އަލިފާން ނިއްވަން އުޅެނިކޮށް ޒަހަމްވި ސިފައިންގެ މީހާ ފަރުވާއަށް ރާއްޖޭން ބޭރަށް

ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ގުދަނެއްގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ދެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ މުހައްމަދު އަފްރާހް

މއ. ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ގުދަނެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްތަކައް ލިބިގެން ފަރުވާ ދެމުންދިޔަ ސިފައިންގެ މީހަކު އިތުރު ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް "ސަން"އަށް މިއަދު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ޒަހަމްތަކެއް ލިބިގެން ސިފައިންގެ ދެ މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ސިފައިންގެ މީހާގެ މޫނު މައްޗަށް ޒަހަމްތަކެއް ލިބިފައިވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ހާލު ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ފޮނުވާލަން ނިންމާފައި ވަނީ ކޮން ގައުމަކަށް ކަމެއް އަދި ސާފެއްނުވެ އެވެ.

"ސީރިއަސް ޒަހަމްތަކެއް ލިބުނު ސިފައިންގެ މީހާގެ ކަނާތު ފަރާތު ބުމަޔާ ކޯމަތީގެ އިތުރުން ތުންފަތަށް ފުން ޒަހަމްތަކެއް ވަނީ ލިބިފަ. ޑޮކްޓަރުން މިހާރު ދަނީ އެތަންތަން ފަހަމުން. ބެލެވޭ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވާލަން ރިކޮމެންޑް ކުރާނެ،" މައުސޫމް ވިދާޅުވިއެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުރި މީހަކު ސަން އަށް ބުނި ގޮތުގައި، އެ ސިފައިންގެ މީހާގެ މޫނު މައްޗަށް ސީރިއަސް ޒަހަމްތަކެއް ލިބުނީ ރޯވި ގުދަނުގެ ކުރިމަތީގައި ހުރި ފަސް ބުރީގެ އިމާރާތުގެ ފަސް ވަނަ ބުރިން ބިއްލޫރިގަނޑެއް އޭނާގެ ގައިމައްޗަށް ވެއްޓިގެންނެވެ. އަދި އޭނާގެ ގައިން ވަރަށް ބައިވަރު ލޭ ފޭބި ކަމަށް އޭނާ ވެހިކަލަށް އެރުވި އެ މީހާ ބުންޏެވެ.

މިއަދު މެންދުރު 12:30 އެހާކަންހާއިރު މއ. ކަފިދޫގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، އެ ގުދަން ވަނީ އަނދައި ހުލިވެފަ އެވެ. އަނދައި ހުލިވި ގުދަނަކީ ކޮސްމެޓިކްސް އާއި އިލެކްޓްރޯނިކް ސާމާނު ގުދަންކޮށްފައި ހުރި ބްރަދާހޫޑް ގްރޫޕުގެ ގުދަނެކެވެ. ބްރަދާހޫޑް ގްރޫޕުން ސަންއަށް މައުލުމާތު ދިން ގޮތުގައި އެ އަނދައި ހުލިވި ގުދަން ހުރީ އިންޝުއަރެންސްކޮށްފަ އެވެ.

comment ކޮމެންޓް