ރާއްޖޭގައި އެއިޑްސް ޖެހިފައިވާ ނުވަ މީހަކު، ބަލި ހުރި އިތުރު މީހުން އުޅެދާނެ!

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ އަދި އޭޑްސް ޖެހިފައިވާ ނުވަ މީހަކު ކަމަށާއި ނަމަވެސް އެ ބަލި ޖެހިފައިވާ މީހުން ރާއްޖޭގައި އުޅެމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ އޭޑްސް ދުވަހާ ގުޅުވައިގެން އެ އޭޖެންސީން ނެރުނު މައުލޫމާތު ކަރުދާހުގައި ބުނެފައި ވަނީ، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ އެޗްއައިވީ ޖެހިފައިވާ މީހުން ނިސްބަތުން މަދު ގައުމެއް ކަމަށެވެ.

އެގޮތުން، ރާއްޖެ އިން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ މީހެއް ފެނިފައި ވަނީ 1991 ވަނަ އަހަރު ކަމަށާއި މިދިޔަ އަހަރުގެ ނިޔަލަށް މިހާތަނަށް 23 ދިވެއްސަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 12 މީހަކު އެ ބަލީގައި މަރުވެފައިވާ އިރު ރާއްޖޭގައި މިވަގުތު އެޗްއައިވީ އަދި އޭޑްސް ބަލީގައި ދިރިއުޅެމުންދަނީ ނުވަ މީހަކު ކަމަށް އެ އެޗްޕީއޭއިން ބުނެ އެވެ. ނަމަވެސް އެޗްއައިވީ ޖެހިފައިވާ އިތުރު މީހުން ރާއްޖޭގައި ދިރިއުޅެމުން ދާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.

"އޭޑްސް ޖެހިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ ހަށިގަނޑުގައި އެޗްއައިވީ ހުރިކަން ނުއެނގުމަކީ އެކަށީގެންވާކަމެއް،" އެޗްޕީއޭ އިން ބުނެފައިވެ އެވެ.

އެ އޭޖެންސީން ބުނީ، ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދުމުގެ ތެރޭގައި މިހާތަނަށް 350 އަށް ވުރެ ގިނަ މީހުންގެ ގައިން ވެސް އެޗްއައިވީ ފެނިފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ހަދަން ޖެހޭ ވޯކް ޕާމިޓަށް ބޭނުންވާ މެޑިކަލް ހަދާއިރު ގައިންގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީއެއް ނަމަ ވޯކްޕާމިޓް ނުދީ، އެޗްއައިވީ އަށް ޕޮޒިޓިވް ވެއްޖެ ނަމަ އެމީހަކު އަނބުރާ ގައުމަށް ފޮނުވާލެވޭ ކަމަށް ބުނެފައިވެ އެވެ.

އެޗްއައިވީ ފެތުރުން ހުއްޓުވުމަށް ޓަކައި ދުނިޔެއިން އެ ބަލި ފެނުނުތާ ވަރަށް ކުރީކޮޅުގައި ސަރުކާރުން ވަނީ ރާއްޖެއަކީ އެޗްއައިވީ މަދު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ރާއްޖެއިން އެޗްއައިވީ ނައްތާލުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކަނޑައަޅާ ލަފާދިނުމަށް 1987 ވަނަ އަހަރުން ވަނީ 'ނެޝެނަލް އޭޑްސް ކައުންސިލް'ގެ ނަމުގައި ކައުންސިލެއް އުފައްދައިފަ އެވެ.

އޭގެ އިތުރުން އެޗްއައިވީ އާއި އޭޑްސް އަދި ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރި މިންވަރު ދަނެގަނެ އެ ބަލިތަކުން މީހުން ރައްކާތެރިކޮށް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ދޭންވާ ފަރުވާ ފޯރުކޮށްދިނުމަށް 1991 ވަނަ އަހަރު "ނެޝެނަލް އޭޑްސް ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.

އެ ޕްރޮގްރާމްގެ ތެރެއިން އެޗްއައިވީ އަދި އޭޑްސް އަށް ބޭނުންވާ ފަރުވާ އެ ބޭނުންވާ މީހުންނަށް ސަރުކާރުން ހިލޭ ފޯރުކޮށްދޭ އިރު، އެ ބަލިން ރައްކާތެރިކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި 2015 ވަނަ އަހަރު ނިމުނު އިރު އެޗްއައިވީ ޖެހިފައިވާ 36.7 މިލިއަން މީހުން ދުނިޔޭގައި ތިއްބެވެ. އެގޮތުން އެޗްއައިވީ ޖެހިފައިވާ މީހުންގެ ތިންބައުކުޅަ ދެބައި ދިރިއުޅެނީ އެފްރިކާ ބައްރުގަ އެވެ.

ނަމަވެސް އަލަށް މިބަލީގެ ހާލަތު ބޮޑުވަމުންދާ ގައުމުތަކުގެ ތެރޭގައި އޭޝިއާ ބައްރުގެ ދިވެހިން އާއްމުކޮށް ދަތުރުކޮށް އުޅޭ ގައުމުތައް ހިމެނެ އެވެ.

އޭޑްސް ބަލީގައި މިދިޔަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭން 1.1 މިލިއަން މީހުން މަރުވެފައިވާ އިރު، މިދިޔަ އަހަރު 2.1 މިލިއަން މީހުންނަށް އަލަށް އެޗްއައިވީ ޖެހިފައިވެ އެވެ. މިއީ 2000 ވަނަ އަހަރާ އަޅާ ބަލާއިރު 35 ޕަސެންޓް މަދު އަދަދެއް ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެޗްއައިވީ އަދި އޭޑްސް ބައްޔާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފާހަގަކުރާ ދުނިޔޭގެ އޭޑްސް ދުވަހުގެ މިއަހަރު ޝިއާރަކީ "ހޭންޑްސް އަޕް ފޯ އެޗުއައިވީ ޕްރިވެންޓޭޝަން" ނުވަތަ "އެޗްއައިވީން ރައްކާތެރިވުމަށް އަތްތައް އުފުލާލާ" އެވެ.

އެ ޝިއާރުގެ ދަށުން ރާއްޖޭގައި މި އަހަރު އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ އެޗްއައިވީއަށް ޓެސްޓްކުރުމުގެ މުހިއްމުކަން ހާމަކޮށްދިނުމާއި ސިއްރު ހިފެހެއްޓޭ އަދި ވަގުތުން ނަތީޖާ ލިބޭ ގޮތަށް ހިލޭ އެޗްއައިވީ ޓެސްޓް ކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން އަންގައިދިނުމެވެ.

comment ކޮމެންޓް