ދެ ކުދިން ގެއްލިފައިވާ ސަމީރާއަށް އެއްމާބަނޑު ދެބެން!

އެއީ މީގެ އަށް މަހާއި ހަފުތާއެއް ކުރިއެވެ. ރ. ހުޅުދުއްފާރުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު ތިން ކުދިންގެ ތެރެއިން އެރަށު ފަސާނާ އަހުމަދު ޖުނައިދު އާއި އިބްރާހިމް ޝާދިން ގެއްލުނު ހާދިސާ ވެގެންދިޔައީ އެ ކުދިންގެ މަންމަ ސަމީރާގެ މުޅި ދިރިއުޅުން ހަމަހިމޭންވެ، ހިތާމައިގެ ކަނޑަކަށް ގަންބާލި ހާދިސާއަކަށެވެ. ހިތާމަވެރި އެ ހާދިސާއަށް ހަތް މަސް ފަހުން ސަމީރާއަށް ވަނީ އަނެއްކާވެސް ހިނިތުން ވުމެއް ލިބިފަ އެވެ. ދެ ފިރިހެން ދަރިން ގެއްލުނު ސަމީރާއަށް ވަނީ އެއްމާބަނޑު ދެ އަންހެން ކުދިން ލިބިފަ އެވެ. ޝާދިން އާއި ޖުނޭދުގެ ހަނދާތަކުގެ ތެރޭގައި އިނދެ ސަމީރާ އެއްމާބަނޑު ދެބެއިން ވިހެއީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އުމުރުން 13 އަހަރުގެ ޖުނެއިދާއި ނުވަ އަހަރުގެ ޝާދިންއަކީ ސަމީރާ ވަރަށް ލޯބިވާ ދެބެންނެވެ. އެ ކުދިންގެ ހަދާންތައް އާ ކުރަމުން ސަމީރާ ބުނި ގޮތުގައި ގެއްލުނު ފިރިހެން ދެބެއިނަށް ފަހު އެއްމާބަނޑު ދެ އަންހެންކުދިން، ސާރާ އާއި ޝިމްރާ ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ޝާދިން އާއި ޖުނައިދުގެ ހަނދާންތައް އިތުރަށް އާކޮށްދީފައިވާ ކަމަށެވެ.

"ޖުނައިދާއި ޝާދިން ގެއްލުނު ހާދިސާ ހިނގިއިރުވެސް އަހަރެން އިނީ ސާރާ އާއި ޝިމްރާ އަށް ބަލިވެ،" ސަމީރާ ބުންޏެވެ. "ސާރާ އާއި ޝިމްރާ ލިބުނަސް އަހަރެން ދުނިޔޭގައި ދިރިހުރިހާ ހިނދަކު އެ ދެ ކުދިންގެ މަތިން ދުވަހަކުވެސް ހަދާނެއް ނުނެތޭނެ،" އެއްމާ ބަނޑު ދެބެން ލިބުމުން އުފަލުން ހުރި ސަމީރާއަށް ރޮވުނެވެ.

ސަމީރާ ބުނި ގޮތުގައި އޭނާގެ އުނގުން ގެއްލުނު އޭނާގެ ދެ ބެއިންގެ ތެރެއިން ޝާދިން، މިހާރު ވެސް ދުވާލުގަޑީގައި ލޯމަތިން އަބަދުވެސް ފެންނަހެން ހީވެ އެވެ. އަދި ބުނީ ޖުނައިދާއި ޝާދިންގެ ބަދަލުގައި ޝިމްރާ އާއި ސާރާ އޭނާގެ އުނގަށް އައުމުން ހިތާމަ ތަކަށް ލުޔެއް ލިބި، ހިމޭންވެފައިވާ އޭނާގެ ދިރިއުޅުން އަނެއްކާވެސް ފަސޭހަވެފައިވާ ކަމަށެވެ.

" ސާރާ އާއި ޝިމްރާ ލިބުމުން އާއިލާއަށް ވެސް ވަނީ އުފާވެރިކަން ލިބިފައި. އެމީހުން ވަރަށް ނަސޭހަތްދޭ، ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާށޭ، މިހާރު ތިއޮތީ ވަރަށް ލޯބި ދެ ކުދިން ލިބިފައޭ ދެން އެކުދިން ގޮވައިގެން އުޅޭށޭ އަބަދުވެސް އާއިލާ މީހުން ބުނޭ،" ސަމީރާ ބުންޏެވެ.

ލޯބިވާ ދެ ދަރިން ކެނޯގައި ނުކުމެ ގެއްލުނު ހާދިސާގެ ކުރިން ފަސް ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ހުންނަ ސަމީރާ އެންމެ ބޮޑަށް ލޯބިވަނީ ފިރިހެން ދަރިންދެކެ އެވެ. ނަމަވެސް ޝާދިން އާއި ޖުނައިދުގެ ބަދަލުގައި "ހަދިޔާ" އެއްގެ ގޮތުގަ، ސާރާ އާއި ޝިމްރާ ލިބުމުން ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށް ސަމީރާ ބުންޏެވެ.

"ދަރިންވެއްޖެއްޔާ އަންހެން ކުދިންނެއް ކަމަކުވެސް ދެން ލޯބިވާނެ،" ޝަމީރާ ބުންޏެވެ.
އޭނާ ބުނީ ޝާދިން އާއި ޖުނައިދަކީ އަބަދުވެސް ވަރަށް ސަކަރާތްޖަހާ މަޖާކޮށް ހަދާ އުޅޭ ވަރަށް ބަސްއަހާ ދެ ކުދިން ކަމަށާއި އެކުދިން ތިބި އިރު ގޭތެރެވެސް ވަރަށް ފަޅުފިލާ ކަމަށެވެ. އަދި ޝާދިން އާއި ޖުނޭދު ނެތުމުން ގޭތެރެއަށް އައި ފަޅުކަން ޝިމްރާ އާއި ސާރާގެ ސަބަބުން ގާތްގަނޑަކަށް ފިލުމުން އެއްމާބަނޑު އަންހެން ދެބެންގެ މޫނުން ގެއްލުނު ފިރިހެން ދެބެން މޫނުގެ ފެންނަ ކަމަށެވެ.

"އެންމެފަހުން އެ ދެކުދިން ފެނުނީ ވަރަށް އުފަލުން ކެނޯގަނޑުގައި ތިއްބާ. އެ ދުވަހު އެކުދިން ފަލިޖަހަން ބައިތިއްބާފައި ގޭދަށަށް ދިޔައީ،" ޝަމީރާ ބުންޏެވެ. "އޭރެކޭ އެއްގޮތަށް އެދެބެން ނެތެކޭ މިހާރުވެސް ހިތަކަށް ނާރާ ހިކިފަސްތަނެއްގައި ތިބެދާނެއޭ އަބަދުވެސް ހިތައް އަރާ، މިދެބެން ލިބުމާއެކު މާ ބޮޑަށް އެހެން ހީވޭ،"

ގުޅޭ ޓެގު
comment ކޮމެންޓް