އަޒްޔާނާއެކު އައިސް ޒައިނަބު އޮތް އެނދު ކައިރިއަށް ހުއްޓުނު ބަތޫލްއާއި ޝުޖާއުއާ ދެމެދު ބަދަލުކުރެވުނު ނަޒަރާއެކު ބަތޫލް ބުނަން ބޭނުންވި ކަންތައް ޝުޖާއުއަށް ނަގައިގަނެވުނެވެ. ޝުޖާއު އޭނަ އިށީންދެލައިގެން އިން ގޮނޑިން ތެދުވެލަމުން ވަދާޢުގެ ސަލާމް ޒައިނަބާ ބަދަލު ކޮށްލިއެވެ. ބަަތޫލް ވެސް ޒައިނަބަށް ހިނިތުންވެލަމުން ޝުޖާއުގެ ފަހަތުން ދާން މިސްރާބު ޖެހީ ކުރިއަށް ހިނގައިގަތް އަޒްޔާނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްލަމުންނެވެ.

ކުދިވެރިން ނިކުމެގެން ދިޔަ ދިމާއަށް ބަލަން އޮތް ޒައިނަބުގެ ތުންފަތުގައިވި ހިނިތުންވުން ވަގުތާއެކު ފަނޑުވަމުން ގޮސް އެމޫނުމައްޗަށް ނުތަނަވަސްކަމާއި ކަންބޮޑުވުން ވެރިވެގެން ދިޔަ އެވެ. އެއީ އޭނަގެ ހިތުގައި ވަކިހިއްޕާލާފައި އޮތް ހާސްކަމުގެ ސަބަބުން މެދުވެރިވި ގޮތެވެ. އެހުރިހާ މަންޒަރެއް ބަލަން ކޮޅަށް ހުރި ޝީރީނަށް އޭނަގެ ދޫ ހިމޭނުން ބޭއްވުންވީ މުސްތަހީލުކަމަކަށެވެ. އޭނަ ޒައިނަބުގެ މަގަތުން އެނދުގައި އިށީންނަމުން ވާހަކަދައްކަން ތައްޔާރުވެލިއެވެ.

''އެހުރިހާ ކަމަކަށް އާނބަސް ދީގެންތަ ތިހުންނަނީ؟...'' ކުރިން ވެސް ޝީރީންގެ ފަރާތުން އެފަދަ ނުރުހުންތެރިކަމެއް ފެންނާނެކަން ލަފާކޮށްލެވިފައިވީތީ ޒައިނަބު އެއާއި ވިއްދައިގެން ރައްދުދޭކަށް ބޭނުމެއް ނުވިއެވެ. ޝީރީންގެ އަނގައިން އަރައިނުގަނެވޭނެކަން އެނގޭތީ ޒައިނަބު ޚިޔާރުކުރީ ހިމޭންކަމެވެ.

''މީ އެމީހުންގެ ރޭވުމެއްކަމެއް ވެސް އެނގެނީކީ ނޫން، މާ ހެޔޮ އެދޭ ބަޔަކަށް އެދިގެން ތިބެފަ ފަހުން ހަނދާނުން ފިލައިގެން ނުދާނެ ފަދަ ހަމަލާއެއް ދޭނީ ވެސް... ކީއްވެތަ ދައްތައަށް އެއްޗެއް ނުވިސްނިގެން ތިއުޅެނީ؟...'' ޝީރީން ހިތްހަމަނުޖެހުމާއެކު ބުންޏެވެ. ''މަށަކަށް ނޭގޭ އެހުރިހާ ވާހަކަތަކަށްފަހު ވެސް އަޒްޔާން އޭނަގެ ފަހަތުން އުޅެންވީ ސަބަބެއް... ހަޤީޤަތް ހާމަކުރުމުން ވެސް އަޒްޔާނަށް ނުވިސްނުނީތަ؟، ނޫނީ ދައްތަ ކޮންމެވެސް އެއްޗެކޭ ބުނީދޯ؟، ދައްތަ ބަލައްޗޭ އެމީހުންގެ ފަރާތުން ދެރައެއް ލިބޭނެ......''

''ކޮންދުވަހަކުންތަ ޝީރީންގެ ތިހުންނަ ގޮތް ދޫނުކުރުން ދޫކޮށްލާނީ؟، އަހަރެން މަނާ ކުރީމަވެސް އަޒްޔާން ގާތު އެވާހަކަތައް ދެއްކީ ވެސް ޝީރީނެއް ނޫންތަ؟... އަހަރެން ދިން ނަސޭހަތުގެ އަޒްޔާން ހިފިކަމާމެދު އަހަރެން ހިތްހަމަޖެހޭ، އަހަރެން ބޭނުން އެދެކުދިން ގުޅެން، އެކަން ހާސިލުކުރަން ޖައުފަރާ ވާހަކަދައްކަން ވިޔަސް އަހަރެން އެކަން ކުރާނަން، އެއްވެސް ކަމަކަށް ރުޅިއިސްކުރާކަށް އަހަރެން ބޭނުމެއް ނޫން!...'' ޒައިނަބުގެ ކެތްތެރިކަން ކޮޅުންލުމާއެކު ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެވުނެވެ. އެއާއެކު ދެން ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. ޝީރީން ހަށަން ބަނދެލައިގެން އިން އިރު އޭނަގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެއެވެ. އެއްޗެއް ބުނަން އުޅެފައިވެސް އޭނަ ތުންފަތް އަރިއަކަށް ދަމާލުމަށްފަހު ޚިޔާރުކުރީ ހިމޭންކަމެވެ. ބުނެވޭ އެއްޗެއްގެ ސަބަބުން އޭނައާއި ޒައިނަބުގެ ގުޅުން އިހުނަށްވުރެ ހީނަރުވެދާނެތީ އެވެ. އޭރު އޭނަގެ ހިތުގައި އަޒްޔާނާ މެދު ވަނީ ޝަކުވާތައް އުފަންވެފައެވެ. ހިސާބަކަށް ރުޅިވެސް އާދެވުނެވެ.

*****

ހޮސްޕިޓަލުން ބޭރަށް ނިކުމެވުމާއެކު އަޒްޔާން ބަތޫލްގެ އަތުގައި ހިފަހައްޓަމުން ބަތޫލް ހުއްޓުވިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ދިނުމެއް ނެތި މަގުން ދުއްވަމުން ދިޔަ އުޅަނދުފަހަރުތަކުން ރެކެމުން ޝުޖާއު މިސްރާބު ޖެހީ މަގުގެ އެއްފަރާތުގައި އޮތް އޭނަގެ ކާރާއި ދިމާއަށެވެ. އޭނަ ކާރަށް އަރައި ފުންނޭވާއެއް ދޫކޮށްލަމުން ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލި އެވެ. އަދި ކުޑަދޮރުން އަޒްޔާންމެން ތިބި ދިމާއަށް ނަޒަރު ހިންގާލި އެވެ. އޭނަގެ ހިތުގައި އުފެދިފައިވާ ހައިޖާންގަނޑުގެ އުދާސްކަން ބޭރުވާން ގަދަހަދަން ފެށީވެސް އެވަގުތުކޮޅުގައެވެ. ނަމަވެސް އެއިހުސާސްތައް ގަދަވުމުގެ ފުރުސަތު ފަހިވެގެންދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ދޭ ނަސޭހަތްތައް ބަސްނާހާ ހިތް ޤަބޫލުކުރަން ދެކޮޅުހަދާތީ އެކަންތައް ވެސް ވެފައި އޮތީ ބޮޑު ގޮންޖެހުމަކަށެވެ.

''އަހަރެން ބަތޫއަށް ގުޅާނަން، އޭރަށް ފޯނު ނަގައްޗޭ...'' އަޒްޔާން އެދުނެވެ. އެކަމާ ބަތޫލް އެއްބަސްވަމުން ޖަބާވު ދިނީ ބޮލުގެ އިޝާރާތުންނެވެ. ވަދާޢުގެ ސަލާމްކުރަން ޖެހިފައިވުމުން އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިވެފައި ވިއެވެ. ކަންތައް ވެދާނެ ގޮތެއް ލަފާކޮށްލަން ނޭގޭތީއެވެ. މިއީ އޭނައާއި އަޒްޔާންގެ އެންމެ ފަހުގެ ބައްދަލުވުމަށް ވެސް ވެދާނެތީއެވެ. މިރޭގެ ހުރިހާ އުފާވެރި ވަގުތެއް ހިތާމަވެރި މަންޒަރުތަކަށް ބަދަލުވެ ގިލަންވެރިކަަމުން އެހިތް ފޫއަޅުވާލަފާނެތީއެވެ. އެކަންތަކާ މެދު ވިސްނެމުން ދިޔަ ވަރަކަށް ލިބެމުން އައި ހާސްކަން އިތުރުވާން ފެށިއެވެ.

ބަތޫލްގެ ނެގިމަޑުވުމުގެ ފަހަތުގައިވި ސަބަބު ވިސްނައިގަނެވުމާއެކު އަޒްޔާން ބަތޫލްއާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަދި ލަސްލަހުން އުފުލާލި އަތްތިލަ ގެންގޮސް ބަތޫލްގެ ކޯތާފަތުގައި ޖައްސާލި ހިނދު ފުންވެގެން ދިޔަ ބަތޫލްގެ ނޭވާ އޭނައަށް ފާހަގަ ކުރެވުނެވެ. އެބީހިލުމުން އެކަނިވެސް ވާންކަން އެކުލެވިގެންވި ބަތޫލްގެ ސިކުނޑީގެ ނާރުތަކަށް ލުއިކަމެއް ވެރިކުރުވިއެވެ. އިސްއުފުލާލެވުނީ ފުންކަނޑެއް ފަދަ އަޒްޔާންގެ ތޫނު ކަޅިރަވައިގެ ތެރެއަށް ހިތާއި ޖާނު ދޫކޮށްލަން އެދޭ ހާލުގައެވެ. އެވަގުތު ތަކުގައި ދުނިޔޭގެ ހަޤީޤަތް މަތިން އޭނަ ހަނދާން ނެތިކުރުވާތީއެވެ. ދެޒުވާނުންނަށް މުޅިން އެހެން ޢާލަމަކަށް ދެވޭތީއެވެ. މިނިވަންކަމާއެކު ހިތުގެ ޝުޢޫރުތައް ފާޅުކޮށްލެވޭނެތީއާއެކު ވެސް މެއެވެ. ނަމަވެސް އެހެންކަންތައް ނުވާނެކަން ބަތޫލްގެ ހިތް އޭނައަށް ވިސްނައިދިނީ ހަޤީޤަތަށް ނުފިލޭނެކަން ހަނދުމަކޮށްދެމުންނެވެ.

