ފަހު ވަގުތު މާފަރު އެފްސީން ވެލިދޫ ބަލިކޮށްފި

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފުރަތަމަ މެޗުގައި، މަގޫދޫ ފުޓްބޯޅަ ޓީމާއި ކުޑަފަރީ ފުޓްބޯޅަ ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދު ކުޅުނު މެޗުގައި ވެލިދޫ އަތުން މާފަރު މޮޅުވީ 2-1 ލަނޑުން --- ސަން ފޮޓޯ: އަލީ އާތިފް

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މިއަދު ކުޅުނު މެޗުގެ ފަހު ވަގުތު ލަނޑެއް ކާމިޔާބުކޮށް މާފަރު އެފްސީން ވެލިދޫ ބަލިކޮށްފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ވެލިދޫގެ މައްޗަށް މާފަރުން ކުރީ ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ވެލިދުއަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދެވެ. އޭގެ ހަ މިނެޓްފަހުން މާފަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހްމަދު ހަބީބެވެ. މާފަރުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބުކޮށްދިނީ އަޒްހާދު އަބްދުﷲ އެވެ.

އެ މުބާރާތުގެ 'ގްރޫޕް އޭ'ގެ މެޗެއް އިއްޔެ ވެސް ކުޅުނެވެ. މަގޫދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެ މެޗުން ކުޑަފަރީ ފުޓްބޯޅަ ކްލަބު މޮޅުވީ 3-0 ލަނޑުންނެވެ. އެހެންކަމުން ތިން ޕޮއިންޓާއެކު އެ ގްރޫޕުގެ އެންމެ ކުރީގައި މިވަގުތު އޮތީ ކުޑަފަރީ އާއި މާފަރެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.

އިއްޔެ އިން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ކުޑަފަރީ އެފްސީ އާއި، މަގޫދޫ އެފްޓީ އާއި، އެފްސީ މާފަރާއި، ވެލިދޫ އަދި ލަންދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހޮޅުދޫ އެފްސީ އާއި، ޅޮހި ބޯޅަ ޓީމާއި، ހެނބަދޫ އެފްޓީ އަދި މިލަދޫ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ކެނދިކުޅުދޫ އެފްސީ އާއި، ފޮއްދޫ އެފްސީ އާއި، މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްޓީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވާ، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ ހޮޅުދޫ އެފްސީ އާއި ޅޮހި ބޯޅަ ޓީމެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް