ހަބޭސް 3ގެ ފުޓްބޯޅަ މެޗުގައި ސަޕްރައިޒިން މޫނުތަކެއް މިރޭ ފެނިގެންދާނެ!

ރައީސް ޔާމީންގެ ދެކަނބަލުން: ހަބޭސް 3ގެ މެޗު ޝަރަފްވެރިކޮށްދެއްވާނީ މެޑަމް ފާތުން -- ފޮޓޯ/ އަސުރުމާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ކުޅިވަރާބެހޭ ވުޒާރާ އިން ކުރިއަށްގެންދާ "ހަބޭސް 3"ގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ކުޅޭ ފުޓްބޯޅަ މެޗުގައި 'ސަޕްރައިޒިން' މޫނުތަކެއް ފެނިގެންދާނެ ކަމަށް ކުޅިވަރާބެހޭ ޒުވާރާއިން ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗު ބަލައިލުމަށް ބޭނުންވާ އާންމުންނަށް ދަނޑަށް ހިލޭ ވަދެވޭ އިރު، މިރޭ 8:00އިން ފެށިގެން އާންމުންނަށް ދަނޑަށް ވަދެވޭނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާ އިން ބުނެ އެވެ. އެ މެޗު ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ އިސް އޮފިޝަލަކުން މިއަދު 'ސަން'އަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ހަބާސް 3"ގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ކުޅެވޭ ފުޓްބޯޅަ މެޗުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ކުޅުއްވާނެ ކަމަށެވެ.

މިރޭ ފުރަތަމަ ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ އަންހެން ޓީމަކާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ ޓީމެއް ބައްދަލުކުރާ މެޗެކެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓީމަކާއި ކުޅިވަރާ ބެހޭ ވުޒާރާގެ ފިރިހެން ޓީމެކެވެ.

މިރޭގެ މެޗުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ނަންތައް ކުޅިވަރާބެހޭ ވުޒާރާ އިން ހާމަކޮށްފައި ނުވާ އިރު، އެ ވުޒާރާގެ އޮފިޝަލް ވިދާޅުވީ، މެޗުގައި ސަޕްރައިޒިން މޫނުތަކެއް ފެންނާނެ ކަމަށާއި އެ މޫނުތައް ބަލައިލުމަށް ދަނޑަށް ވަނުމަށް އެދޭ ކަމަށެވެ.

ކުޅިވަރާބެހޭ ވުޒާރާ އިން ވަނީ ހަބޭސް 3ގެ ހަރަކާތްތަކުގެ ދަށުން ލައިވް އާޓް އިވެންޓަކާއި ކުޑަކުދިންގެ ހަވީރެއް އަދި މިއުޒިކް ޝޯވއެއް ވެސް ބާއްވައިފަ އެވެ.

comment ކޮމެންޓް