އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

ފަންވަރާއި ބުންވަރު ހުރި އަފްރާދީ ބާރެއް މިއުންމަތަށް ދެއްވައިފައިވުމެވެ. އިންތިހާ ދަރަޖައިގެ ވިޔަނަ އެހާމެ މިނިހެޔޮ އުންމަތެއް ކަމުގައި މިއުންމަތް ލައްވައިފައިވުމެވެ.

އެހެންކަމުން ކުރީންވެސް ދެންނެވި ފަދައިން އިސްލާމްދީން އެއްވެސް ދުވަސްވަރެއްގައި އެދީނަށް ކުރިމަތިވި ޙަމަލާއަކަށް އައްޑަނައެއްގެގޮތުގައި މޭ ދައްކައިނުލައި ހަތިޔާރެއް ނުބަހައްޓައެވެ. އިސްލާމީ ރޫޙު ދުވަހަކުވެސް ހަނގުރާމައިގެ މައިދާނުގައި ބަލިކޮށެއްނުލެވެއެވެ. މުސްލިމުންގެތެރޭގައި އުފެދޭ ފިކުރީ ޝަޚްޞިއްޔަތުތަކާއި، ގަލަމުގެ މުޖާހިދުން ތަޙްރީފުތަކާއި ތައުވީލުތަކުގެ ބޯ ފަރުދާ ފަޅުއްވައިލައްވައެވެ. އިސްލާމްދީނުގެ ޙަޤީޤަތް ހާމަކުރައްވައި މާތްﷲގެ ޚާލިސްދީނުގެ ފަނާރުތައް ބިނާކުރައްވައެވެ. ބިދުޢަތަކާއި، ފާރިސީ ނުވަތަ ޤައިޞަރީ ނުފޫޒާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގަންނަވައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ވަރުގަދަޔަށް ޙިމާޔަތްކުރައްވައެވެ. މާއްދިއްޔަތާއި ނަފުސާނީ ލައްޒަތަށް އަޅުވެތިވުމުގެ މޫތައް ބުރިބުރިކޮށްލައްވައެވެ. ރަސްރަސްކަލުންގެ ކުރިފުޅުމަތީގައިވެސް ޙައްޤުބަސް ވިދާޅުވެ ހަމައެކަނި ބުއްދީގެ މަގުދެއްކުމަށް ބާރުއަޅާމީހުންގެ ސިހުރު ބާޠިލްކޮށްލައްވައެވެ. އިސްލާމީ ރޫޙު އަލުން ހޭލައްވައި ދީނީ ފިކުރު ކުރިޔަށް ނެރުއްވައެވެ. މުސްލިމުންގެ އީމާންކަން އަލުން ތާޒާކުރައްވައި ނިދީން ހޭލައްވައެވެ.

މުސްލިމުންގެ ތެރެއިން މިދެންނެވި މުހިންމަތާއިގެން ތެދުވެވަޑައިގަންނަވަނީ ވިސްނުމާއި ފިކުރާއި، ޢިލްމީ ފެންވަރާއި އަޚްލާޤާއި ރޫޙާނިއްޔަތުގެ ރޮނގުން ފިސާރި ވިޔަނަ ޝަޚްޞިއްޔަތުންނެވެ. ހިތްވަރާއި ފަންވަރު ހުންނަ ޖާދުވީ ޝަޚްޞިއްޔަތުގެވެރިންނެވެ. ޖާހިލިއްޔަތާއި މަގުފުރެއްދުމުގެ ކޮންމެ އަނދިރިކަމެއް ދުރުކޮށްލެއްވޭފަދަ ނޫރާނީ އަތްޕުޅުތަކެއްގެވެރިންނެވެ.

އުމަވީ ދައުރުގައި އަހްލުބައިތުންގެ ޢާލިމުންގެ އިތުރަށް ތާބިޢީންގެ ތެރެއިން ސާލިމު ބިން ޢަބްދުﷲ ބިން ޢުމަރު އާއި، ޤާސިމު ބިން މުޙައްމަދު ބިން އަބީބަކުރު އާއި، ސަޢީދު ބުނުލް މުސައްޔިބު އާއި ޢުރުވަތު ބުނުއްޒުބައިރު ފަދަ ބޭކަލުންނަކީ މުސްލިމުންގެ ނަމޫނާ ޝަޚްޞިއްޔަތުންނެވެ. އެބޭކަލުންގެ ޢިއްޒަތުންނަފުސުގެ ބާރާއި، ސަރުކާރާ ގުޅުމެއް ނުބޭއްވެވުމާއި، ޙައްޤުބަސް ވިދާޅުވުމާއި، ޢިލްމުވެރިކަމުގެ ބޮޑުކަމާއި، މަތީ ދަރަޖައިގެ ޚިދުމަތުގެ އަޚްލާޤީ ބާރުން މުސްލިމުން ސީދާ ރާސްތާއިން ކުރިޔަށް ގެންދެވިއެވެ. އުމަވީ ރަސްކަމުގެ ސަބަބުން މުސްލިމުންގެ ތެރެއަށް އަންނަމުންދިޔަ ނުރަނގަޅު ބަދަލުތަކަށް މުޅީން ހުއްޓުން އަރުއްވައި ނުލެއްވުނުކަމުގައި ވިޔަސް އެބޭކަލުންގެ މަސައްކަތްޕުޅަކީ އަގެއްނެތް އަދި ނަތީޖާއެއް ނެތް މަސައްކަތްޕުޅުތަކެއް ނޫނެވެ. އެބޭކަލުންގެ މަސައްކަތްޕުޅުން މުސްލިމުންގެތެރޭގައި ކޮންމެވެސް މިންވަރެއްގެ "ވަޒަންހަމަކަމެއް" އުފެދެމުން ނެތެމުން ދިޔައެވެ. ދީނުގެ އިޙްތިރާމް ދެމިއޮތެވެ.

ނަމަވެސް އުމަވީރަސްކަމުގެ ދުވަސްތައް ދިގުލަމުން ދިޔަވަރަކަށް ސިޔާސީ އިންޤިލާބުގެ ނުފޫޒު ދިޔައި ވަރުގަދަވަމުންނެވެ. ފުނަށް މޫ ފައިބަމުންނެވެ. އިސްލާމްދީނުގެ އަސްލު އަޚްލާޤު ޙިމާޔަތްކުރައްވާ ދީނީ ޝަޚްޞިއްޔަތްތައްވެސް މަދުމަދުން އައީ ތުނިވަމުންނެވެ. ސީދާ ސަރުކާރަށް ކޮންމެވެސް ކަހަލަ ހެޔޮބަދަލެއް އައިސްގެން މެނުވީ އަޚްލާޤީ އަދި ދީނީ އިންގިލާބެއް އައުމުގެ އެއްވެސް އެކަށޭނަކަމެއްގެ އަސަރެއް "ދުރުން މާ ދުރުދުރުންވެސް" ފެންނާކަށެއްނެތެވެ.

