ތަކަންދޫ ލޯބީގެ މައިދާން ނެތިދަނީ!

ތަކަންދޫ ކުޅި އޭރާއި މިހާރު--- ސަން ފޮޓޯ

ހއ.ތަކަންދޫން: އަހުމަދު ސާއިލް އަލީ

އެއީ އެތައް ލޮއިބެއް ފެށި އެތައް ކައިވެންޏަކަށް މަގުފަހިކޮށްދިން ސަރަހައްދެކެވެ. ހަވީރު ފިންޏަށް ޖޯޑްޖޯޑަށް އެ ސަރަހައްދަށް ދިއުމަކީ ކުރީޒަމާނުންސުރެ މިއަދާ ހަމައަށް ވެސް އާދަ އެވެ. ޖަވާޒީ ހަޔާތް ފެށުމަށާއި ލޯބިން ވަގުތުތައް ހޭދަކުރުމަށް އެ ސަރަހައްދަށް ގަޑިކިޔުމަކީ ޒަމާންވީ ކަމެކެވެ. ހަމައެއާ އެކު އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި އެކުވެރިކަން ބަދަހިކޮށް އުފާވެރި އެތައް ވަގުތުތަކެއް އެތައް ޖީލެއް ހޭދަކޮށްފައިވާ ސަރަހައްދެކެވެ. އެއީ ހއ. ތަކަންދޫގެ އުތުރު އަވަށު ކޯރުކޮޅެވެ. މިރަށުގެ ގިނަ ކައިވެނިތައް ފެށި ލޯބި އުފެދުނު ސަރަހައްދަކީ އެއީ އެވެ. އެ ހާއްސަ ސަރަހައްދު މިއަދު މިވަނީ ނެތިދާން ފަށައިފަ އެވެ. ތިމާވެށީގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ.

އޭރު ތަކަންދޫ ތުނޑީގެ ރީތިކަން-- ސަން ފޮޓޯ

މީގެ ހައެއްކަ މަސް ކުރިއަށް ބަލާ އިރު އެއީ އާދަޔާ ހިލާފު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދޮންވެލިން ތާރު އަޅާފައިވާ ސަރަހައްދެކެވެ. ދިގު ދޮންވެލި ތުނޑިއެއް އަބަދުހެން އޮވެ އެވެ. ވަށައިގެންވާ މޫދު އެހާ ނަލަ އެވެ. އެސަރަހައްދުގައި އެއޮއް ރީތި ކުޅިއެކެވެ. ފެހިކަން ގަދަ ގަސްފަލެކެވެ. އަޖައިބެއް ފަދަ ރީތި އެތައް ކަމެއް ހިމެނިފައިވާ އެސަރަހައްދަކީ އާންމުގޮތެއްގައި މިރަށު މީހުން "ޕިކްނިކް" އައުމަށް ޒަމާނުންސުރެއް މަޝްހޫރުވެފައިވާ ސަރަހައްދެވެ. މިއީ މިރަށަށް އަންނަ އެހެން ރަށްރަށުގެ މީހުން ވެސް ކޮންމެހެން ގޮސްލަން ބޭނުންވާ މަންޒިލެކެވެ.

މިދިޔަ އަހަރުގެ ހުޅަނގު މޫސުން ފެށުމާ އެކު ކަހަލަ ގޮތަކަށް ވަނީ އެސަރަހައްދު ގިރަން ފަށައިފަ އެވެ. އެއާ އެކު ޒަމާނުންސުރެ އޮންނަ ދޮންވެލި ތުނޑި މިއަދު ވަނީ އެއްކޮށް ގިރާލައިފަ އެވެ. އެސަރަހައްދުގައި އޮންނަ ގުދުރަތީ ރީތި މާސިންގާ ކުޅިއަށް މޫދުން ރާޅުއަރައި ވެލިވެއްދުމުން އެކުޅި ހިކި ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ކުޅިވަނީ ނެތިގޮސްފަ އެވެ. ކުރިއާ އަޅާބަލާ އިރު 250،000 އަކަފޫޓު ހުންނަ ގުދުރަތީ އެ ސަރަހައްދުގެ ރީތިކަމަށް އެވަނީ އެތައް ގެއްލުމެއްވެފަ އެވެ. ހިތާމައަކީ ދެން އެނަސީބު ލިބޭނެ ކަމަށް ނުބެލެވޭތީ އެވެ.

