމަތް ވުމަށް މީގެ އެތައް ހާސް އަހަރެއް ކުރިން ކަހުފު ބާގައިގެ ނުވަ ވަރަކަށް ޒުވާނުން އެ ހޮހޮޅައަށް ވަނެވެ. މާތްﷲގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް އަޒުމް ކަނޑައެޅި އެ ޒުވާނުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވެސް ނަންގަނެވިފައިވެ އެވެ. ގަދަ ނިންޖަކުން އެ ޒުވާނުން ނިންދެވި ވާހަކަ "އަލްކަހުފު" ސޫރަތުގައި ބަޔާންވެގެންވެ އެވެ.

ކަހަފު ބާގައިގެ ޒުވާނުންތަކެއް 309 އަހަރު ވަންދެން ނިދާފައި ތިބި ހޮހަޅައަށް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ޒިޔާރަތްކުރުން --- ފޮޓޯ/ އެމްއެޗްސީ

މިއީ މުސްލިމުންނާ ގުޅިފައިވާ ސަހަރެކެވެ. މުސްލިމުންގެ ތާރީހީ އެތައް ހާދިސާއެއް ހިނގާފައިވާތަނެކެވެ. މުއުޖިޒާތްފާޅު ކުރެއްވި ބިމެކެވެ.

މިފަދަ ތަންތަނަށް ދިއުމުގެ ފުރުސަތު ލިބެނީ މަދު ދިވެހިންނަށެވެ. އިސްލާމީ ތާރީހާ ގުޅިފައިވާ އެފަދަ ތަންތަނަށް ގޮސް، އެފަދަަ ހާދިސާތައް ހިނގި ތަންތަން ދެކިލުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނީ "ހާލަކުން ފަހަރަކު" އެވެ.

ނަމަވެސް ހައްޖު ކޯޕަރޭޝަންގެ "3ހަރަމް ޢުމްރާ" ދަތުރުގައި ބައިވެރިވި ދިވެހިންނަށް މީގެ ތިން ދުވަސް ކުރިން ވަނީ ކަހުފު ބާގައިގެ މީހުން ނިދި ހޮހަޅަ ބަލާލުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހޯދައިދީފަ އެވެ. ފަންސަވީސް ދިވެހިންނާއެކު ފަލަސްތީނާއި މަދީނާ އާއި މައްކާއަށް ކުރާ ދަތުރުގައި އެ ހޮހޮޅަ ބަލާލުމުގެ ފުރުސަތު ލިބުނު ދިވެހިން ތިބީ ހިންހަމަޖެހިފަ އެވެ. އިބުރަތުން ފުރިފައިވާ ހާދިސާތަކާ ގުޅިފައިވާ އެފަދަ ތަންތަން ބަލާލުމަކީ އިމާންކަން އިތުރުވާނެ ކަމެކެވެ.

"ދިވެހިން ތިބީ ވަރަށް ވެސް ހިތްހަމަޖެހިފައި. ވަރަށް ޝައުގުވެރިވެފައި ތިބީ އެކަހަލަ ވާހަކައެއް ހިނގާފައިވާ ތަނެއް ފެނުނީމަ،" މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެ ދަތުރަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ދަތުރެކެވެ. "އިސްލާމިކްޓުއާ"ގެ ނަމުގައި މިދިޔަ އަހަރު ކުރި އެ ދަތުރުގައި ބައިވެރިވި ފަރާތްތަކަށް މިސްރުގެ ޕިރަމިޑުތަކާއި ފިރުއައުނު ބަލާލުމުގެ ފުރުސަތު ހޯދައިދިނެވެ. މިސްރު ހިމަނައިގެން އަންނަ އަހަރު ވެސް "3ހަރަމްގެ އުމްރާ" ދަތުރު ކުރިއަށް ގެންދާނެ އެވެ. އެ ދަތުރުގައި ފިރުއައުނު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ކަހުފު ބާގައިގެ މީހުންގެ ވާހަކައަށް ނަޒަރެއް!