''އައިލް ބީ ދެއާރ ފޯ ރޫ...'' އަޒްޔާންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެލޮބުވެތި ބަސްތަކުން ބަތޫލްގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. އެފަދަ ހިތްވަރަކަށް އޭނަ ހުރީ އިންތިހާއަށް ބޭނުން ވެފައެވެ.

ދެޒުވާނުންނަށް ސިހުމެއް ލިބުނީ ކުއްލިޔަކަށް އިވުނު ބަރުގޮނުގެ އަޑުންނެވެ. އެކީއެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނު ހިނދު ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލައިގެން ބޭރަށް ބޯދިއްކޮށްލައިގެން އޮތް ޝުޖާއު ފެނިއްޖެއެވެ. އޭނަ އަތުން ކޮށްލި އިޝާރާތުން ލަސްވަނީކަން އަންގާލަދިނެވެ. އަޒްޔާން ބަތޫލްއާ ދުރަށް ޖެހިލީ ބަތޫލްގެ ކަންފަތާ އޭނަގެ ތުންފަތް ކައިރިކޮށްލުމަށްފަހު ބުނެލި ސިއްރަކަށް ފަހު އެވެ. އެހޫނުނޭވާ ކަނދުރާއަށް އެޅިގެން ދިއުމާއެކު ބަތޫލްގެ ހިއްސުތަކަށް އެނގުން ވިއެވެ. އެޖާދުވީ އަޑު އަދި ވެސް ކަންފަތުގެ ތޫރީގެ ތެރޭގައި ހަރުލާފައިވާ ކަހަލައެވެ. ހިނގައިގަންނަން ވެސް އެނގުނީ އިރުކޮޅެއް ފަހުންނެވެ. ބަތޫލްއަށް އަޒްޔާން ސިއްރުކުރަން އުޅުނު ހިނިތުންވުން ފަހުމުވުމާއެކު އޭނަގެ ކޯތާފަތް ރަންގުވެގެން އައީ ޖަންބުކުލައަކުންނެވެ.

ބަތޫލް ދިޔަ ދިމާއަށް ބަލަން ސޯޓުގެ އަރިމަތި ޖީބަށް އަތްޖަހާލައިގެން ހުރި އަޒްޔާން އެތެރެއަށް ވަންނަން ހިނގައިގަތީ ޝުޖާއު ކާރު ދުއްވާލުމާއެކުގައެވެ. ފާޅުކުރަން ބޭނުންނުވި ކަމުގައި ވިޔަސް ލޯކުރިމަތިން ބަތޫލް ގެއްލުމާއެކު އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިކުރުވައި ހިތުގެ ތެޅުން އަވަސް ކުރުވިއެވެ. ހުރިހާކަމެއް ވެސް ރަގަޅުވާނެކަމަށް އޭނަ ހިތަށް ވިސްނައިދިނެވެ. ނަމަވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވިއެވެ. ތަކުރާރުކޮށް އޭނަގެ ޒަމީރު ފެންމަތިކުރުވާ ސުވާލުތަކުގެ ސަބަބުންނެވެ. ޖައުފަރު ދެކެ އޭނަ އަންނަ ރުޅިވެރިކަން އޭނަގެ ނިންމުންތަކުގެ މައްޗަށް ނުފޫޒުފޯރުވަފާނެތީއެވެ. އޭނައާއި ޖައުފަރު އެއްތަން ވެއްޖެނަމަ އުފެދިފައިވާ ނަފްރަތުގެ ތޫފާން އޭނައަށް މައިތިރިކުރެވިދާނެ ހެއްޔެވެ؟

''އަޒްޔާން!...'' އަޒްޔާން އަންނާނެ އިރަކަށް ކޮޅުމަތިބަލަމުން ދިޔަ ޝީރީނަށް ކޮރިޑޯން ހިނގާލާފައި އައި އަޒްޔާން ފެނުމާއެކު ދެފަޔަށް ލެވުނުހާ ބާރަކާއެކުގައި ގޮސް އަޒްޔާނާ އަރާހަމަކޮށްލިއެވެ. ''ކިހިނެއް ވެގެންތަ ތިއުޅެނީ؟، ހުރިހާ އެއްޗެއް ބުނެދިނީމަ ވެސް ވިސްނައިގަންނާކަށް ނޭގުނުދޯ؟... އަޒްޔާނަށް އެއަށްވުރެ ރަގަޅު އަންހެންކުއްޖަކު ވެސް ލިބިދާނެ، ދެން ކީއްވެތަ އޭނަގެ މަތިން ހަނދާންނައްތާނުލެވިގެން ތިއުޅެނީ؟...''

ޝީރީންގެ ވާހަކަތަކުން އަޒްޔާންގެ ބޮލުގައި ރިއްސާލިއެވެ. ހަމައެއާއެކު އޭނަ ހުރީ ހިސާބަކަށް ރުޅި ވެސް އައިސްފައެވެ. ނަމަވެސް ރައްދުގައި އެއްޗެކޭ ބުނާކަށް އޭނަ ނޫޅުނެވެ. އޭގެ ސަބަބުން ޝީރީންގެ ރުޅިވެރިކަން އިތުރަށް ގަދަވެގަތެވެ.

