ނުކުޅެދޭ މީހުންގެ ކައުންސިލުވެސް ނުކުޅެދިފައި!

ހިއުމަން ރައިޓްސް ކޮމިޝަން )އެޗްއާރުސީއެމް( އިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ އަބާދީގެ އަށް ޕަސެންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުނެވެ. ހެލްތު މިނިސްޓްރީން އެކުލަވާލާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާތަނަށް 4507 މީހުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް ނުކުޅެދޭ މީހުންގެ ހައްގުތައް ހޯދައިދޭން އެކަށީގެންވާ ގޮތެއްގައި އެއްވެސް ފަރާތަކުން މާ ބޮޑު މަސައްކަތެއް ކުރެވިފައިވެއެކޭ ނުބުނެވޭނެ އެވެ. އެ ނަތީޖާ އެހެން އޮއްވާ އެ މަސައްކަތް ކުރަން ތިބި ބަޔަކަށް ވެސް ވަނީ ތަފާތު ގޮންޖެހުން ތަކާ ކުރިމަތިވެ "ހިތްމަރުވާ" ގޮތް ވެފަ އެވެ.

ނުކުޅެދޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށް ގާނޫނުނެއް އެބައޮތެވެ. އޭގައި ކަންވާންޖެހޭނެ ގޮތް ވަރަށް ސާފެވެ. އެ ގާނޫނުގެ ދަށުން އުފެދުނު ޑިސްއެބިލިޓީ ކައުންސިލެއް ވެސް އޮވެ އެވެ. އެ ކައުންސިލުގެ ހަތް މެމްބަރުންނަށް މުސާރަ ނުދޭތާ 10 މަސްވުމަކީ ނުކުޅުންތެރިކަން ހުރި ކުދިންގެ ހައްގުގައި ކުރާ މަސައްކަތް އެދެވޭ ގޮތުގައި ނުދާނެ ކަމުގެ ހެއްކެކެވެ.

ހަމައެއާއެކު އެ ކައުންސިލުން ފަސް ލައްކަ އާއި ތިން ލައްކަ އާއި ދެމެދުގެ ބަޖެޓެއް އެކުލަވާލުމުން 5000ރ. ގެ ބަޖެޓެއް ދީފައި އޮތް އޮތުމަކީ ނުކުޅެދުންތެރިކަމުގައި ތިބި މީހުންގެ ހާލަތާ މެދު ކަމާބެހޭ ފަރާތްތައް ކަންބޮޑުވާ ދަރަޖަ ދައްކައިދޭ ގްރާފެއް ކުރަހައިލެވިދާނެ އަދަދެކެވެ. ބައި މީހުން ބުނާ ގޮތުގައި އެއީ އެއީ ކައުންސިލު ވެސް ނުކުޅެދޭ ހާލަތަށް ވައްޓައިލުމެވެ.
"އަޅުގަނޑުމެން ބަޖެޓް ހެދިއިރު ފަސް ލައްކަ އާއި ތިން ލައްކަ އާ ދެމެދުގެ ބަޖެޓެއް އެކުލަވާލާފައިވާނެ. އެކަމަކު ބަޖެޓް ފާސްވެގެން އައި އިރު ލިބޭނެ ކަމަށް ބުނެފައި ވަނީ ފަސް ހާސް ރުފިޔާ. މިކަން މިނިސްޓްރީގައި އެކިފަހަރު ދަންނަވާފައި ވާނެ. ކޮންމެ ފަހަރަކު ވިދާޅުވަނީ ބައްލަވާނެ ކަމަށް،" ކައުންސިލުގެ ރައީސް އަހުމަދު އާތިފު ވިދާޅުވި އެވެ.

އެ ކައުންސިލްގެ ނައިބު ރައީސް ޙަސަން ނިޒާމް ވިދާޅުވި ގތޮތުގައި ކައުންސިލްގެ ބެލެނިވެރިޔާ، ހެލްތު މިނިސްޓްރީގައި ތަކުރާރުކޮށް މެމްބަރުންގެ މުސާރަ އާއި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެކެވެ. އެކަމަކު މިހާތަނަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ. ޑިސްއެބިލިޓީ ކައުންސިލްގެ ބަޖެޓް ބޮޑު ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި މިނިސްޓްރީން އެދިފައިނުވާއިރު އެކަމަށް މަގުފަހި ކޮށްދިނުމަށް ވެސް މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ތުހުމަތު ކުރައްވައެވެ.

ހެލްތު މިނިސްޓްރީގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވި ގޮތުގައި ކައުންސިލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އުޖޫރަ ކަނޑައަޅާފައިވީ ނަމަވެސް މުސާރަ އާ ދޭތެރޭ ކައުންސިލް މެމްބަރުން ހިތްހަމަނުޖެހެ އެވެ. އަހަރީ ބަޖެޓެއްގެ ގޮތުގައި 5000ރ. ކަނޑައަޅާފައިވަނީ އެ ކައުންސިލުން ކުރަންޖެހޭ ޚަރަދު ތައް ކުޑަވާނެތީ އެވެ.