ހޮހަޅައެއްގެ ތެރޭގައި ކަހުފު ބާގައިގެ ޒުވާނުންތަކެއް އެތައް ސަތޭކަ އަހަރެއް ވަންދެން ނިދާފައި ތިބި ވާހަކަ ތާރީހީ ފޮތްތަކުގައި އެކި ގޮތްގޮތަށް ލިޔެފައިވެ އެވެ. ކީރިތި ޤުރުއާނުގައި ވެސް އެ ވާހަކަ ތަފްސީލުކޮށް އަންގަވާފައެއް ނުވެ އެވެ. ހޮހަޅައިގެ ތެރޭގައި ނިދާފައި ތިބީ ކިތައް މީހުން ކަމެއްކަން ގުރުއާނުގައި ނަންގަނެވިފައެއް ނުވެ އެވެ.

ކަހަފު ބާގައިގެ ޒުވާނުންތަކެއް ތިންސަތޭކަ ނުވަ އަހަރު ވަންދެން ނިދާފައި ތިބި ހޮހަޅައަށް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ޒިޔާރަތްކުރުން --- ފޮޓޯ/ އެމްއެޗްސީ

ކީރިތި ޤުރުއާނާއި ގަދީމީ ބައެއް ފޮތްތަކުން އެނގެން އޮތް ގޮތުގައި އެ ހޮހަޅައިގެ ތެރޭގައި ނިދި މީހުންނަކީ އޭރުގެ ރޯމަން އެމްޕެރާ ޑެސިއަސް އަށް ގައްދާރުވުމުގެ ކުށުގައި މަރަން އުޅުނު ބައެއް ކަމެވެ. އެ މީހުން މަރަން އުޅުނީ ބުދުތަކަކަށް އަޅުކަން ކުރުމަށް އެމްޕެރާ އަމުރު ކުރެއްވުމުން އެކަމަށް އިންކާރު ކުރި ކަމުގެ ކުށުގަ އެވެ. އެ މީހުން ބުނަމުން ދިޔައީ ﷲ މެނުވީ އެހެން ފަރާތަކަަށް ބޯ ނުލަނބާނެ އެވެ.

އެ އަނިޔާވެރި އެމްޕެރާގެ ކިބައިން ސަލާމަތްވުމަށް ރަށް ބޭރު ހޮހަޅައަކަށް އެ މީހުން ފިލަންދިޔަ އެވެ. އަދި ރައްކާތެރިކަމާއި ސަލާމަތް ކަމަށް އެދި އެ މީހުން މާތްﷲ އަށް ދުއާ ކުރި އެވެ. އެ ހިނދު މާތްﷲ އެ މީހުންގެ ކަންފަތަށް "އަޑު ނީވޭނެހެން" ގަދަ ނިންޖެހެއްގައި އެ މީހުން 309 އަހަރުވަންދެން ނިދާފައި ބޭތިއްބެވި އެވެ.

އެ މީހުން ނިދީން ހޭލެވުނުއިރު ޒަމާން ބަދަލުވެއްޖެ އެވެ. ވާހަކަ ދައްކާ ބަހުރުވަ އާއި ފޭރާމާއި ފައިސާ ވެސް ބަދަލުވެއްޖެ އެވެ. އެ މީހުންނަށް ނިދުނުހެން ހީވީ އެއް ދުވަސް ނުވަތަ ދުވަހެއްގެ ބައެއްގައި ކަން އެ މީހުން ބުނެ އުޅުނު ކަމަށްވެ އެވެ.

މީހުން ދިރިއުޅޭ ހިސާބުތަކަށް އެ މީހުން ދިޔައީ ތާޒާ ކާނާ ގަތުމަށް ފައިސާ ހިފައިގެންނެވެ. ނަމަވެސް އެ މީހުންނަކީ ކޮން ބައެއްކަން އެނގެން ބޭނުންނުވާ ހާލުގަ އެވެ. ނަމަވެސް އެ މީހުންނަކީ ކޮން ބައެއް ކަމާއި އެ މީހުންނަށް ނިދުނީ ކިހާ ދުވަހަކުކަން އެ ހިސާބުން އެނގުނެވެ.

ކަހަފު ބާގައިގެ މީހުންގެ އެ ހާދިސާއިން ލިއްބައިދިން އިބުރަތަކީ ޝައިތާނީ އަދި ފިތުނަ ވަށައިގެންވާ މާހައުލެއްގައި އުޅުނު ޒުވާނުންތަކެއް މާތްﷲގެ މަގުގައި ސާބިތުވެ ތިބެން ބޭނުންވާނަމަ އެކަމަށް އިރާދަކުރައްވާކަމުގެ އަލިގަދަ ދަލީލެކެވެ.

ހޮހަޅަ މިހާރު ހުރީ ކިހިނެއް؟

ހޮހަޅަވާ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނަށް ވަދެނުކުމެވޭނެ ލުއިފަސޭހަ ގޮތްތަކެއް މިހާރު ހަދާފައި ހުރިނަމަވެސް، ހޮހަޅަތެރޭގައި ނިދި މީހުންގެ ހަނދާންތައް އަދިވެސް އެތަނުން ފެންނަން އެބަހުއްޓެވެ.

ކަހަފު ބާގައިގެ ޒުވާނުންތަކެއް ތިންސަތޭކަ ނުވަ އަހަރު ވަންދެން ނިދާފައި ތިބި ހޮހަޅައަށް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ޒިޔާރަތްކުރުން --- ފޮޓޯ/ އެމްއެޗްސީ

އެތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަނުގައި ނިދި މީހުންގެ ކަށިތައް ފެންނާނޭހެން ޑިސްޕުލޭ ކޮށްފައި ހުރެ އެވެ. އޭގެ އިތުރުން ގަދީމީ ބައެއް އާލާތްތަކާއެކު ހޮހަޅަތެރެ ޒީނަތްތެރިކޮށްފައިވާއިރު، ހޮހަޅައިގެ މައި ދޮރާ، މަތިން އިންނަ ލޯވަޅަކުން ނޫން ގޮތަކަށް އެތަނަކަށް އަލިވަންނާނެ ގޮތެއް ނުހުރެ އެވެ. އެހެންކަމުން އެތަނުގެ އިހުސާސް ކުރެވޭލެއް އިތުރަށް ބޮޑުވެގެންދެއެވެ.

ކަހުފު ސޫރަތުގެ މާތްކަން

އެ ޒުވާނުންނަށް މާތްﷲ ދެއްކެވި ކުޅަދުންވަންތަކަމުގެ ހެކީގެ މައްޗަށް ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކަހަފް ސޫރަތުގެ މާތްކަމާއި ބެހޭ ގޮތުން ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އެގޮތުން ވާރިދުވެފައިވާ ބައެއް ހަދީޘް ތަކުގެެ މާނައިގައިވެއެވެ.

"ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފި މީހަކަށް އަނެއް ހުކުރާއި ދެމެދުގައި އަލިކަމެއްވެ އެވެ،"

އޭގެ އިތުރުން ރިވާވެގެންވެ އެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. "ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ 'ފިތުނައި' ރައްކާތެރިވެގެންވެއެވެ."

އަދިވެސް ރިވާވެގެންވެ އެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. "ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

ހުކުރު ދުވަހަކީ މާތްވެގެންވާ ދުވަހެއްކަން ސައްހަ ހަދީޘްތަކުން ސާބިތުވެގެންވާއިރު، ހުކުރަށް ދިޔުމުގެ ކުރިން ކިޔެވިޔަސް އަދި ހުކުރަށް ގޮސް ކަހްފު ސޫރަތް ކިޔެވިޔަސް ވެސް އެންމެ ރަނގަޅެވެ. ބޭނުމަކީ ހުކުރު ދުވަހު އެ ސޫރަތް ކިޔެވުމެވެ. އަދި މިއީ ގިޔާމަތް ދުވަހާ ހަމައަށް އެ ހާދިސާގެ ޒިކުރުތައް އާވެގެންދާނެ ކަމެކެވެ.

comment ކޮމެންޓް