ލީގު ޗެމްޕިއަން މޯލްޑިވިއަން ބަލިކޮށް، ޕޮލިހުން އަންހެން ޑިވިޝަން ފައިނަލުގެ ފަހު ޖާގަ ހޯދައިފި

އަލް މުދިޝް ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކްލަބާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގެ ތެރެއިން: ގައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީގެ ތިން ވަނަ މެޗުގައި މޯލްޑިވިއަން މޮޅުވެ، ޕޮލިސް ކްލަބުން ވަނީ ފައިނަލްގެ ފަހު ޖާގަ ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލްގެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި މޯލްޑިވިއަން އަތުން ޕޮލިސް ކްލަބު މޮޅުވެފައި ވަނީ 3-1 ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ދެ ސެޓު ގެންގޮސްފައި ވަނީ ޕޮލިހުންނެވެ. ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންގޮސްފައި ވަނީ 25-14 އަދި 26-24 އިންނެވެ. ތިން ވަނަ ސެޓު 28-30 އިން މޯލްޑިވިއަނުން ގެންދިޔަ ނަމަވެސް، ފަހު ސެޓު 25-16 އިން ގެންގޮސް ޕޮލިހުން ވަނީ ފައިނަލްގެ ފަހު ޖާގަ ހޯދައިފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އިންޓޯޝް ބްރެނާ ލީން އެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗަށް ފަހު، އަންހެން ޑިވިޝަނުގެ ތިން ވަނަ ޓީމަށް ވަނީ މެޑަލް ހަވާލުކޮށްފަ އެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ އިއްޔެ ހަވީރު ކުޅުނު މެޗުން ބަލިވި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

މާދަމާ ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ޕޮލިސް ކްލަބު ނުކުންނަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވި މިސްކިތްމަގު އެންމެންގެ ގުޅުމާ ދެކޮޅަށެވެ.

comment ކޮމެންޓް