ރަންބީރު "ފިރިހެންވަންތަ" ރޯލު ކުޅެން ވެއްޖެ ކަމަށް ބުނެ ސަންޖޭ އޭނާއަށް މަލާމަތް ކޮށްފި

ސަންޖޭ ދަތު އަދި ރަންބީރު ކަޕޫރު --

ބޮލީވުޑްގަައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ރަންބީރު ކަޕޫރު އަކީ "ސޮފްޓީ" އެއް ކަމަށާއި އޭނާ "ފިރިހެންވަންތަ" ރޯލު ކުޅެން ވެއްޖެ ކަމަށް ބުނެ، ކާމިޔާބު އެކްޓަރު ސަންޖޭ ދަތު ރަންބީރަށް މަލާމާތް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އިންޑިއާ ނޫސްތައް ބުނާގޮތުން ރަންބީރު މިހާތަނަށް ކުޅެފައިވާ ރޯލުތަކުގައި ހަގީގީ ފިރިހެންވަންތަކަން ނެތް ކަމަށް ސަންޖޭ މަލާމަތްކޮށްފައި ވަނީ ޕާޓީ އެއްގެ ތެރެއިން، މަސްތުގެ ހާލަތުގައި ހުރެ އެވެ.

ރަންބީރާ ދިމާލަށް ސަންޖޭ އެފަދަ އެއްޗެއް ބުނެފައި ވާއިރު، ސަންޖޭގެ ހަޔާތުގެ މައްޗަށް ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރާނީ ރަންބީރެވެ.

ޚަބަރުތައް ބުނާގޮތުން، ސަންޖޭ ވަނީ ވަރަށް ފަހުން ރަންބީރުގެ ހިޓް ފިލްމު 'ބަރްފީ' ބަލައިފައެވެ. އަދި އެ ފިލްމު ބެލުމަށް ފަހު، ޕާޓީ ތެރެއިން ރަންބީރު ފެނުމުން ސަންޖޭ ވަނީ އެފަދަ ފިލްމުތައް ކުޅުން ހުއްޓާލުމަށް ފަހު ރަންބީރު "ބަޑި ހިފައިގެން"، "މާޗޯ ރޯލް" ތައް ކުޅެން ވެއްޖެ ކަމަށް ބުނެފައެވެ.

ސަންޖޭ އަކީ އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު އެކްޓަރެކެވެ. ސަންޖޭ ވަނީ ރަންބީރު ހިމަނައިގެން އޭނާ ފިލްމެއް އުފައްދާ ނަމަ އެ ފިލްމަށް ކިޔާނީ "ލައްޑޫ"، ނުވަތަ "ޖަލޭބީ" ކަމަށް ވެސް ބުނެފައެވެ.

"ރަންބީރު ވާންވީ މާޗޯ މީހަކަށް. މާޗޯ ފިލްމުތަކުގައި އެކްޓު ކުރަން ފަށާ. ބަރްފީ ކަހަލަ ފިލްމުތަކެއް އަބަދު ނުކުޅެވޭނެ. ބަޑި ހިފައިގެން އެކްޝަން ފިލްމު ކުޅެންވީ. އަހަންނާ، އަކްޝޭ އަދި ސަލްމާން ވެސް އެކްޝަން ފިލްމު ނުކުޅުނު ނަމަ، މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާލެވޭނެ ކަމަށް ހީވޭތަ؟ ރަންބީރާ އޯޑިއެންސާ އެއްވެސް ގުޅުމެއް ނެތް. އެ ގުޅުން ވަރަށް މުހިންމު" ރަންބީރާ ދިމާލަށް ސަންޖޭ ބުނެފައިވާ ކަމަށްވެ އެވެ.

ސަންޖޭގެ ވާހަކަތަކަށް ރަންބީރު ރައްދު ދިނުމުގެ ކުރިން، ސަންޖޭގެ އަންހެނުން ވަނީ ސަންޖޭ އިތުރު ވާހަކައެއް ދެއްކިޔަ ނުދީ ހުއްޓުވައިފައެވެ. ސަންޖޭ ވަނީ މީގެ ކުރިން، އޭނާގެ ބަޔޮޕިކް އަށް ރަންބީރަށް އެއްވެސް ކަހަލަ އިރުޝާދެއް ނުދޭ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުދޭނެ ކަމަށް ބުނެފައެވެ.

"ރާޖޫ (ރާޖްކުމާރު ހިރާނީ) އެކަން ކުރާނެ. ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް. އޭނާ އާމެދު ހާސްވާކަށް ނުޖެހޭ،" މީގެ ކުރިން ސަންޖޭ ބުނެފައިވެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގައެވެ.

ސަންޖޭގެ ބަޔޮޕިކް ގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި، ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ސަންޖޭ ވަނީ ޖަލުގައި ހުރި އަހަރުތަކުގައި ވެސް ބައެއް ފިލްމުތަކުގެ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި 'އުންގްލީ'، 'ޕޮލިސްގިރީ' އަދި 'ޕީކޭ' ހިމެނެ އެވެ. ސަންޖޭ މިހާރު އަންނަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ' އާއި އެކު ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް