ލަވަކިޔުންތެރިޔާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލައިފި

ލަވަކިޔުންތެރިޔާ އަޝްރާ އާއި އޭނާގެ ލޯބިވެރިޔާ ނަޒީހް މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ ---- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

މަޝްހޫރު ލަވަކިޔުންތެރިޔާ ރ. މީދޫ، ފިނިމާގޭ ހައްވާ އަޝްރާ އާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ ހަސަން ނަޒީހްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ދައުލަތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ނަޒީހު މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ މެންދުރުފަހު 3:30 ހާއިރު ގ. ޖޫތީގޭގައި ނަޒީހު ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން އެ ކޮޓަރިއަށް ވަންއިރު، ނަޒީހް އާއި އަޝްރާ އެ ކޮޓަރީގައި ތިބި ކަމަށާއި އެ ކޮޓަރި ބަލައި ފާސްކުރީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭގެ ޖުމްލަ 39.3948 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެތެރޭގައި 74 ގުޅަ ހިމެނެއެވެ.

ފުލުހުން އެ ކޮޓަރި ތެރެ ބަލައިފާސްކުރަމުން ދަނިކޮށް ނަޒީހު އެނދުގެ ބާލީސް ދަށަށް އެއްޗެއް ލީތަން ފެނިގެން ފުލުހުން އެތަން ޗެކްކުރި އިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އެ ކޮޓަރި ތެރެ ބަލައިފާސްކުރަނިކޮށް 1256 އެމެރިކާ ޑޮލަރާއި 78،00 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް ފައިސާ ނަޒީހުގެ ވޮލެޓުން ފެނުނުއިރު، އެ ފައިސާތައް ހޯދި ގޮތެއް ނަޒީހު އާއި އަޝްރާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުން މިއަދު ވަނީ އެދިފައެވެ.

ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ނަޒީހް އާއި އަޝްރާ ބުނީ މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކު އައްޔަންކޮށްގެން ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް އެ ދެ މީހުންނަށް ދީފައެވެ.

އެ ދެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރަން އުޅުނު ކަމަށް ބުނެ، ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައެވެ.

އެކަމާ ގުޅޭގޮތުން އަޝްރާ ބުނީ ރާއްޖެއިން ބޭރަށް ފުރަން އުޅުނީ މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު ހުއްދަ ނުދިނުމުން ކަމަށެވެ.

އަޝްރާ ބުނީ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ހައްޔަރުކޮށް އަށް ގަޑިއިރު އަތޮޅު ވެހީގައި ބޭތިއްބުމަށްފަހު އެ ދެ މީހުން ވަނީ ދޫކޮށްލާފައި ކަމަށެވެ. ވަކީލަކާ އެކު އެކަމާ ގުޅޭގޮތުން ވާހަކަދައްކަން ފުރުސަތު ދެއްވުމަށްފަހު ގާޒީ ނިންމެވީ އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.

comment ކޮމެންޓް