ކެންސަރު ބަލީގެ ފަރުވާ ދިނުމަށް ޕާކިސްތާނުން ރާއްޖެއަށް އެހީވެދެނީ

ޕާކިސްތާނު ސަފީރު ސައީދު އަލީ ޝާހާއި އެކު ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯޑާ މީހުންނަށް ފަރުވާ ދިނުމަށާއި އެބަލިން ރައްކާތެރިވުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ޝައުކަތު ޚާނަމް މެމޯރިއަލް ހޮސްޕިޓަލް (އެސްކޭއެމްއެޗް)އިން ރާއްޖެއަށް އެހީތެރިވެދިނުމަށް އެއްބަސްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރާއި އެސްކޭއެމްއެޗާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމާއި ރާއްޖޭގައި ހުންނަވާ ޕާކިސްތާން ސަފީރު ވައިސް އެޑްމިރަލް (ރޓޑ) ސައީދު ޚަވަރު އަލީ ޝާންއެވެ.

ސޮއި ކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމުވެގެން ދިއުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށާއި، ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗާއި ސިއްހީ ދާއިރާގެ މުއައްސަސާތަކުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް -- ސަން ފޮޓޯ/ މާހިލް މުހައްމަދު

މިނިސްޓަރު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި މަސައްކަތް ކުރާ، ކެންސަރު ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންނަށް އެސްކޭއެމްއެޗުން ތަމްރީނު ދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ނޭޝަނަލް ކެންސާ ރެޖިސްޓްރީގެ މަސައްކަތަށް އެސްކޭއެމްއެޗުން ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ކެންސަރު ބަލި ދެނެގަތުމާއި އެ ބަލީގެ ދިރާސާތައް ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސިއްހީ ހިދުމަތް ފުޅާކޮށް، ގިނަ ޚިދުމަތްތަކެއް ރަނގަޅު ކުރުމުގެ އެޖެންޑާއެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، ރާއްޖެއިން މީގެ ކުރިން ބޭސްފަރުވާ ކުރެވެން ނެތް ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މުހިންމު ޕްލޭންތަކެއް އެކުލަވާލައި، އެ މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، އައިޖީއެމްއެޗުން ހިތުގެ ބަލިތަކަށް މިހާރު ފަރުވާ ކުރެވޭ ކަމާއި، މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ރާއްޖެއިން ހިތުގެ ބަލިތަކަށް ފަރުވާ ލިބި، ފަސޭހަ ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިއްޔެ އެ ހޮސްޕިޓަލްގައި އާ އައިސީޔޫއަކާއި އިތުރު ޚިދުމަތްތަކެއް ތައާރަފުކުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ސައީދު އަލީ ޝާހު ވިދާޅުވީ ރާއްޖޭގައި އޮންނަނީ ވަރަށް ހަރުދަނާ ސިއްހީ ނިޒާމެއް ކަމަށާއި، އެފަދަ ނިޒާމުތައް ހުންނަ ގައުމުތައް ދުނިޔޭގައި މަދުވާނެ ކަމަށެވެ.

"ރާއްޖޭގެ ސަރުކާރު ދަނީ ވަރަށް ބުރަ މަސައްކަތްތަކެް ކުރަމުން ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށް. މި އެގްރިމެންޓާ އެކު އެސްކޭއެމްއެޗުން ރާއްޖޭގައި އޮންކޮލޮޖީގެ ދާއިރާއިން ވަސީލަތްތައް ތަރައްގީކުރުމަށް އެހީތެރިވެދޭނަން،"

ސަފީރު ވިދާޅުވީ، ރާއްޖޭގައި ފެންވަރު ރަނގަޅު މެޑިކަލް ކޮލެޖެއް ހުޅުވިގެން ދިއުމަކީ ކުރައްވާ ވަރަށް ފޮނި އުންމީދެއް ކަމަށެވެ.

comment ކޮމެންޓް