ވެލިދޫގައި ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައިފި

ވެލިދޫގައި ހުޅުވި ބީއެމްއެލް ސެލްފް ސާވިސް ބޭންކިންގް ސެންޓަރު -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ނ. ވެލިދޫގައި ބަހައްޓައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، ބީއެމްއެލް ސެލްފް ސާވިސް ބޭންކިންގް އޭޓީއެމްތަކުން އާންމުކޮށް ލިބޭ ހުރިހާ ޚިދުމަތް މި އޭޓީއެމުން ލިބޭނެއެވެ. އޭގެ ތެރޭގައި ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

ބީއެމްއެލްއިން މުޅި ރާއްޖެއަށް ބޭންކިންގް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ 300 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ނ. ވެލިދޫގައި އޭޓީއެމް ބެހެއްޓުމާ ގުޅިގެން، ބީއެމްއެލްގެ ރީޓެއިލް ބޭންކިންގް މެނޭޖަރ މުހައްމަދު ޝަރީފް ވިދާޅުވީ، މިކަމުގެ ސަބަބުން ވެލިދޫގެ ތަރައްގީއާއި ކުރިއެރުމަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.

"މުޅި ރާއްޖޭގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގައި މިއަދަކީވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްވެގެން ދިޔަ ދުވަހެއް. ބޭންކުގެ 300 މިލއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް އިންވެސްޓްމަންޓްތަކެއް ފެންނަމުން. މިއަދު ޚިދުމަތް ދޭން ފެއްޓުނު އޭޓީއެމްގެ ސަބަބުން ވެލިދޫގެ ތަރައްޤީ އާއި ކުރިއެރުމަށް އިތުރު އެހީތެރިކަން ލިބިގެންދާނެ."

ބީއެމްއެލްއިން މިދިޔަ މަހުގެ ތެރޭގައި ވަނީ ރ. ދުވާފަރުގައި ވެސް ސެލްފް ސާވިސް ބޭންކިންގް ޚިދުމަތް ގާއިމުކޮށްފައެވެ.

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގް ޚިދުމަތްދޭ 16 ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހުންނާނެއެވެ. އޭގެ އިތުރުން ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 29 ބްރާންޗާއި، 76 އޭޓީއެމްއާއި، 3،900 ޕީއޯއެސް މާޗަންޓުންގެ އިތުުރން 191 ކޭޝް އޭޖެންޓުންނާއި ފަސް ދޯނި ބޭންކިންގް ޔުނިޓު އޮވެއެވެ.

comment ކޮމެންޓް