އުމަވީ ދައުލަތް ބިނާވެފައި އޮތީ ފަސޭހައިން ގުޑުވައިލެވޭ ވަރަށްވުރެ ވަރުގަދަ ޢަސްކަރީ ބިންގަލެއްގެ މަތީގައެވެ. އެދުވަސްވަރުގެ ދުނިޔެއަށް ބަލާއިރު އެދައުލަތަށް ލޮޅުމެއްވެސް އަރުވައިލެވޭފަދަ އަސްކަރީ އެއްވެސް ބާރެއް ދުނިޔެއަކު ނެތެވެ. މުސްލިމުންގެ ތެރެއިން އެ ދައުލަތާ ދެކޮޅަށް އުފެދުނު އަސްކަރީ ޙަރަކާތްތައްވެސް ވަނީ ނާކާމިޔަބުވެފައެވެ. އޭގެތެރެއިން އެއް ޙަރަކާތަކީ އަލްއިމާމު ހުސައިންބިން ޢަލީ ރަޟިޔަﷲ ޢަންހުގެ އިޚްލާސްތެރި ޤުރްބާނީއެވެ. އަނެއް ހަރަކާތަކީ ޢަބްދުﷲ ބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހުގެ ހިތްވަރުފުޅުގަދަ އަދި ރޭއްވެވުންތެރި މަސައްކަތްޕުޅެވެ. އެހެންކަމުން ޢަސްކަރީ އެއްވެސް ހަރަކާތަކަށް އެ ދައުލަތުގެ ބިންގާ ގުޑުވައިލެވުމުގެ އެއްވެސް އެކަށޭނަކަމެއް ފެންނާކަށެއްނެތެވެ. ޝަޚްސީ އަދި ވިރާޘީ އުމަތީ ދައުލަތުން މުސްލިމުންގެ ނަސީބުގައި ސިއްކަޖަހައިފައިވާ ކަހަލައެވެ. އެހެންކަމުން އިސްލާމްދީން އަލުން ދިރުވައި އާކޮށް ޙާލަތު ބަދަލުކުރުމަކީ މުޢުޖިޒާއަކުން މެނުވީ ނުވާނެ ކަމެއްކަން ވަނީ ކަށަވަރުވެފައެވެ. ޤިޔާމަތާ ހަމަޔަށް މިދީން ދެމެހެއްޓެވުމަށްޓަކައި އަރަހުށި މާތްﷲ ރާއްވަވައިފައިވަ ހަމަތަކުގެ މަތީން އެކަލާނގެ ޙަޟުރަތުން މުޖައްދިދަކު ފޮނުއްވުމަށް މަސްރަޙު އޮތީ ތައްޔާރުވެފައެވެ. އަރަހުށި މާތްﷲ އެ މުޢުޖިޒާ ފާޅުކުރެއްވި ހަމަ އުމަވީންގެ ޝާހީ ޚާންދާނުގެ ތެރެއިންނެވެ. އެދައުލަތުގެ ދެވަނަބާނީ މަރުވާނު ބުނުލް ޙަކަމުގެ ގޭތެރެއިންނެވެ. އާދެ، އަރަހުށި މާތްﷲ އެކަލާނގެ ރުހިވޮޑިގެންވާ ދީން އަލުން ދިރުއްވައި އާކުރެއްވުމަށްޓަކައި ފާޅުކުރެއްވި މުޢުޖިޒާއަކީ ޢުމަރުޘާނީ ޢުމަރު ބުނު ޢަބްދުލްއަޒީޒް ރަޙިމަހުﷲއެވެ. (ތާރީޚް ދަޢުވަތު ވަ ޢަޒީމަތު: ސައްޔިދު އަބުލް ޙަސަން ޢަލީ ނަދުވީ)

ޢުމަރު ބުނު ޢަބްދުލްއަޒީޒް ރަޙިމަހުﷲ

އާދެ، އަލްޚުލަފާއުއްރާޝިދޫން (އަބޫބަކުރުއްޞިއްދީޤު، ޢުމަރުލްފާރޫޤު، އުޘްމާނު ޛުއްނޫރައިނި، ޢަލީ މުރުތަޟާ ރަޟިޔަﷲ ޢަންހުމް އަޖްމަޢީން) އަށްފަހު އިސްލާމީ ތާރީޚުގެ އުދަރެހުގައި އެބޭކަލެއްގެ ނަންފުޅު އިރެއްފަދައިން އުޖާލާކަމާއެކު ވިދައި ބަބުޅައިފައިވާ ބޭކަލަކީ އަބޫޙަފުޞު ޢުމަރު ޘާނީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެވެ. އެކަލޭގެފާނަކީ އުމަވީ ދައުލަތުގެ އަށްވަނަ ޚަލީފާއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިސްލާމީ ދައުލަތްވަނީ އިންތިހާ ދަރަޖަޔަށް ފުޅާވެފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަރުބިޔަތުކުރެއްވި އިސްލާމީ ލަޝްކަރު ވަނީ، އެޒަމާނުގެ އެނގިފައިވާ ދުނިޔޭގެ ބޮޑުބައި ފަތަޙަކޮށްފައެވެ. މަދީނަތުލް މުނައްވަރާގެ އިރުމަތީން އިންޑިޔާގެ މެދުތެރެޔަށް، ހުޅަނގު އުތުރުން ފަރަންސޭސިވިލާތުގެ ސަރަހައްދަށް، އިރުއުތުރުން ކެސްޕިޔަންކަނޑާ ހަމަޔަށް އިސްލާމީ ދައުލަތުގެ ސަރަޙައްދު އޮތީ ފެތުރިފައެވެ. ނަމަވެސް އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާ ފަދައިން އުމަވީ ވެރިކަމުގައި އިސްލާމީ ދައުލަތުގެ ސިޔާސަތު ވަނީ ދީނީ އަދި އަޚްލާޤީ އިންތަކުން ބޭރުވެފައެވެ. ސީދާ މަގުން އެއްކިބާވެފައެވެ. އެތައްއެތައް ކަމެއްގައި އޮތީ އެތައް ނުބައެއް އުފެދިފައެވެ. އަލްޚުލަފާއުއްރާޝިދޫންގެ ހެޔޮކަމުން ފުރިގެންވާ ދައުރުވަނީ މާޟީގެ ވާހަކަޔަކަށްވެފައެވެ. ނަމަވެސް، ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އެކަލޭގެފާނުގެ ވެރިކަމުގެ ކުރުކުރު މުއްދަތުގައި އެހުރިހާ ފަސާދައެއް މުލުން ލުއްސައިލެއްވިއެވެ. އެކަލޭގެފާނުގެ ތަޖްދީދީ މަސައްކަތްޕުޅުން އިސްލާމީ މިއްލަތުގައި އިސްލާމްދީނުގެ ޙަޤީޤީ ރޫޙު އަލުން އާކުރެއްވިއެވެ. އަލްޚުލަފާއުއްރާޝިދޫންގެ ބަރަކާތްތެރި ދައުރު އަނބުރާ ގެނެސްދެއްވިއެވެ. އެހެންކަމުން އިސްލާމީ ތާރީޚުގެ އެދުރުން އެކަލޭގެފާނުގެ ނަންފުޅު ނުހަނު ޙައްޤުކަންބޮޑު ގޮތެއްގައި ފާހަގަކުރައްވަނީ އަލްޚުލަފާއުއްރާޝިދޫންގެ ފަސްވަނަ ޚަލީފާގެ ޙައިޘިއްޔަތުންނެވެ. އެބޭކަލުން ޢުމަރު ބުނު އަބްދުލްޢަޒީޒަށް އަރުވައިފައިވާ ޝަރަފުވެރި ލަޤަބަކީ ޢުމަރުޘާނީގެ ޢިއްޒަތްތެރި ލަޤަބެވެ.

