ޗައިނާގައި ބޭއްވި ސީސީޓީވީ "ދަ ގްރޭޓަސްޓް ޝެޕްސް ޗެލެންޖް"ގައި ރާއްޖޭގެ ޝެފް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުން ބައިވެރިވި ދިވެހި ޓީމުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވާދަކޮށް ރަން ވަނަތަކެއް ހާސިލްކޮށްފިއެވެ.
މިމަހުގެ 17 އިން 27 އަށް ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ސީޖީއެމްގެ ހަތަރު ޝެފުންނެވެ. އެއީ ސޮނޭވާފުށި ރިސޯޓްގެ އަބްދުﷲ ޝަބާހު އާއި ބަނޑޮސް އައިލެންޑް ރިސޯޓްގެ އަހުމަދު ފަތީންގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްގެ މުހައްމަދު ނިޔާޒު އަދި ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ޔޫސުފް ނާސިމްއެވެ.
އެ މުބާރާތުގައި ސީޖީއެމް އިން ވާދަކުރުމުގެ ފުރުސަތު ލިބުނީ މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ އެހީތެރިކަމާއެކުގައެވެ.

ޗައިނާގައި ބޭއްވި ސީސީޓީވީ "ދަ ގްރޭޓަސްޓް ޝެޕްސް ޗެލެންޖް"ގައި ސީޖީއެމްގެ ފަރާތުން ބައިވެރިވި ދިވެހި ޝެފުންގެ ޓީމުގެ ބައިވެރިން --- ފޮޓޯ/ ސީޖީއެމް
މުޅިންވެސް ޓީމް އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި އެކި ގައުމުތަކުގެ ކެޓަގަރީގައި ޖުމްލަ ނުވަ ގައުމެއް އަދި ސޫޒޫގެ މަޝްހޫރު ސިޓީ ހޮޓެލް އަދި ބޮޑެތި ރެސްޓޯރެންޓް ފަދަ ތަންތަނުން ވާދަކުރި ނުވަ ޓީމަކާއެކު 18 ޓީމެއް ވާދަކޮށްފައިވެއެވެ.
ސީޖީއެމް އިން ބުނީ، ރާއްޖޭގެ އިތުރުން އިޓަލީ، އިންޑިއާ، މިޔަންމާ އަދި ތުރުކީ ފަދަ ކެއްކުމުގެ ދާއިރާގައި މަޝްހޫރު ގައުމުތައް ވާދަކުރި އެ މުބާރާތުގެ ގައުމުތަކުގެ ކެޓަގަރީން ދިވެހި ޓީމަށް ދެވަނަ ލިބުނު ކަމަށެވެ.
އޭގެ އިތުރުން މުޅި މުބާރާތުގައި ބައިވެރިވި ޖުމްލަ 18 ޓީމު ހިމެނޭ ގޮތުން މުޅި މުބާރާތުން ދިވެހި ޓީމު ވަނީ ފަހުރުވެރި ތިން ވަނަ ހާސިލްކޮށްފައިކަމަށް އެ ފަރާތުން ބުނެއެވެ.

ޗައިނާގައި ބޭއްވި ސީސީޓީވީ "ދަ ގްރޭޓަސްޓް ޝެޕްސް ޗެލެންޖް"ގައި ސީޖީއެމްގެ ފަރާތުން ބައިވެރިވި ދިވެހި ޝެފުންގެ ޓީމުގެ ބައިވެރިން --- ފޮޓޯ/ ސީޖީއެމް
ސީޖީއެމް އިން ބައިވެރިވި އެ މުބާރާތުގެ ރިކޯޑިން އަންނަ އަހަރުގެ ސްޕްރިންގް ފެސްޓިވަލުގައި ޗައިނާގެ އެންމެ ބޮޑު އެއް ޓީވީ ނެޓްވޯކް ސީސީޓީވީ2 ގެ ފަރާތުންނާއި ޗައިނާގެ މަޝްހޫރު ބައެއް ޓީވީ ޗެނަލްތަކުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
ސީޖީއެމްގެ ފަރާތުން ދަނީ ދިވެހި ޝެފުންނަށް ބޭރު ގައުމުތަކުގައި ބާއްވާ ކެއްކުމުގެ މުބާރާތްތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެމުންނެވެ. އެގޮތުން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސިންގަޕޫރުގައި ބޭއްވި "ފުޑް އޭޝިއާ 2016 – އެފްއެޗްއޭ ކަލިނަރީ ޗެލެންޖު 2016"ގައި ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
އެ މުބާރާތުގައި ދިވެހި ޝެފުންގެ ޓީމަށް ވަނީ ސިލްވާ މެޑަލްއަކާއެކު ބްރޯންޒް މެޑަލްއެއް ހާސިލްކޮށްފައެވެ.