''ބަލަ އަޒްޔާނާއޭ އަހަރެން މިވާހަކަދައްކަނީ...'' ޝީރީން ރުންކުރު ރާގަކަށް ބުނެލިއެވެ. ''އަޒްޔާން ޖެހޭނީ އޭނައާއި ވަކިވާން!، އަޑުއިވިއްޖެތަ؟...''

''ކޮންެމެ ފަދަ ހާލަތެއް މެދުވެރިވިޔަސް އަހަރެން ބަތޫލް ދޫކޮށެއް ނުލާނަން، ލޯބިވާތީ އެކުގައި ވާން ބޭނުންވަނީ، އެހެން އަންހެންކުދިންނަށް ވުރެ ހުރިހާ ގޮތަކުން ވެސް އަހަންނަށް ބަތޫލް ޚާއްސަ...'' ޝީރީނަށް ބަލާލަމުން އަޒްޔާން މަޑުމައިތިރި އަޑަކުން ވާހަކަދެއްކިއެވެ. އަދި އެތާނގައި މަޑުކުރުމެއް ނެތި ދިޔަ އެވެ. އަޒްޔާން ލޮލުގެ ކޮޅަށް ގޮސް ގެއްލުމާއެކު ޝީރީން އޭނަގެ މޫނަށް ހުތުރު ވައްތަރެއް ޖައްސާލިއެވެ.

*****

''ތެންކިއު...'' ފިނިވެފައިވި އަތުގެ އިނގިލިތަކާ ކުޅެން އިން ބަތޫލް ދުއްވާ ސީޓުގައި އިން ޝުޖާއުއަށް ބަލާލަމުން ބުންޏެވެ. ޝުޖާއު ކޮށްދިންކަންތަކަށް ޝުކުރުވެރިވާނެ ގޮތެއް ބަތޫލްއަކަށް ނޭގުނެވެ. އޭނަގެ އުފަލަށް ޝުޖާއު އަހައްމިއްޔަތުކަން ދޭތަން ފެނި އޭނަގެ ހިތުގައި ޝުޖާއުއަށް ދެވިފައިވި ޤަދަރު އުފުލިގެން ދިޔަ އެވެ. އޭނަގެ ހިތުގައި ޝުޖާއުއަށްޓަކައި ދުވަހަކު ޖަޒުބާތެއް ނުއުފެދުނުކަމުގައި ވިޔަސް ދެވިފައިވާ ޤަދަރަށް އުނިއިތުރުކަމެއް ނާންނާނެކަން ގައިމެވެ.

''ކޮންކަމަކަށް؟...'' ޝުޖާއު ނޭގޭކަމަށް ހެދުނެވެ.

''ދެން ޝުޖާ... ރަގަޅަށް އެނގޭނެޔޭ އަހަރެން ބުނަން މިއުޅެނީ ކީކޭކަން...... މިއަދު ވެދިޔަ ހުރިހާކަމެއް ޒޭންއަށް ސިއްރުކޮށްދެއްޗޭ... ޖަނާއަށް ވެސް އެއިން އެއްވެސް ކަމެއް ނޭގޭނެ... އެގޮތަށް އެކަންތައް ދެމިއޮންނަން އަހަރެން ބޭނުންވަނީ...'' ބަތޫލް ބުނަން ބޭނުންވަނީ ކީކޭކަން ދޭހަވުމާއެކު ޝުޖާއު އެކަމާ ވަގުތުން އެއްބަސްވިއެވެ. އެއީ ރަގަޅު ނިންމުމެއް ކަމުގައި ޚުދު އޭނައަށް ވެސް ފެނުނީތީއެވެ. އިތުރު މައްސަލައެއް ނުޖެހި އޮމާންކަމާއެކު ކުރިއަށް ދެވެން އޮތް މަގަކީ އެއީކަމުގައި ވާތީއެވެ.

''ހުރިހާކަމެއް ވެސް ރަގަޅުވާނެ ދޯ؟...'' ޔަޤީންކަން ބޭނުންވެފައި ވާތީ ބަތޫލްއަށް އަހާލެވުނެވެ. އެއާއެކު ޝުޖާއުގެ ނަޒަރު ގޮސް ބަތޫލްއަށް ހުއްޓުނެވެ.

''ރިލޭކްސް... އަންކަލް ނުރުހެންޏާ ވެސް ކަންތައް ކުރެވޭނެ ގޮތްތައް ހުންނާނެދޯ... ދުނިޔޭގައި ހުރިހާ ހިނދަކު ގޮތް ހުސްނުވާނެކަން ހަނދާނުގައި ބަހައްޓައްޗޭ...... މެރީ ކުރަން ކޯޓުން ވެސް ވަލީ ހޯދައިދޭނެ...'' ބަތޫލްގެ ހިތްހަމަޖައްސާލަދޭން ޝުޖާއު ވާހަކަދެއްކިއެވެ. ''ބަތޫ މާ ބޮޑަށޭ ކަންތަކާމެދު ތި ވިސްނަނީ... އަހަރެން ބުނީމެއްނު ހުރިހާކަމެއް ވެސް ހައްލުކޮށްދޭނަމޭ... ސޯ ޓްރަސްޓް މީ އިން ދިސް...''

*****

''ތިއައީ ދޯ؟... ކާން އަންނަންވީނު؟...''

ކާކޮޓަރިއަށް ވަން ޝުޖާއުއާއި ބަތޫލް ފެނި މޭޒު ދޮށުގައި އިން ހިންދު ވާހަކަދެއްކިއެވެ. އެވަގުތު އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލުމަށްފަހު ޖައުފަރު އިސްއުފުލާ ބަތޫލްއަށް ބަލާލިއެވެ. އެމޫނުގައި ހިސާބަކަށްވި ރުޅިވެރިކަމުން ބަތޫލް ޖެހިލުންވާ ގޮތް ވިއެވެ. މުޅި މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން ފާހަގަކުރެވުމާއެކު ޝުޖާއު އަވަސްވެގަތީ އެކަމަށް ނިމުމެއް ގެންނާށެވެ. އޭނަ ދައްކަން އުޅޭ ވާހަކައިގެ މިސްރާބު އަމާޒާ ހަމައަށް ދޫކޮށްލެވޭނީ އޭރުންކަމަށް ވީތީއެވެ. އެހެންނޫންނަމަ ހުރިހާކަމެއް ވެސް ދާނީ ބޮއްސުންލައިގެންނެވެ.

ހިންދު އިނީ ކަމެއް ދެނެގަންނަން އުޅޭ ފަދައަކުން ޝުޖާއުއާއި ބަތޫލްއަށް ބަލަހައްޓައިގެންނެވެ. ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަން އޭނައަށް ވަގުތުން ނައިގަނެވުނެވެ. ބަތޫލްއާއި ޝުޖާއު ގެއިން ނިކުމެގެން ދިޔައިރު އެދެމަދުގައި ޖެހިފައި ކުނިތައް މިހާރުވަނީ ފިލައިފައިކަން ގައިމެވެ. އޭނައަށް ޝުޖާއުގެ މޫނުމަތިން ފެނުނު ހިތާމައާއި މާޔޫސްކަމެއް ވެސް މިހާރަކު ނުފެނެއެވެ. ހަމައެއާއެކު ބަތޫލްގެ ފަރާތުން ވެސް ރުޅިވެރިކަމެއް ނުފެނެއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެނބުނު ވަރަކަށް ސިކުނޑީގައި ބުރުޖަހަންފެށި ސުވާލުތައް ވީ އިތުރެވެ. ހަމައެއާއެކު އެސުވާލުތަކަށް ޖަވާބެއް ވެސް ނުމެލިބުނެވެ.

''ހާދަ މީރުވަސް އެބަދުވައޭ... ބޮޑުދައިތަ ކޯޗެއްތަ ތައްޔާރުކޮށްލައިގެން ތިއުޅެނީ؟... ކާއެއްޗެހީގެ ވަހުން އެކަނި ވެސް ކުޅި ދިޔާވާހާ ވެއްޖެ...'' ގޮނޑިއެއް ދަމާލުމަށްފަހު އޭގައި އިށީންނަމުން ޝުޖާއު ވާހަކަދެއްކީ ސުފުރާމަތީގައި އަތުރާލާފައި ހުރި ތަފާތު ބާވަތްތަކުގެ ކާއެއްޗެހިން ފުރާލެވިފައިވާ ތަށިތަކަށް ނަޒަރު ހިންގާލަމުންނެވެ.

ހިންދު އިނީ ޝުޖާއުއަށް އައިސްފައިވާ ބަދަލާ މެދު އަޖައިބުވެ އަސްތަރީސްވެފައެވެ. އެކަމާމެދު އުފާކުރަންވީކަމެއް ނުވަތަ ކަންބޮޑުވާންވީކަމެއް ވެސް ނޭގިފައެވެ.

''ޚީނާއަށް ރަގަޅަށް ކައްކަން ނޭގޭތީ މިއަދު ބޮޑުދައިތަ އޭނައަށް އެހީވެދިނީ...'' ތުންފަތުގައި ހިނިތުންވުމެއް ކުރަހާލުމަށްފަހު ހިންދު ގޮނޑިން ތެދުވެލިއެވެ. އަދި ޝުޖާއުއަށް ބޭނުންވާނެ އެއްޗެހިތައް ކައިރިކޮށްލަދޭން ފެށިއެވެ. އެމަސައްކަތުގައި ހުރިއިރު ވެސް އޭނައަށް ބަތޫލްއަށް ބަލާލެވެއެވެ. ކަންތައް ވަމުންދާ ގޮތް ހޯދަން އެދެވޭވަރުންނެވެ.

ޝުޖާއުގެ ސަބަބުން ކާމޭޒު ދޮށުގެ މާހައުލު މުޅިން ބަދަލުވެގެން ދިޔައެވެ. ޖައުފަރު ވެސް ޝުޖާއު ދައްކަމުން ދިޔަ ވާހަކަތަކާ ބައިވެރިވަމުން ދިޔަ އެވެ. އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނީ ބަތޫލް އެވެ. އޭނަ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ނަޒަރު ހިންގަމުން ތަށީގައި ހުރި ތަރުކާރީބަތާއި ކުކުޅުރިހަ ހުސްކުރެވޭތޯ މަސައްކަތްކުރިއެވެ.

''އަންކަލް...'' ފެންތަށިން ކޯވަރެއް ބޯލި ޖައުފަރަށް ބަލާލަމުން ޝުޖާއު ގޮވާލިއެވެ. އަތުގައި އޮތް ފެންތަށި މޭޒުމަތީ ބަހައްޓަމުން ޝުޖާއު ދައްކަން އުޅޭ ވާހަކައަކަށް ޖައުފަރު ސަމާލުވެލިއެވެ. އެއާއެކު ބަތޫލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭރު ކަންތައް ގޯހުންގޯހަށްދާނެ ހުރިހާ ގޮތަކާ މެދު އޭނަގެ ފިކުރުތަކުގެ އޮފީގައި ކުރިލާ ފޯދިފައި ވިއެެވެ. އޭގެ ސަބަބުން ލިބުނު ހާސްކަމާއެކު ފިނި ދަލެއްގެ އަސަރު ވެސް ބަތޫލްގެ ނިތުން ފާޅުވާން ފެށިއެވެ.

ޝުޖާއު ބަތޫލްއަށް ބަލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ދުލުން ލަފުޒުތަކެއް ނުބުނެވުނު ކަމުގައި ވިޔަސް އެދެމެދުގައި ވާހަކަތަކެއް ދެކެވުނީ ލޮލުގެ ބަސްމޮށުންތެރިކަމުންނެވެ. މިފަހަރު ވެސް ބަތޫލްގެ ހާސްކަމަށް ލުޔެއް ހޯދައިދިނީ ޝުޖާއު އެވެ. ޝުޖާއު އޭނަގެ ވަޢުދު ފުއްދާނެ ކަމަށް އެދެލޯ ހެކިދޭތީއެވެ.

''ބަތޫގެ ނުރުހުމުގައި އެއްވެސްކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން، މަންމައާ ވެސް އެވާހަކަ ދައްކާފަ އަހަރެން އޮންނާނީ... ބަތޫއާ އަހަންނާ ދެމެދު އޮތް އެކުވެރިކަން ވެސް ދެމިގެންދާނީ އެގޮތުގެ މަތީން ކަންތައްވުމުންކަން ޔަޤީން، އަންކަލް ވެެސް ރުޅި އިސްނުކޮށް މިކަމާމެދު ވިންސާލުން އެދެން، ބަތޫ އެދޭފަދަ ބައިވެރިޔަކު ޚިޔާރުކުރުމުގެ މިނިވަންކަން އޮންނަން ވާނެ، އޭރުން ބަތޫއަށް ވެސް ރަގަޅު ލައިފްއެއް ލިބޭނީ...''

ޝުޖާއުގެ ވާހަކަތައް ފުރިހަމަ ނުކުރެވެނީސް ޖައުފަރުގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. އޭރު ހިންދުއަށް ކުރިމަތިން ބިރެއް ފެނިގެން އުޅޭ ކަހަލައެވެ. އޭނަގެ ދެލޯ ބޮޑުވެފައި ވިއިރު ޖައުފަރަށް ބަލަން އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޖައުފަރު ރުޅިއަންނާނެ ވަރު އޭނައަށް އަންދާޒާކޮށްލެވުނެވެ. ޝުޖާއު ފަދަ ވިސްނޭ ކުއްޖަކު އެފަދަ ތާކުންތާކު ނުޖެހޭ ނުބައި ޚިޔާލެއް ދިނުމުން އޭނަ ހައިރާން ވެސް ވިއެވެ. އެކަންތަކުގެ ފަހަތުގައި ބަތޫލް ނޫން ދެވަނަ މީހެއްގެ އަތެއް ނުވާނެކަން ވެސް އޭނައަށް ވިސްނައިގަނެެވުނެވެ.

''އަންކަލް، ބަތޫ ބޭނުންވާ ފަދަ ލައިފް އެއް ލިބެން އޮތީ ހަމައެކަނި އަޒްޔާންއާ އެކު، އަހަންނަށް އަޒްޔާންގެ ގޮތް ރަގަޅަށް އެނގޭތީ މިބުނަނީ އެއީ ރަގަޅު ޒުވާނެކޭ، އަހަރުމެންގެ އެކުވެރިކަމަށް އެތައް އަހަރެއް ވީއިރު ވެސް ދުވަހަކު އަޒްޔާންގެ ފަރާތުން ނޭދެވޭ ސިފައެއް ފެނިފަކާ ނެތް... އަޒްޔާން އައިސްފައި ވަނީ ވެސް ރަގަޅު ޢާއިލާއަކުން... ދެން ކީއްވެތަ އަންކަލްމެން ހިތްހަމަނުޖެހެނީ؟، ޒޭންއަށް ގޯސްކަމެއް ކުރެވުނީތަ؟... އެއްވެސް ކަމެއް ނެތި މީހަކު ދެކެ ރުޅި އިސްކުރުމަކީ ރަގަޅުކަމެއް ނޫން... އަންކަލް ބޭނުމެއް ނުވޭތަ ބަތޫ ހިތްހަމަޖެހޭ ފަދަ ދިރިއުޅުމެއް އުޅޭތަން ދެކޭކަށް؟، އެހެންވަންޏާމު ކީއްވެތަ ބަތޫގެ އުފަލަށް ހުރަސް އަޅަނީ؟... އަންކަލް ނިންމުމެއް ނިންމާނަމަ ހުރިހާ ގޮތަކަށް ވެސް ބަލަމެއްނު، ދެން ކީއްވެތަ މިފަހަރު އެއްކޮޅަށް ބުރަތިވަނީ؟، ބަތޫ ބުނާ އެއްޗެއް ވެސް އަޑުއަހަންވާނެއެއް ނޫންތަ؟...'' ފަރުވާތެރިކަމާއެކު ޝުޖާއު އޭނަގެ ވާހަކަތައް އަތުރަމުން ދިޔަ އެވެ. އޭނަގެ އަމާޒުކަމުގައިވީ ޖައުފަރުގެ އިހުސާސްތަކަށް އެވާހަކަތަކުން އަސަރުކުރުވުމެވެ. ބަތޫލްގެ ހާލާ މެދު އެހިތުގައި ތަފާތު ޝުޢޫރުތަކެއް އުފަން ކުރުވުމެވެ. އޭނަގެ މިރޭވުން ކާމިޔާބުވާން އެދެވޭތީއެވެ. އެހެންނޫންނަމަ ދެން ނަގަން ޖެހޭ ހަތިޔާރާ މެދު އެކަކުވެސް ނުރުހޭނެތީއެވެ.

''ޝުޖާއު ނުޖެހޭނެ އަހަރެންގެ ނިންމުމަށް ފާޑު ކިޔާކަށް!، ތި ވާހަކަތަކީ ބަތޫލް ބުނެގެން ބުނާ އެއްޗެހިތަކެއްނު؟...... ދެން ޝުޖާއު ދިޔަޔަސް އެންމެ ރަގަޅު...'' ބަތޫލްއާ ދިމާއަށް ނުުރުހުމާއެކު ޖައުފަރު ބަލާލިއެވެ.

''ބަތޫ އަހަރެން ގާތު އެއްވެސް އެޗެކޭ ނުބުނޭ، މީ އަހަރެންގެ ޚިޔާލު... '' ޝުޖާއު ބަތޫލްގެ ދިފާޢުގައި ތެދުވުނެވެ. އޭނަ ހުރީ ފަސޭހައިން ދޫދޭ ފަދަ ވިސްނުމެއްގައެއް ނޫނެވެ.

''އަންކަލް، އެއްފަހަރު ވެސް މިވާހަކަތަކާމެދު ވިސްނާލަބަލަ...'' ކުއްލިޔަކަށް ގޮނޑިން ތެދުވެވުނު ޖައުފަރު ފެނިފައި ޝުޖާއުއަށް ބުނެލެވުނެވެ. ޖައުފަރުގެ ރުޅިން ރަތްވެފައިވާ މޫނު ފެނި އޭނަ ކުޑަކޮށް ޖެހިލުން ވެސް ވިއެވެ. ނަމަވެސް މިއީ ފައިތިލަ ސާބިތުކުރަންވީ ވަގުތުކަމުން ފަހަތަށް ޖޭހަ ފަދަ ޚިޔާލެއް އޭނަގެ ނެތެވެ. އެއީ ބަތޫލްއަށްޓަކައި އޭނަ ކޮންމެހެން ވެސް ކޮށްދޭން ޖެހޭނެކަމެކެވެ. ނާއުއްމީދު ވިޔަސް ފަހު ވަގުތާ ހަމައަށް ދާންދެން އޭނަ މަސައްކަތްކުރާނެއެވެ.

''ހުއްޓާލާ!!!... ޝުޖާއު ދެން ދިއުން އެންމެ ރަގަޅު ވަނީ!...'' ޖައުފަރުގެ އަޑުގައި ހަރުކަށިކަން ވިއެވެ. ހިންދު ނޭވާލާން ވެސް ނުކެރިފައި އިނީ އޭނަގެ އެހަރަކާތުން ވެސް ޖައުފަރު އިތުރަށް ރުޅިގަދަވެދާނެހެން ހީވާވަރުންނެވެ. ދެކެވެމުން އައީ އެހާ ވެސް ނުބައި ޒާތެއްގެ ވާހަތަކެއް ވިއްޔާއެވެ. އާހިރުގައި ހުރިހާ ރޯޅިއެއް އަމާޒުވާނީ އޭނަ އަށެވެ. އޭނަ ބަތޫލް ތަރުބިއްޔަތުކުރި ގޮތާ މެދު ވެސް ސުވާލު އުފެދޭނެއެވެ.

ތިރީ ތުންފަތުގައި ބަތޫލްއަށް ދަތްއަޅާލެވުނީ އަރުތެރެއިން ނިކުންނަން ގަދަހަދަމުން އައި އާހައި އެކުވަމުން އައި ގިސްލުވުމުގެ އަޑު ގައިދުރުކުރުމުގެ ބޭނުމުގައެވެ. އޭނަގެ ލޮލަށް ޖަމާވަމުން އައި ކަރުނަތައް އެދިގު އެސްފިޔަތައް ފޫއަޅުވާލައި ފުލުފުލުން ކޯތާފަތަށް ހަމަލާދޭން ފެށިއެވެ. އޭނަގެ ހިތުގައިވި އުއްމީދުގެ ހުޅުކޮޅު މުޅިންހެން ނިވުނެވެ. ޝުޖާއުގެ ސަބަބުން ލިބުނު ހިތްވަރު ވެސް އެލިގެން ދިޔަ އެވެ. މިނޫން އިތުރު ކަމަކަށް އިންތިޒާރު ކުރެވުނީ ކީއްވެ ހެއްޔެވެ؟ ބައްޕައަށް ވިސްނޭނެ ކަމަށް ހީކުރެވުނީ ކީއްވެ ހެއްޔެވެ؟

''އަންކަލް...''

ކާކޮޓަރިން ނިކުންނަން އުޅުނު ޖައުފަރުގެ ފަހަތުން ދާން އުޅުނު ޝުޖާއު ހުއްޓުވަން ހިންދުއަށް ތެޅިފޮޅިގަނެވުނެވެ. އެވަގުތު ބަތޫލް ވެސް ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން ތެދުވިއެވެ. އިތުރަށް އެއްޗެއް ނުބުނެ ހުންނަން އޭނައަށް ކެތެއްނުކުރެވޭނެއެވެ. ބައްޕަ އޭނައާ މެދު އެފަދަ އިހާނެތި ގޮތަކަށް ކަންތައް ކުރާ ސަބަބު އެނގެން އޭނަ ބޭނުމެވެ. އޭރު ބަތޫލްގެ ހިތުގައި މަންމައާ މެދު ޝަކުވާ އުފެދިފައި ވިއެވެ. ބައްޕަގެ އެހުރިހާ ކަމަކަށް މަންމަ ވާގި ދޭތީއެވެ. ހިތަށް ބޮޑަށް ތަދުވީ ވެސް އެސަބަބާ ހުރެއެވެ. ބައްޕައަށް އޭނަގެ ހާލު ނުވިސްނުނު ކަމުގައި ވިޔަސް އެންމެ ކުޑަމިނުން މަންމައަށް އޭނަގެ ހާލު އިހުސާސް ކުރެވޭނެކަމަށް އުއްމީދުކުރެވުން އެއީ އޭނައަށް ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯހެވެ. އޭނަގެ އެންމެ ގާތް ފަރާތްތައް އެވަނީ ހަތުރުންނަށް ވެނިމިފައެވެ.

''ބައްޕާ...''

ބަތޫލްއަށް ބުނެލެވުނެވެ. އެއަޑަށް ހަރުކޮށް ހިނގާލާފައި ދިޔަ ޖައުފަރުގެ ދެފައިގައި ހިލިހިލާ ޖެހުނެވެ. އޭނައަށް ފަސްއެނބުރި ބަތޫލްއަށް ބަލާލެވުނެވެ. ބޭރުފުށުން ހަރުކަށިކަން ދައްކައިގެން ހުރިކަމުގައި ވިޔަސް ލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރި ދަރިފުޅު ރޯތަން ފެނި އޭނަ ދެރަވިއެވެ. ހަމައެއާއެކު ބަތޫލްގެ ގަޔަށް ނުރުހުމާއެކު އަތް އިސްކުރެވިފައިވީތީ އެކަމާ މެދު ވެސް އޭނަގެ ހިތް އޭނައަށް ލަޢުނަތް ދިނެވެ. ނަމަވެސް އޭނަ ޖެހޭނީ އެހުރިހާ ކަމެއް ނުފެންނަކަމަށް ހަދާށެވެ. ލޮލުގައި ފަރުދާއެއް ބަންނާށެވެ. އެހެންނޫންނަމަ ޖަޒުބާތުގައި ޖެހި ލޯބިވާ ދަރިފުޅަށް ބަރުދާސްތުކުރަން އުނދަގޫ ވޭނެއް ތަހައްމަލުކުރަން ޖެހިދާނެ ފަދަ ނިންމުމެއް ނިންމި ދާނެއެވެ. އޭނަ މަސައްކަތް އެކުރަނީ ބަތޫލް އެހިތާމަތަކުން މިންޖުކޮށްދޭށެވެ. ބަތޫލްއަށް އެކަން ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ޒައިނަބާއި އަޒްޔާން އެއުޅެނީ އޭނަގެ ފަރާތުން ބަދަލު ހިފަންކަން އޭނަ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް އެގުޅުމަށް ރުހުން ދެވެން ނެތީ އެސަބަބާ ހުރެއެވެ. ޒައިނަބު ފެނުނު ދުވަހުން ފެށިގެން އޭނަ އެހުންނަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނަ މިއަދާ ޖެހެންދެން ވެސް ކުރިކަމެއް ވިއްޔާ ކުރީ ބަތޫލްއަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދޭށެވެ. ހަމައެއާއެކު މާޒީގައި އޭނައަށް ހެދުނު ކުށްތަކުގެ މައްޗަށް ފަސްއަޅައި ފޮރުވަންށާއެކުގައި ވެސް މެއެވެ. އެކަން އެގޮތުގައި ދެމިއޮތުމަށް އޭނައަށް ކުރެވުނުހާކަމެއް އޭނަ ކުރާނެއެވެ.

(ނުނިމޭ)

comment ކޮމެންޓް