ސެމްސަން ކުންފުނި ދެބައިކޮށް، ދެ ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމައިފި

ސެމްސަންގެ ކުންފުނި ދެބައި ކުރުމަށް ފަހު ދެ ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން މިގޮތަށް ނިންމީ، އެކުންފުނީގެ ބައެއް އިންވެސްޓަރުން، ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ޝެއާ ހޯލްޑަރުންގެ ވެލިއު އިތުރު ކުރުމަށް ކުންފުންޏަށް ޕްރެޝަރު ކުރަމުންދާތީ އެވެ. މި ޕްރެޝަރުތައް އެކުންފުންޏާ އަމާޒުވެފައި ވަނީ އެ ކުންފުނިން ނެރުނު ނޯޓް 7ގައި މައްސަލަ ދިމާވެ ފޯނުތައް ގޮވަން ފެށި ހިސާބުންނެވެ.

ސެމްސަންގް އިން ބުނެފައި ވަނީ އެ ބަދަލާ އެކު ޝެއާ ހޯލްޑަރުންނަށް ލިބޭ ޑިވިޑެންޑުގެ މިންވަރު އިތުރު ކުރެވޭނެ ކަމަށާއި ކުންފުނީގެ ހިއްސާތައް ވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރު އެކުންފުނީގެ ފްރީ ކޭޝް ފްލޯގެ ދެބައިކުޅަ އެއްބައި ޝެއާ ހޯލްޑަރުންނަށް ދޭން ނިންމާފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ޝެއާ ހޯލްޑަރުންގެ ޑިވިޑެންޓުގެ މިންވަރު 36 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިފަދަ ބޮޑު ބަދަލެއް ކުންފުނި ހިންގުމަށް ގެންނަން ނިންމާފައިވާ އިރު، ނޯޓު 7ގެ މައްސަލައާ ގުޅިގެން އެ ކުންފުންޏަށް ވަނީ އެ ސިރީސްގެ ފޯނުތައް އުފެެއްދުން ހުއްޓާލުމަށް މަޖުބޫރު ވެފަ އެވެ.

ކުންފުނި ދެބައިކޮށް، ދެ ކުންފުންޏެއްގެ ގޮތުގައި ހިންގަން ނިންމާފައިވާ އިރު، ކުންފުނީގެ ސްޓްރަކްޗާ ބަދަލު ކުރުމަށް ވެސް އެ ކުންފުނިން ވަނީ އެޑްވައިޒަރުން ހޯދައިފަ އެވެ. އަދި ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކުންފުނީގެ ބޯޑަށް ބައިނަލްއަގުވާމީ ގޮތުން މިނިވަން މެމްބަރެއް ނޮމިނޭޓު ކުރުމަށް ވެސް ކުންފުނިން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް