ލީގު ޗެމްޕިއަން ސިފައިން ބަލިކޮށް، މޯލްޑިވިއަނުން ޗެމްޕިއަންކަން ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން މޯލްޑިވިއަން: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސިފައިން ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް، ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބު ހޯދައިފި އެވެ.

މޯލްޑިވިއަނުން ޗެމްޕިއަންކަން ހޯދީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ސިފައިން އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ސިފައިންނާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ސެޓު 13-25 އިން މޯލްޑިވިއަނުން ގެންދިޔަ އިރު، ދެ ވަނަ ސެޓު 25-21 އިން ގެންދިޔައީ ސިފައިންނެވެ. މެޗުގެ ފަހު ދެ ސެޓު މޯލްޑިވިއަނުން ގެންދިޔައީ 22-25 އަދި 15-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މޯލްޑިވިއަންގެ އަލީ ހުޒާމް އެވެ.

އެ މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ތަށްޓާއި އިނާމު ހަވާލުކޮށްފައިވެ އެވެ. މުބާރާތުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން މޯލްޑިވިއަން: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސިފައިން ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގެ ހަސަން ނިލާމް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މޯލްޑިވިއަންގެ އަލީ ހުޒާމް އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުވެސް އިއްޔެ ވަނީ ކުޅެފަ އެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ޕޮލިސް ކްލަބު ބަލިކޮށް، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޏ. ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމެވެ.

comment ކޮމެންޓް