މުއްދަތެއް ނެތްގޮތަށް ޕީޕީއެމްގެ ކައުންސިލް އިންތިޚާބު ޕްރައިމަރީ ފަސްކޮށްފި

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---- ސަން ފައިލް ފޮޓޯ

މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ކުރިން ނިންމި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުނ ހޮވުމަށް ބާއްވާ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމަރީ ބޭއްވުމަށް ޕާޓީގެ އެންމެހައި މެމްބަރުން ހިމެނޭ ސައްޙަ ދަފްތަރެއް އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީގެ ހިންގުމަށް ބޭނުންވާ މުހިންމުތަކެތި ހޯދުމަށް ކުރި މަސައްކަތުން މިއަދާ ހަމައަށް ވެސް ޕާޓީގެ މެމްބަރުންގެ ދަފްތަރު ލިބިފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ އެކި ގޮތްގޮތުން ލިބުނު މައުލޫމާތުން ވެސް ޕާޓީގެ ދަފްތަރު ފުރިހަމަކުރެވޭ ގޮތް ނުވި ކަމަށް އެ ބަޔާނުގައިވެއެވެ.

"އެހެންކަމުން ޕީޕީއެމް އިން އެހެން ގޮތެއް ކަނޑައަޅަންދެން ޕާޓީގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގަމެވެ،" ޕީޕީއެމްގެ ބަޔަނުގައި ވެއެވެ.

ޕީޕީއެމް އިން ބުނެފައި ވަނީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅިޔަސް ޕްރައިމަރީގައި ވާދަކުރެވޭނީ ޕޮއިންޓުދީގެން ފާސްވާ މެމްބަރުންނަށް އެކަނި ކަމަށެވެ.

މުއްދަތެއް ނެތްގޮތަށް ޕީޕީއެމްގެ ޕްރައިމަރީ ފާސްކޮށްފައިވާއިރު، އެޕާޓީން ވަނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

comment ކޮމެންޓް