'ޖުޅްވާ 2' ގައި ކަރިސްމާ އަދި ސަލްމާންގެ ޚާއްސަ ފެނިލުމެއް

ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޖުޅްވާ' ގެ ދެވަނަ ބައިގެ މަސައްކަތް ފެށުމަށް މިހާރު މިވަނީ ތައްޔާރު ވެފަ އެވެ.

ސަލްމާން ޚާންގެ ޑަބަލް ރޯލު ފެނިގެން ދިޔަ ފިލްމުގެ ދެވަނަ ބައިގައި ލީޑު ރޯލުން ފެނިގެން ދާނީ އަރަމުން އަންނަ ތަރި ވަރުން ދަވާން އެވެ. 'ޖުޅްވާ' ގައި ކަރިސްމާ ކަޕޫރު އަދާކުރި ރޯލުން ފެނިގެން ދާނީ ޖެކްލިން ފާނަންޑޭޒް އެވެ.

ސާޖިދް ނާދިއަދްވާލާ ޕްރޮޑިއުސް ކުރާ "ޖުޅްވާ 2"ގައި ސަލްމާންގެ ޚާއްސަ ފެނިލުމެއް ހިމެނުމަށް ކުރިން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް ސާޖިދު މިހާރު މިވަނީ ސަލްމާންގެ އިތުރުން ކަރިސްމާގެ ޚާއްސަ ފެނިލުމެއް ވެސް ފިލްމުގައި ހިމެނުމަށް ނިންމައިފަ އެވެ.

ސާޖިދު ބުނެފައި ވަނީ ސަލްމާން އަދި ކަރިސްމާ އާއި ނުލައި 'ޖުޅްވާ' ގެ ޖާދޫ ފުރިހަމަ އަށް ގެނެސް ނުދެވޭނެ ކަމަށެވެ.

ފިލްމާ ގުޅޭ ގޮތުން ކަރިސްމާ ބުނީ، ފިލްމުގެ ޚާއްސަ ފެނިލުމެއްގެ ރޯލާ ގުޅޭގޮތުން ސާޖިދު ވާހަކަ ދައްކާފައިވާ ކަމަށާއި އެ ރޯލާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ކަރިސްމާ ވަނީ ވަރުން އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.

'ޖުޅްވާ 2' ވެގެންދާނީ 19 އަހަރަށް ފަހު ކަރިސްމާ އާއި ސަލްމާން އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.

comment ކޮމެންޓް