ޒަކާތު ފަންޑުން ހަ ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ދީފި

ޒަކާތު ފަންޑުގެ އެހީގައި މި އަހަރު ބޯން މެރޯ ހެދުމަށް ފުރުސަތު ލިބުނު ކުދިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރަހިމް ދީދީ، އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުގެ އެހީގައި ތެލެސީމިއާ ހުންނަ ހަ ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕުލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތުދީ އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހީމެވެ.

މިއަދު ލިޔުން ހަވާލުކުރި ހަ ކުދިންނާއެކު މި ސަރުކާރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު 25 ކުއްޖަކަށް ވަނީ ދީފައެވެ. އަދި މިއީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހާސިލްކުރުމަށްވި ވައުދެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން މިއަދު ލިއުން ހަވާލުކުރި ހަ ކުދިންގެ ތެރޭން ކޮންމެ ކުއްޖެއްގެ އޮޕަރޭޝަނަށް ޒަކާތު ފަންޑުން ނުވަ ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ހަރަދުކުރާނެ ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސް އިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭން އެންމެ ފުރަތަމަ ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދާފައިވަނީ 1992 ވަނަ އަހަރުގެ ތެރޭގައެވެ.

އޭގެ ފަހުން މިހާތަނަށް އައިއިރު 57 ކުއްޖެއްގެ ބޯންމެރޯ ހަދާފައިވާއިރު، އޭގެ ތެރެއިން 16 ކުއްޖަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އަދި އޮޕަރޭޝަން ކުރި ފަސް ކުއްޖެއްގެ އޮޕަރޭޝަން ވަނީ ނާކަމިޔާބުވެފައެވެ.

މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުވާ ބަލިތަކުގެ ތެރެއިން ތެލެސީމިއާ ބައްޔަކީ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމަށްވާ، ހީމަގުލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުން ނުވަތަ އެ މާއްދާ ލޭގައި މަދުވުމުގެ ސަބަބުން ކުއްޖާގެ ގައިގާ ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތެކެވެ. އެގޮތުން، ތެލެސީމިއާއަކީ ރާއްޖޭގައި އެންމެ އާއްމު ލޭގެ ބައްޔަށްވާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމަކީ ވެސް ރާއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތެލެސީމިއާގެ ދަފްތަރުގައި މިހާތަނަށް 849 ކުއްޖަކު ރަޖިސްޓްރީވެފައިވާއިރު މިއަހަރުގެ މިހާތަނަށް ވެސް 12 ކުއްޖަކު އިތުރުވެފައިވެ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާގެ ދަފްތަރަށް ކޮންމެ އަހަރަކު 20 ނުވަތަ 25 ކުދިން އިތުރުވެފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެއެވެ.

ބޯންމެރީ ނުވަތަ ކަށީގެ މަދު ނަގާ ތެލެސީމިއާ ކުއްޖާގެ ގަޔަށް ލެއްވުމުގެ އޮޕަރޭޝަން، ބޯންމެރޯ ޓްރާންސްޕުލާންޓަކީ ތެލެސީމިއާ ކުދިންނަށް އޮންނަ ހަމައެކަނި ދާއިމީ ފަރުވާއެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ތެލެސީމިއާ ކުއްޖާގެ ބޯންމެރޯއާ ދިމާވާ އެހެން ކުއްޖަކު ހުންނަން ޖެހޭއިރު، އެގޮތަށް ދިމާވުމުގެ ފުރުސަތު އެންމެ ބޮޑީ އެއްބަނޑުއެއްބަފާ އާއިލާ މެމްބަރަކަށެވެ.

ބޯންމެރޯ ޓްރާންސްޕުލާންޓަށްފަހު އޮޕަރޭޝަންކުރާ ކުއްޖާގެ ދިފާއީ ނިޒާމް އެއްކޮށް ބަލިކޮށްލަންޖެހޭއިރު، އެކަން އެއްކޮށް ރަނގަޅުވުމަށް އެއް އަހަރު ނަގައެވެ. އަދި އޮޕަރޭޝަން ކާމިޔާބުވެ ބަލިން އެއްކޮށް ރަނގަޅުވެއްޖެނަމަ އަލުން ލޭ އަޅާކަށްނުޖެހޭނެ އެވެ.

comment ކޮމެންޓް