ޙައްޖު ކޯޕަރޭޝަންގެ މިފަހަރުގެ މަންޒިލަކީ ފަލަސްތީން

"3ހަރަމް ޢުމްރާ" ނަމުގައި ހައްޖު ކޯޕަރޭޝަނުން ފަށާފައިވާ ދަތުރުގެ ބައިވެރިން ފަލަސްތީނުގައި-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކާމިޔާބު ޙައްޖު އަދި އުމްރާ ދަތުރުތަކަކަށް ފަހު މިފަހަރު އެކޯޕަރޭޝަންގެ މަންޒިލަކީ މައްކާ އަދި މަދީނާގެ އިތުރުން "ފަލަސްތީނު"ގެ މާތް ބިމަށް އެތަކައް ދިވެހިންނަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމެވެ. "3ހަރަމް ޢުމްރާ"ގެ ނަމުގައި ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ މި ދަތުރުގައި މިހާރު ވަނީ 25 ދިވެހިންނާ އެކު ދަތުރު ފަށައިފަ އެވެ. މިދަތުރަކީ އެތައް ބަޔަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ދަތުރެއްކަން ޔަގީނެވެ. ފަލަސްތީނުގެ ބިމަށް ޒިޔާރަތްކޮށް މަސްޖިދުލް އަޤްސާގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން މައްކާ އަދި މަދީނާއަށް ޒިޔާރަތްކުރުމާއި 2 ޢުމްރާ ވުމުގެ ފުރުސަތު މިދަތުގައި ހުރިހާ ބޭފުޅުންނަށް ވެސް ލިބިގެންދާނެ އެވެ.

އުރުދުންގައި:

އުރުދުންގެ ވެރި ރަށް ޢައްމާނަކީ ދަތުރުގެ ފުރަތަމަ މަންޒިލެވެ. އުރުދުންއިން އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ ކަހަފު ބާގައިގެ މީހުން ތިންސަތޭކަ ނުވަ އަހަރު ވަންދެން ނިދާފައި ތިބި ހޮހޮޅަ ބަލައިލުމަށެވެ. ޖެހިގެން އަންނަ ދުވަހު ޢަބްދުﷲ ރަސްގެފާނު މިސްކިތަށް ޒިޔާރަތްކުރާނެ އެވެ. އަދި އެޔަށް ފަހު ޑެޑްސީ ބަލައިލުމަށާއި އަދި ޝުޢައިބު ޢަލައިހިއްސަލާމްގެ މަޤާމްފުޅަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް މި އަޑުއަހަނީ ކަހަފު ބާގައިގެ މީހުންގެ ވާހަކަ. މިދަތުރުގައި އެހާދިސާ ހިނގި ހޮހޮޅަ ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ. މިއީ އިބްރަތުން ފުރިގެންވާ ހާދިސާއެއް،" މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އައްމާންގެ ޒިޔާރަތްތަކަށް ފަހު ދެން ހުރިހާ ބޭފުޅުން ވެސް ދަތުރުފެށީ ފަލަސްތީނަށް ދިޔުމަށް ބޯޑަރު ހުރަސްކުރުމަށެވެ.

ފަލަސްތީނަށް:

ޤުދުސަކީ ސަމާވީ ދީންތަކުގެ އެކި އެކި އާޘާރުތައް ހިމެނޭ، އަދި މުސްލިމުންގެ މެދުގައި މުޤައްދަސް ބިމެކެވެ. ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އަދި ތިންވަނަ ޙަރަމްފުޅެވެ. ކީރިތި ރަސޫލާ އިސްރާ އާއި މިޢުރާޖްގެ ދަތުރު ކުރެއްވެވީ މަސްޖިދުލް ޙަރާމްއިން މަސްޖިދުލް އަޤްޞާއަށެވެ. މައްކާގެ މަސްޖިދުލް ޙަރާމްއާއި މަދީނާގެ މަސްޖިދުއްނަބަވީ ފިޔަވައި އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށް ވުރެ މަސްޖިދުލް އަޤްޞާގައި ކުރާ ނަމާދުގެ ޘަވާބު 500 ގުނަ އަށް އިތުރުވެގެންދާނެ ކަމަށް ރިވާވެފައިވެ އެވެ.

މި ދަތުރުގައި ދުނިޔޭގެ އެންމެ ދުވަސްވީ ސިޓީ ކަމަށްވާ އަރީހާ (ޖެރީކޯ) އަށް ޒިޔާރަތް ކުރާނެ އެވެ.