"ދެން ތުނޑި ނުލާނެ، ތުނޑި އެދެން ދިޔައީ، މިހާރު އެދާގޮތަށްދާ ނަމަ ކޯރު [ކުޅި] ވެސް އެއްކޮށް ހިކިގެން ހިނގައިދާނެ، ހާއްސަކޮށް މިފަހަރު ހުޅަނގު މޫސުމުގައި ވާގޮތަކުން އެއްކޮށް ހިނގައިދާނެ،" ތަކަންދޫގެ ދުވަސްވީ މީހަކު ބުންޏެވެ.

މިސަރަހައްދަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުގެ ސަބަބުންނާއި ހިމާއަތް ކުރަން އެކަށޭނަ މަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުން މިސަރަހައްދުގެ ގުދުރަތީ އެތައް ރީތި ކަމެއް ގެއްލިފައިއެބަހުއްޓެވެ. އެގޮތުން ތަކަންދޫ ކައިރީ އޮންނަ ފަޅުރަށެއްކަމަށްވާ މުލިދޫގެ ކުޅިއެއް ވެސް ވަނީ އެގޮތަށް ދިމާވެ ނެތިގޮސްފަ އެވެ. އަދި ތަކަންދޫގެ ދެކުނު އަވަށުގައި އޮންނަ ކުޅިވެސް ވަނީ ބޮޑުބައެއް ނެތިގޮސްފަ އެވެ.

ހިމާއަތް ނުކުރެވި ކީއްވެ؟

އެގުދުރަތީ ރީި ސަރަހައްދަކީ ތަކަންދު އަށް ހާއްސަ ރީތި ކަމެއް ލިބިގެންވާ ސަރަހައްދަކަށްވާ އިރު އެ ސަރަހައްދު ނެތި ދިއުމަކީ މިރަށަށް ލިބޭ ބޮޑު ގެއްލުމެކެވެ. ތަކަންދޫ ކައުންސިލް މެމްބަރު އަބްދުއްރަހުމާން މުހައްމަދު ވިދާޅުވި ގޮތުގައި ތުނޑީކޮޅު ގިރައި ކުޅިނެތި ދާތީ އެކަން އެންވައިރޮމެންޓް މިނިސްޓްރީއަށް ހުށައެޅި ކަމަށާއި ނަމަވެސް އެކަށީގެންވާ އެހީތެރިކަން ނުލިބުނު ކަމަށެވެ.

"އަޅުގަނޑުމެން ސިޓީ ލިޔުނިން، ފޮޓޯ ވެސް ފޮނުވިން ގެއްލުންތަކާ އެކު، މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި މަސައްކަތް ކުރުމަށް، އެހެން ރަށްރަށަށް ވެސް ދިމާވާ މައްސަލައެކޭ، އަޅުގަނޑުމެންނަށް ކުރެވޭނެ މާކަ ބޮޑު މަސައްކަތެއްނެތް،" އަބްދުއް ރަހުމާން ވިދާޅުވި އެވެ.

އެންވައިރޮމެންޓް ޕުރޮޓަކްޝަން އެޖެންސީ(އީޕީއޭ)ގެ ސަމާލުކަމަށް ވެސް ރަސްމީ ހައިސިއްޔަތުގެ ބޭރުން ވެސް އެކަން ގެނައި ކަމަށާއި ނަމަވެސް މިހާތަނަށް އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ވިސްނުން ހުރީ ރަނގަޅު އިސްވެސްޓަރަކު ހޯދުމަށް ފަހު އެސަރަހައްދުގައި 40 ވަރަކަށް ރޫމް ގެސްޓު ހައުސް އެއް ހެދުމަށެވެ. އެ މަސައްކަތުގެ އިދާރީ މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރަހައްދު މިވަނީ ގިރާލައި ނެތިދިއުމުގެ ބިރު ހީވެފަ އެވެ.

ތަކަންދޫގައި ހިމެނޭ ގުދުރަތީ އަޖައިބު ކުރުވަނިވި އެ ސަރަހައްދު ނެތި ދިއުމުގެ ބިރު ބޮޑުވެފައިވާ އިރު އެ ސަރަހައްދު ހިމާޔަތްކޮށް ދިނުމަކީ ރަށު ރައްޔިތުންގެ ބޮޑުއެދުމެކެވެ. ގަދައޮޔާ ވަޔާ އެކު އަންނަ ރާޅުތަކުގެ ހަމަލާތަކު އެރީތި ސަރަހައްދު ހިމާއަތް ކުރުމަށް ތޮއްޓެއްލައިގެން ނަމަވެސް އެސަރަހައްދު ސަލާމަތްކުރުމަށް އެދެ އެވެ. އެއީ މިރަށުގެ ލޯބީގެ ދަރުބާރެވެ. މިއަދު އެވަނީ ނެތިދިއުމާއި ކައިރިވެފަ އެވެ.

comment ކޮމެންޓް