ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ހުކުމްކޮށްފި

ޕީޕީއެމްގެ ކައުންސިލް މެމްބަރުން: އިންތިހާބު ފަސްކުރަން ޕީޕީއެމުން އެދުނީ ތައްޔާރުވެފައި ނެތުމުން-- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. ކޯޓު ހުކުމާއެކު އެ އިންތިހާބު ދެން ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މާޗު މަހު ތެރޭގަ އެވެ.

ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭވޭތީ، "ހާލަތުން ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާ ކުރި މައްސަލައަށް ރިޔާއަތްކޮށް، ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ވާ ގެއްލުމަށްވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.

ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއްކަން އިލެކްޝަންސްއަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުމާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ވާނެ ގެއްލުން ވަޒަން ކުރި އިރު އިލެކްޝަންސް ކޮމިޝަނަށްވުރެ ގެއްލުން ބޮޑު ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ވާ ގެއްލުމަށް އަރައިގަނެގެން ވިޔަށް ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މައްސަލާގެ ތެރެއަށް ތަދައްހުލްވި އަދާލަތު ޕާޓީ، އެމްޑީޕީ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުންވެސް އެފަރާތްތަކަށް ވާނެ ގެއްލުމެއް ކޯޓުގައި ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ޑިމޮކްރެސީގެ ރޫހަކީ ވެސް އެންމެނަށް ބައިވެރިވެވޭ ގޮތަށް އިންތިހާބެއް ބޭއްވުން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

"މިގޮތުން އިންތިހާބު ފަސްވެގެން ދިޔުމަކީ ހުރިހާ ފަރާތަކަށް ވެސް ވާދަކުރުމާއި ތައްޔާރުވުމަށް ވަގުތު ލިބި، މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވުމުން. ތަދައްހުލުވި ފަރާތްތަކުން އިންތިހާބު ފަސްނުކުރުމަށް ބުނެފައިވާ ބުނުމަކީ ރަނގަޅު ބުނެމެއް ކަމުގައި ބެލެން ނެތް،" ހުކުމުގައި ބުނެފައިވެ އެވެ.

މީގެކުރިންވެސް ގިނަ އިންތިހާބުތަކެއް ގާނޫނުއަސާސީގައި ބުނެފައިވާ ތާރީހަށް ބޭއްވިފައި ނުވާ ކަމަށާއި އެހެންކަމުން ޕީޕީއެމަށް ދިމާވެފައިވާ ޟަރޫރީ ހާލަތުގެ ސަބަބުން ފަސްކުރުމަކީ މައްސަލައެއް ނޫންކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ހަމަވާނެ އެވެ. ކޯޓު ހުކުމުގައި ބުނެފައިވާ ގޮތުން އާ ކައުންސިލަރުން އިންތިހާބު ކުރަންދެން، މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ތިބެވޭނެ އެވެ.

comment ކޮމެންޓް