ދިވެހިން އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖު ނަގަން ގިނަ މެމްބަރުން ދެކޮޅު

އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނެގުމަށް މަޖިލީހަށް ހުށަހެޅުއްވި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު: ފަ-- ފޮޓޯ/ މަޖިލިސް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގޮތުގައި 25 ޑޮލަރު ނެގުމާ މެދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދާ ބަހުސްގައި، ސަރުކާރުގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ މެމްބަރުން އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ، އެއާޕޯޓު ސާވިސް ޗާޖެއްގެ ގޮތުގައި ދިވެހީންގެ އަތުން 12 ޑޮލަރު، އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގޭނެ ކަމަށާއި، އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި ދިވެހީންނާއި ބިދޭސީންގެ ވެސް އަތުން 25 ޑޮލަރު ނެގޭނެ ކަމަށެވެ.

މަޖިލީހުގައި މި ބިިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން، އިދިކޮޅު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ އެ ބިލަށް ދެކޮޅު ހައްދަވައިފައެވެ.

މި ބިލާ މެދު ވާހަކަަ ދައްކަވަމުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ނަގާ ޗާޖެއް ކަމަށާއި، ނަމަވެސް އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އެފަދަ ޗާޖެއް ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ސަން ފައިލް ފޮޓޯ

އަދާލަތު ޕާޓީއަށް ނިސްބަތްވާ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވި ގޮތުގައި، މި ޓެކްސް ނަގަން ޖެހޭނީ ރައްޔިތުންގެ ހާލަތާއި އާމްދަނީގެ ތަފާތުތައް ދެނެގަނެގެންނެވެ. އެގޮތުން، މި ޓެކްސް ނަގާ ނަމަ، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނާއި، ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ އަތުން އޭޑީސީ ނަގަން ޖެހޭނީ ތަފާތު މިންވަރުތަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަނާރާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މި ޓެކްސް ނަގާނެ މުއްދަތަކާއި، އެ ފައިސާ ޚަރަދު ކުރާނެ ގޮތަކާ މެދު ނިންމަން ޖެހޭނެ ކަމަށެވެ.

ެހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، ދިވެހިން އަތުން މިފަދަ ޓެކްސްއެއް ނެގުމަށް ސަރުކާރުން ލަދު ގަންނަން ޖެހޭނެއެވެ. އަދި އިދިކޮޅު އެހެނިހެން މެމްބަރުން ވަނީ، ބަޖެޓު ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި، ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް އެފަދަ ޓެކްސްއެއް ދިވެހީންގެ އަތުން ނެގުމަށް ދެކޮޅު ހެއްދެވިކަން ފާހަގަ ކުރައްވައިފައެވެ.

އެހެން ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން މި ޓެކްސްއާ ބެހޭގޮތުން ބަހުސް ކުރައްވަމުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަމަކީ، ޖީއެމްއާރުން އެއާޕޯޓު ހިންގި އިރު 25 ޑޮލަރުގެ ޓެކްސްއެއް އެންމެންގެ އަތުން ނެގި އިރު އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭރު ދެކިފައި، މިއަދު ސަރުކާރުން އެ ޓެކްސް ނަގަން އުޅުމުން މައްސަލައަކަށް ވުމެވެ.

ޕާޓްނާޝިޕް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި މެމްބަރު، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ---- ފޮޓޯ: މަޖިލީސް

އެހެން ނަމަވެސް ޖީއެމްއާރުންވެސް ނިންމާފައި އޮތީ ދިވެހީންގެ އަތުން އެ ޓެކްސް ނުނެގުމަށް ކަމަށް ވިދާޅުވެ، އިދިކޮޅު މެމްބަރުން ރައްދު ދެއްވިއެވެ.

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، މި ޓެކްސް ނަގަން ޖެހޭ ކަމަށާއި، ނަމަވެސް ދިވެހީން ރާއްޖެއިން ބޭރަށް ދަތުރުކުރާ މިންވަރު މަދުކުރުމުގެ ގޮތުން ސިއްހީ ޚިދުމަތްތައް ފުޅާކުރުމާއި، ލޯކަލް ޓޫރިޒަމްގެ ހަރަކާތްތައް ތަރައްގީކޮށް އިތުރުކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިކަމާ ބެހޭގޮތުން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ދިވެހީން ދަތުރުކޮށް، އެގައުމުތަކުގެ އެއާޕޯޓުތަކަށް އެ ޓެކްސް ދައްކާފައި، ރާއްޖޭގެ އެއާޕޯޓަށް އެ ޓެކްސް ދެއްކުމަށް ދެކޮޅު ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މޫސަ ވަނީ މި ޓެކްސް ނެގުމުގެ ބިލަށް ތާއީދު ކުރައްވައިފައެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި، ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް ދައުލަތުގެ ބަޖެޓުގައި ހުށަހަޅާފައިވާ އިރު، ސަރުކާރުން ބުނެފައިވަނީ އެ ޓެކްސް ނަގާނީ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެ ނުނެގުމަށް މަޖިލީހުން ފާސްކޮށްފި ނަމަ އެ ޓެކްސް ނުނަގާނެ ކަމަށެވެ.

comment ކޮމެންޓް