އިސްލާމީ ތާރީޚުގައި މަޝްހޫރު ރަން ގުއްބު ލީ މިސްކިތް ނުވަތަ މަސްޖިދު ޤުއްބަތުއްޞަޚްރާއަށް ޒިޔާރަތް ކުރުން ވެސް އޮންނާނެ އެވެ. ކީރިތި ރަސޫލާ މިޢުރާޖަށް އަރާ ވަޑައިގެންނެވުމަށް އެކަލޭގެފާނު ޤާއިމުވެ ވަޑައިގެން ހުންނެވި ހިލަކޮޅު ވަނީ މި މިސްކިތުގެ ތެރޭގަ އެވެ. މި މިސްކިތަށް ޤުއްބަތު ޞަޚްރާގެ ނަން ދެވިފައި ވަނީ މި ހިލަކޮޅުގެ ސަބަބުންނެވެ.

އެއަށް ފަހު ދެން ޒިޔާރަތްކުރާނީ އަޤްޞާގެ އަންޑަރގްރައުންޑް ޗެމްބާ ސަރަޙައްދަށާއި ޤުދުސްގެ ދުވަސްވީ އެއް މަގު ކަމުގައިވާ ޠަރީޤް އަލް އާލާމް (ވިއާ ޑޮލޮރޯސާ) އަށެވެ. މިއީ ޢީސާ ޢަލައިހިއްސަލާމްގެ ޢުމުރުފުޅުގެ ފަހު ދުވަސްތައް ހޭދަކުރެއްވި ސަރަޙައްދެވެ.

"ޤުދުސްގެ މުސްކުޅި ބާޒާރުތައް ބަލައިލުމަށް ވެސް ދާނެ އެވެ. (މީގެ ތެރޭގައި ހިމެނެނީ އަލް ގަޠަނީން، ޚާން އަލް ޒައިތު، އަދި އަލް ޢަޠަރައިން ބާޒާރު) މީގެ އިތުރުން ޢުމަރު ބިން ޚައްޠާބްގެ މިސްކިތަށް ޒިޔާރަތް ކުރުމާއި މަތީން ޤުދުސް ފެންނަ ގޮތް ބަލައިލުމަށް ޒައިތޫން ފަރުބަދައަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައިވޭ" ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ތާރީހީ ދަތުރު ނިންމާލުމަށް ފަހު ހުރިހާ ބޭފުޅުން ވެސް އިހްރާމް ބަނުމަށް ފަހު އުމްރާ ކުރުމަށް އައްމާނު މަގުން ޖިއްދާއަށް ދަތުރު ފަށާނީ ޑިސެމްބަރު 3 ވާ ހޮނިހިރު ދުވަހުގަ އެވެ.

"ފަލަސްތީނަށް މިކުރެވޭ ދަތުރަކީ ވަރަށް ގިނަ ބަޔެއް ޝައުގުވެރިވާ ދަތުރެއް. ހާއްސަކޮށް އިސްލާމީ ތާރީހުގައި އަޅުގަނޑުމެންނަށް އިވިފައިވާ އެތައް ވާހަކަ ތަކެއްގެ ހަދީސާތައް އެތަނެއްގައި ހިނގާފައިވާ ތަންތަން ފެނުމުން ހިތްހަމަ ޖެހުން ލިބިގެންދޭ. ދިވެހިންނަކީ ފަލަސްތީނު ދެކެ ވަރަށް ލޯބިވާ ބައެއް. އެބިމަށް ދެވުމުން އެއުފާވެރިކަން ފެނިގެންދޭ އެބޭފުޅުންގެ މޫނުމަތިން،" ޔާމީން އިދްރީސް ވިދާޅުވި އެވެ.

ފަލަސްތީނަށް މިކުރެވޭ ޙާއްސަ ދަތުރަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ދަތުރު ތަކެކެވެ. މިއަހަރު މިދަތުރު ވަނީ "އިސްލާމިކްޓުއާ"އެއްގެ ގޮތުގައި އިތުރު އިސްލާމީ ޤައުމުތަށް ހިމަނައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިސްރުގެ ޕިރަމިޑް ބަލާލުމާއި ފިރުއައުނު ބަލާލުން ހިމަނައިގެން ކުރިއަށްދިޔަ އެދަތުރު ވެސް ކާމިޔާބު ދަތުރަށްކަމަށްވެގެންދިޔަ އެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސް ވިދާޅުވާ ގޮތުގައި އެކޯޕަރޭޝަންގެ މަޤްސަދަކީ "ފަލަސްތީނަށް ޒިޔާރަތްކުރަން ބޭނުންވާ ހުރިހާ ދިވެހިންނަށް އެފުރުސަތު ހޯދައިދިނުން"ކަމުގަ އެވެ.

"3ހަރަމް ޢުމްރާ"ގެ ނަމުގައި ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދާ ދަތުރު އަންނަ އަހަރު މިސްރު ހިމަނައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް