'ޑަންގާލް' އަށް އާމިރުގެ ހަށިގަނޑަށް ގެނައި ބަދަލުން އެންމެން ހައިރާންކޮށްލައިފި

ޑަންގާލް އަށް އާމިރު ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި --

ބޮލީވުޑްގެ ކުޅަދާނަ ބަތަލު އާމިރު ޚާން އަކީ ކޮންމެ ފިލްމެއްގައި ވެސް އޭނާގެ ހުނަރު އެންމެ ފުރިހަމަ އަށް ދައްކުވައިދޭ ފަންނާނެކެވެ. އަދި ކޮންމެ ފިލްމެއްގައި ވެސް ތަފާތު މޮޅު އެކްޓިން އެއް އޭނާގެ ކިބައިން ފެނެ އެވެ. އެގޮތުން '3 އިޑިއަޓްސް'، 'ޕީކޭ'، 'ގަޖިނީ' އަދި 'ލަގާން' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

ދެން ވެސް ކުރިއަށް އޮތީ އާމިރުގެ ވަރުގަދަ ފިލްމެކެވެ. ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު 'ޑަންގާލް'ގެ ޓްރެއިލާ އާއި ލަވަތައް މިހާރު ރިލީޒް ކޮށްފައިވާ އިރު، އާމިރުގެ މުޅިން ތަފާތު ރޯލެއް މިވަނީ ފެނިފަ އެވެ.

އުމުރުން 51 އަހަރުގެ އާމިރަކީ ވަރަށް ފިޓު ކޮށް، ޒުވާންކޮށް ހުންނަ ފަންނާނެކެވެ. ނަމަވެސް 'ޑަންގާލް'ގައި އާމިރު ފެންނަނީ މުޅިން ތަފާތު ކޮށެވެ. ފިޓުކޮށް ހުރި މީހާ އެ ފިލްމުގައި ފެންނަނީ ވަރަށް ފަލަކޮށެވެ. އަދި އޭނާގެ ބޮޑު ބަނޑަށް މީހުންގެ ލޯތައް އަމާޒުވަމުން އަންނަ އިރު، ނުރަ ޖަހައިފައިވާ ތުނބުޅި އާއި އިސްތަށިގަނޑުގެ ސަބަބުން އާމިރުގެ މޫނުމަތިން ވެސް ދުވަސްވީ މީހެއްގެ ސިފަ ޖަހަ އެވެ.

އެ ފިލްމުގައި އާމިރު އަދާކުރަނީ އިންޑިއާގެ ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ރޯލެވެ. މަހާވީރުގެ ކެރެކްޓަރު އެންމެ ފުރިހަމަ އަށް ދައްކުވައި ދިނުމަށް އާމިރު ވަނީ ބަރުދަން ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ. އެގޮތުން ބަރުދަން 97 ކިލޯ އަށް ވަނީ މަތިކޮށްފަ އެވެ.

ޑަންގާލް އަށް ބަރުދަން އިތުރުކުރި ގޮތް ކިޔައިދެމުން އާމިރު ބުނީ އެއީ އޭނާ ވަރަށް ހިތްހަމަ ޖެހިގެން ހޭދަކުރި ދުވަސްތަކެއް ކަމަށެވެ.

"އަހަރެން ބޭނުން ކޮންމެ އެއްޗެއް ކެވޭ. ޗޮކްލެޓުން ފެށިގެން، ޕޭސްޓްރީސް އާއި ތެލުލާފައި ހުންނަ ކާނާ. ވަރަށް މީރުކޮށް ކެއިން އެ ދުވަސްކޮޅު،" އާމިރު ބުންޏެވެ.

އާމިރު ބުނީ ބަރުދަން އިތުރުވެ މީހާ ފަލަވާތީ އޭނާ މާބޮޑަށް ކަންބޮޑު ނުވި ނަމަވެސް، އޭނާގެ އަންހެނުން ކިރަން ރާއޯ އަދި މަންމަ ވަރަށް ބޮޑަށް ހާސްވެގެން އުޅުނު ކަމަށެވެ.

"އެކަމަކު ދަރިފުޅި (އަޒަދް) އަށް ވަރަށް ކަމުދިޔަ އަހަރެންގެ ބަނޑު،" އާމިރު ބުނެފައިވެ އެވެ.

ޑަންގާލްގެ މަންޒަރެއްގައި އާމިރު --

އާމިރު ބުނީ ފިލްމަށް ހަށިގަނޑަށް ބަދަލު ނުގެނެސް، ބޮޑީ ސޫޓެއް ލާން އޭނާ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރުން މީހާގެ ހަށިގަނޑު ބިޔަކޮށް ފެނުނު ނަމަވެސް، މޫނުމަތިން އެކަން ނުފެންނާނެ ކަމަށާއި، އަދި އަސްލު "ފީލް" ނާންނާނެ ކަމަށް ވެސް އާމިރު ބުންޏެވެ.

"ބަރުދަނާ އެކު ހެލިފެލިވެ އުޅުން މުޅިން ބަދަލުވާނެ. ވީހާ ވެސް ބޮޑަށް ހަގީގަތާ އެއްގޮތަށް ސީންތައް ދައްކުވައިދޭން އަހަރުމެން މަސައްކަތް ކުރީ. އޭރު އަހަންނަށް ބޫޓުގެ ނާޑުވާ އައްސަން ވެސް ވަރަށް އުނދަގޫ،" އޭނާ ބުނެފައިވެ އެވެ.

އާމިރު ބުނީ ހަށިގަނޑަށް ގެނައި ބަދަލާ އެކު، ދެން އޭނާ އަލުން ނުހިކޭނެ ކަމަށާއި، ކެރިއަރު ވެސް ނިމުނީ ކަމަށް ގާތް މީހުން ބުނި ކަމަށެވެ. ނަމަވެސް އާމިރު ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި އަނެއްކާ ވެސް މުޅި ހަށިގަނޑު އެކީ ބަދަލުކޮށްލައި އެންމެން ހައިރާންކޮށްލައިފަ އެވެ.

ފިލްމުގެ ޝޫޓިން ނިމުމުގެ ކުރިން އާމިރު ވަނީ 67 އަށް ބަރުދަން ލުއިކޮށް، އަލުން 'ފިޓް' ވެފަ އެވެ. އެންމެނަށް ހައިރާންކަން ލިބުނީ ފަސް މަސް ދުވަހުގެ ތެރޭގައި 30 ކިލޯ ލުއިކޮށްލީމަ އެވެ.

ޑަންގާލްގެ މަންޒަރެއްގައި އާމިރު: 97 ކިލޯ އިން 67 ކިލޯ އަށް ބަރުދަން ވަނީ ލުއިކޮށްފައި ---

"ފަލަކޮށް ހުރި އިރު ލޯގަނޑުން އަމިއްލަ މީހާ ފެނުނީމަ ވެސް ދެރަވޭ. އެހެންވެ ވަރަށް ވަރުގަދަ އަޒުމަކާ އެކު 30 ކިލޯ ލުއިކޮށްލީ. ހުރިހާ ކްރެޑިޓެއް ދަނީ އަހަރެންގެ ޓްރެއިނަރ އަދި ޑޮކްޓަރަށް،" އާމިރު ބުންޏެވެ.

އެ ފިލްމުގައި އާމިރު (މަހާވީރު)ގެ ޒުވާން ދައުރު ދައްކުވައިދެ އެވެ. އެހެންކަމުން ވަރަށް ފިޓް ކޮށް ހުރި ދައުރަކާއި، ފަލަކޮށް ހުރި ދައުރަށް އާމިރުގެ ހަށިގަނޑު ތައްޔާރު ކުރަން ޖެހުނެވެ.

އާމިރު ބުނީ ފުރަތަމަ ޒުވާން ދައުރުގެ މަންޒަރުތައް ޝޫޓު ކުރެވުނީސް ކަމަށާއި ނަމަވެސް އޭނާ އެގޮތް ބޭނުން ނުވީ ކަމަށެވެ.

"އޭރުން ފިލްމުގެ ޝޫޓިން ނިމޭ އިރު އަހަރެން ހުންނާނީ ފަލަކޮށް. އޭރުން ކޮންމެހެން ހިކެން މަޖުބޫރެއް ނުވާނެ. އޭރުން އަލުން ނުހިކުމުގެ ބިރު ވެސް އެބަ އޮތް،" އާމިރު ބުންޏެވެ.

ޑަންގާލް ގައި އާމިރުގެ ހަށިގަނޑަށް ގެނައި ބަދަލު ---

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ އިރު، ބަރުދަން އިތުރުވުމުގެ ސަބަބުން އާމިރަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ލިބިފަ އެވެ. ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެ މަސް ދުވަހަށް އަރާމު ކުރަން ޑޮކްޓަރުން ބުނި ނަމަވެސް، އެހާ ވަގުތު ނެތުމުން އާމިރު ޝޫޓިން ކުރިއަށް ގެންދިޔައީ ކޮންމެ ދުވަހަކު ތަދު ކަނޑުވާ އިންޖެކްޝަން ޖަހައިގެންނެވެ.

އޭގެ އިތުރުން ބަރުދަން ލުއިވުމުގެ ސަބަބުން ރެސްލިން ތަމްރީނު ތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

comment ކޮމެންޓް