"އަޅުގަނޑުމެން މި ކުރަނީ ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް. އެބޭފުޅުން އާންމު ގޮތެއްގައި ހިންގަވަން ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް. އެކަމަށް މާ ބޮޑު ޚަރަދު ތަކެއް ނުހިނގާނެ. ޕްރެސް ކޮންފަރެންސެއް ބާއްވަން ބޭނުން ނަމަ ހިލޭ އަޅުގަނޑުމެންގެ ކޮންފަރެންސް ހޯލު ލިބޭނެ. އެހެންވެ ބަޖެޓް ކުޑަ ކޮށްފައި އެވަނީ،" އާފިޔާ ވިދާޅުވި އެވެ.

ޑިސްއެބިލިޓީ ކައުންސިލްގެ މެންބަރުން ވަނީ ކައުންސިލަށް ދިން ބަޖެޓާ ކުރަންޖެހޭ މަސައްކަތްތަކާމެދު ސުވާލު އުފައްދާފަ އެވެ. ނުކުޅެދުންތެރި ކަމުގައި ތިބި މީހުންގެ ހާލަތަށް ބަލާއިރު އެ ކައުންސިލުން ކުރަންޖެހޭ މަސައްކަތް ކުޑަހެނެވެ ފެންނަ ފެނުމަކަށް ހީއެއް ނުވެއެވެ. ހަމައެކަނި މިއަހަރަށް ބަލައިލިއަސް މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނުކުޅެދުންތެރިކަން ހުރި ކުއްޖަކު، އަމިއްލަ އަށް ސަލާމަތް ކަން ނުހޯދެވުމުގެ ސަބަބުން މަރުވި އެވެ. ނުކުޅެދުންތެރިކަން ހުރި އެތައް ކުއްޖަކު ވަނީ އެތައް ބައެއް ޖިންސީ ޝިކާރައަކަށް ވިއެވެ. އަދި ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ޖިންސީ ޝިކާރަ އަކަށް ހަދައިގެން ގެންގުޅުނު މީހަކަށް ބަނޑު ބޮޑުވެ ވިހާފައިވާ މައްސަލަ އެއް ފެންމަތިވެފައިވާއިރު ނުކުޅެދުންތެރިކަން ހުރި ކުދިންތަކަކަށް ކިޔައިވައިދެމުންދިޔަ ބިދޭސީ ޓީޗަރަކު އެފަދަ ކުދިން ތަކަކާ ބެހުން މައްސަލަ އެއް ވެސް ހިލުނެވެ. މިހިރަ ކަންކަމަށް ކުރަންޖެހޭ ދިފާއީ މަސައްކަތް ކުރުމުގައި "މާބޮޑު ހަރެއްދެއް" ނުހިނގާނެ އާފިޔާ ވިދާޅުވިއަސް ގަލޫލެއް ނުކުރެވެއެވެ.

"ކިހިނެއްތޯ އެ ބަޖެޓުން އާއްމުން ހޭލުންތެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް އަޅުގަނޑުމެން ހޯދައިދޭނީ. ހަގީގަތުގައި އަޅުގަނޑުމެންގެ ގައިގައި (ސަރުކާރުން) ހިފަހައްޓާފައިވާ ކަމަށް އަޅުގަނޑަށް މާނަކުރެވެނީ. ހުއްޓި ތިބޭށޭ،" ހަސަން ނިޒާމް ވިދާޅުވީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ބުނާ ގޮތުން އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތައް ވެސް އިހުތިރާމު ކޮށް އެމީހުންނަށް ވެސް މިނިވަންކަމާ އެކު އުޅެވޭނެ މަގު ތަނަވަސް ވާންޖެހެ އެވެ. ނަމަވެސް ސުވާލަކީ އެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ރާއްޖޭގައި ލިބިފައި ވޭބާވަ އެވެ. އަދި ކައުންސިލުންގެ މެންބަރުން ބުނާ ގޮތަށް އެކަންކަން ވާން އެބައޮތް ހެއްޔެވެ؟
އާފިޔާ ވިދާޅުވަނީ ސަރުކާރުން މަސައްކަތްތައް ކުރާ ކަމަށެވެ. އެފަދަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާ ކަމަށެވެ. އެކަމަކު އެކަށީގެންވާވަރު ނުވާ ކަމަށެވެ.
"މިހާރު ވެސް މިދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެންސްޕާގައި ބައިވެރިކޮށް އިނާޔަތްތަކެއް ދެމުން. އަދި ނުކުޅެދޭ ކުދިންގެ ޚާއްސަ ދަފްތަރެއް އެކުލަވާލައި މަސައްކަތްތަކެއް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުގެ ވާހަކަތަކާއި އާފިޔާގެ ވާހަކަތަކުން އެއްކަމެއް އެނގެ އެވެ؛ ނުކުޅެދުންތެރިކަން ހުރި ކުދިންނާ ދޭތެރޭ މުޖުތަމައު ދެކޭ ގޮތް އަދިވެސް ބަދަލު ނުވާ ކަމެވެ. ނުކުޅެދޭ ކުދިންގެ ކަންކަމުގައި އެހީވާން އޮތީ ކައުންސިލާއި ކައުންސިލުގެ ނިންމުންތަކެވެ. އެ ކައުންސިލާއި ނުކުޅެދޭ ކުދިންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާމީހުންގެ މަސައްކަތް ނުކުޅެދުންތެރިވެފައި އޮންނާކަށް ނުޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް