Sun Online
https://sun.mv/uploads/l_830448.jpg

ސިވިލް ސާވަންޓުންނަށް ލިބޭ މުސާރައިގެ ތަފްސީލު އާއްމުކޮށްފި

ލިޔުނީހައްވާ ލުބްނާ
ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނާއި އެމީހުންނަށް ލިބޭ މުސާރަ އާއި އެލަވަންސްތަކުގެ ތަފްސީލު ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށްފި އެވެ.

އެ ކޮމިޝަނުގެ ވެބްސައިޓުގައި މިދިޔަ މަހުގެ 15 ގައި ޝާއިއުކޮށްފައިވާ "ސިވިލް ސާވިސް މުވައްޒަފުންގެ ރަޖިސްޓްރީ"ގައި ސަރުކާރުގެ 13 މިނިސްޓްރީ އާއި އޮޑިޓާ ޖެނެރަލް އޮފީހާއި މީޑިއާ ކައުންސިލާއި ކައުންސިލްތަކުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ނަމާއި މަގާމާއި އަދި އެމީހުންނަށް ލިބޭ މުސާރަ އާއި އެލަވަންސްގެ ތަފްސީލު ބަޔާންކޮށްފައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ، އެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރީ އެކި މުއައްސަސާތަކުން ގެންގުޅޭ ލިސްޓުތަކުގައި މުވައްޒަފުންގެ މުސާރަ ތަފާތުވާތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައެއް މުވައްޒަފުން ވެސް ޝަކުވާ ހުށަހަޅަމުންދާތީ، އެންމެންނަށް ފެންނަ ގޮތަށް އެ މައުލޫމާތު ވެބްސައިޓުގައި އާއްމުކުރަން ނިންމެވީ ކަމުގައި ވެސް ޖިހާދު ވިދާޅުވި އެވެ.

"ބައެއް ފަހަރު މިނިސްޓްރީ އޮފް ފިނޭންސާއި އެހެން އޮފީސްތަކުގެ ރަޖިސްޓްރީއާ ވެސް ތަފާތު އެބަވޭ. އަދި ބެޖެޓުންނާއި ކޮމިޝަނުގެ އަދަދުތަކާ އެބަތަފާތުވޭ. އެހެންވީމަ ސާފުކުރަން ވެގެން ]ރަޖިސްޓްރީ އާއްމުކުރީ[. އަދި ކޮންމެ މުވައްޒަފަކަށް ވެސް ބަލާލެވޭނެތާ އޭނަގެ މަގާމާއި މުސާރަ،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ރަޖިސްޓްރީގައި ހިމަނާފައި ވަނީ މި އަހަރު މުވައްޒަފުންނަށް ދޭން ފަށާފައިވާ އިއާދަކުރި މުސާރަ އެވެ. އަދި މުވައްޒަފުންނަށް ލިބެން ޖެހޭނީ އެ ރަޖިސްޓްރީގައިވާ މުސާރަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މުވައްޒަފުންނަށް ލިބެން ޖެހޭ މުސާރައިގެ ތަފްސީލު ސިވިލް ސާވިސް ކޮމިޝަނުން އާއްމުކޮށްފައި އެވަނީ، ކުޑަކުރި މުސާރަ ޝީޓް ހަދަން އެންގުމުގެ ބާރު ފިނޭންސަށް ނެތް ކަމަށް ދަށު ކޯޓުންކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން އަމުރު ނެރުނުތާ ފަސް ދުވަސް ފަހުންނެވެ.

އިގުތިސާދީ ހާލަތު ތަން ނުދޭ ކަމަށް ބުނެ ސިވިލް ސާވަންޓުންގެ މުސާރަ ތިން މަސް ދުވަހަށް ކުޑަކުރުމަށް 2009 ވަނަ އަހަރު ސަރުކާރުން ނިންމާފައިވަނިކޮށް، އެ މުއްދަތު ހަމަވުމުން ސިވިލް ސާވިސް އިން ވަނީ ޖެނުއަރީ 2010 އިން ފެށިގެން މުސާރަ އިއާދަކޮށްފަ އެވެ. އަދި އުނިކުރި ބައި ހިމަނައިގެން މުސާރަ ޝީޓު ތައްޔާރުކުރުމަށް އޮފީސްތަކަށް އެންގުމުން ފިނޭންސުން ވަނީ ކުޑަކުރި މުސާރަ ޝީޓު ތައްޔާރުކުރުމަށް އޮފީސްތަކަށް އަންގައިފަ އެވެ. އެ މައްސަލަ ހޫނުވެ، ސީއެސްސީން ޝަރީއަތަށް ހުށަހެޅުމުން މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރު ނެރުނީ ކުޑަކުރި މުސާރަ ޝީޓު ތައްޔާރުކުރުމަށް އެންގުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ފިނޭންސުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރުމުން، ހައިކޯޓުން ހުކުމްކޮށްފައި ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ރަޖިސްޓްރީ ތިރީގައިވާ ލިންކުން ފެންނާނެ އެވެ.
http://beta.csc.gov.mv/office_lists/index.htm
×
DB released.