ނަންފުޅާއި ނަސަބުފުޅާއި ރައްކައުވުން

ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ޤުރައިޝުވަންހައިގެ އިއްޒަތްތެރި ގޮތްޕެއްކަމުގައިވާ ބަނޫ އުމައްޔަތުގެ ބޭކަލެކެވެ. ނަސަބުފުޅުގެ ސިލްސިލާއަކީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ބުނު މަރްވާނު ބުނު އަލްޙަކަމް ބުނު އަލްޢާޞު ބުނު އުމައްޔަތު ބުނު ޢަބްދުޝަމްސު ބުނު ޢަބްދުމަނާފް ބުނު ޤުޞައްޔެވެ. މައިކަނބަލުންނަކީ އުއްމު ޢާޞިމެވެ. އެކަމަނާއަކީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަނބަލެކެވެ. އެހެންކަމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ނާރުފުޅުތަކުގައި ހިނގާ ލޭފޮދު ތަރުކީބުވެފައިވަނީ ފާރޫޤީ ލޭފޮދާވެސް އެކުވެގެންނެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ މާމާފުޅަކީ ވަރަށް ދީންވެރި ނުހަނު މާތް ޚަޞީލަތެއްގެވެރި ބޭކަނބަލެކެވެ. އަމީރުލް މުއުމިނީން ޢުމަރުލް ފާރޫޤް ރަޟިޔަﷲ ޢަންހުގެ ދަރިކަލުން ޢާޞިމް އާއި އެކަމަނާގެ ކާވެނިފުޅު ވާހަކައަކީވެސް އިސްލާމީ ތާރީޚުގެ ޢިބްރަތްތެރި ވާހަކަތަކުގެ ތެރެއިން ހިމެނޭ ވާހަކައެކެވެ.

މުޙައްދިޘް އިބްނުލްޖައުޒީ ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. އަމީރުލްމުއުމިނީން ޢުމަރުލްފާރޫޤް ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚަލީފާކަމުގައި އެއްރެޔަކު ރަށުތެރޭގެ ޙާލުއަޙްވަލު ބައްލަވައިލެއްވުމަށްޓަކައި މަދީނާގެ މަގުތަކުގައި ބުރުޖެއްސެވިއެވެ. ހިންގަވަމުން ވަޑައިގެން ވަރުބަލިފުޅުވެގެން ގެއެއްގެ ފާރުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ. އެވަގުތު އިވިވަޑައިގެންނެވީ އެގޭގެތެރެއިން ދެއަންހެނަކު ވާހަކަ ދައްކާ އަޑެވެ. އަންހެނަކު އޭނާގެ ދަރިފުޅަށް ގޮވައިލައިފައި ބުނާއަޑު އިވިވަޑައިގެންނެވިއެވެ. "ދަރިފުޅާއެވެ! އަވަހަށް ތެދުވެ ކިރު ކަންވާރަށް ފެންއަޅައިލާށެވެ." އަންހެންކުއްޖަކު ޖަވާބުދިނެވެ. "މަންމާއެވެ! އަމީރުލްމުއުމިނީން ކިރުގެތެރެއަށް ފެންއެޅުން މަނާކުރެއްވި ވާހަކަ އެކަލޭގެފާނުގެ ފަރާތްޕުޅުން ގޮވާ މީހުން ނިކުމެ، ރަށުތެރޭގައި ގޮވިއަޑު މަންމަ ނުއައްސަވަނީތޯއެވެ؟" އަންހެންމީހާ ބުނާ އަޑު އިވުނެވެ. "އަމީރުލްމުއުމިނީން އާއި އެކަލޭގެފަނުގެ ގޮވާމީހުން މިހާރަކު ނެތެއްނޫން ހެއްޔެވެ؟ ދަރިފުޅު ތިޔަ ބިރުގަންނަނީ އެއްވެސް ކަމަކާ ނުލައެވެ. އަވަހަށްތެދުވެ ކިރު ކަންވާރަށް ފެންއަޅައިލާށެވެ."އަންހެންކުއްޖާ ޖަވާބުދިނެވެ. "މާތްﷲ ގަންދެމެވެ. ތިޔަކަމެއް ނުވާނެއެވެ. އަމީރުލްމުއުމިނީންގެ ކުރިފުޅުމަތީގައި އެކަލޭގެފާނަށް ކިޔަމަންވާން އިޤްރާރުވެފައި އެކަލޭގެފާނަށް ފެނިވަޑައިނުގަންނަވާ ތަންތާނގައި އެކަލޭގެފަނަށް ނުކިޔަމަންތެރިވުމުގެ ލައްގަނޑު އަޅުގަނޑުގެ ހެދުމަކު ނުޖެއްސޭނެއެވެ. އަމީރުލްމުއުމިނީނަށް އަހަރެމެން ފެނިވަޑައިނުގެންނެވިކަމުގައި ވިޔަސް އަރަހުށި މާތްﷲ އަހަރެމެންގެ މައްޗަށް ބައްލަވައިވޮޑިގެންވެއެވެ."

އަމީރުލްމުއުމިނީނަށް އެވާހަކަތަކުގެ އަޑުއިވިވަޑައިގެންނެވުމުން އެއަންހެންކުއްޖާގެ ތެދުވެރިކަމާއި، މާތްﷲ އަށް ބިރުވެތިވާލެއް ބޮޑުކަމާމެދު އެކަލޭގެފާނުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭރު އެކަލޭގެފާނުގެ އަޅު އަސްލަމް އަރިހުގައި ހުއްޓެވެ. ޢުމަރުގެފާނު އޭނާގެ ގާތުގައި ވިދާޅުވިއެވެ. "މިގެ އާއި މިހިސާބު ފާހަގަކޮށްލާށެވެ."

ހެނދުނު އިރު އެރުމުން އެއީ ކާކުގެ ގެއެއްތޯ އާއި އެގޭގައި އުޅެނީ ކޮންބައެއްތޯ ބެއްލެވުމުން އެނގިވަޑައިގެންނެވީ އެގޭގައި އުޅެނީ ހުވަފަތް އަންހެނަކާއި އޭނާގެ ޒުވާން، ހުއްސަރިބައި އަންހެންދަރިޔެއް ކަމެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ފިރިހެން ބޭފުޅުން އަރިހަށް ގެންނަވައި ރޭގެ ޙާދިޘާ ވިދާޅުވެދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ބައްޕަ ކާވެންޏެއް ކުރާން ބޭނުންނަމަ، އެކުއްޖާއާ ކާވެނި ކުރީމުހެވެ. ތިޔައިގެ ތެރެއިން އެއްކުއްޖަކު އޭނާއާ ކާވެނިކުރުމަކީ ބައްޕަގެ އެދުމެކެވެ."

އޭރު މީހަކާ ކާވެނި ބައްލަވައިނުގެން ހުންނެވީ ޢުމަރުގެފާނުގެ ދަރިކަލުން ޢާޞިމު ގިނިކަންޏާއެވެ. އެހެންކަމުން ޢާޞިމު އެކަލޭގެފާނުގެ މާތް ބައްޕާފުޅުގެ އެދިވަޑައިގަތުމުގެ މަތީން އެ ހެޔޮލަފާ އަންހެންކުއްޖާ އާ ކާވެނި ބައްލަވައި ގެންނެވިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ މައިކަނބަލުންނަކީ އެދެކަނބަލުންގެ ދަރިކަނބަލުން ޢުއްމު ޢާޞިމެވެ. އުއްމު ޢާޞިމަކީވެސް ވަރަށް ދީންވެރި، ވަރަށް ޚުލުޤުހެޔޮ، މާތް ބޭކަނބަލެކެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ހުވަފެންފުޅެއްގެ ތައުބީރެވެ. ޢުމަރުގެފާނަށް ހުވަފެންފުޅުން ފެނިވަޑައިގެންނެވީ އެކަލޭގެފާނުގެ ނަސުލުގެ ވެރިޔަކު މުޅި ބިން ޢަދުލުވެރިކަމުން ފުރައިލެއްވީތީއެވެ. އެބޭފުޅެއްގެ ނިޝާނެއްކަމުގައި ފެނިވަޑައިގެންނެވީ އިސްތަށިފުޅުގައި ހުރި ލަކުނެކެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުލްޢަޒީޒުގެ އަރިހުގައި

(ނުނިމޭ)

comment ކޮމެންޓް