"އިސް ލީޑަރު" މިއީ ކިހިނެއްވާ ކަމެއް؟

ވެރިކަންކުރާ އެމްޑީޕީން، ރައީސް ނަޝީދަށް މިހާރު ނިސްބަތް ކުރައްވަނީ "އިސް ލީޑަރު"ގެ ނަމުންނެވެ. ހަމައެއާއެކު ކުއްލިއަކަށް އެއީ ކީއްވެގެން ވީ ކަމެއް ހެއްޔޭ މީހުން ސުވާލު ކުރެ އެވެ. އެ އަށް އޮތް ޖަވާބަކީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ )ހ( އެވެ: "ޕާޓީ ދިވެހި ރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލް ޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއް ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާ އެވެ،"

މި ޖަވާބާއެކު ވެސް ސުވާލުތައް އުފެދެ އެވެ. އެންމެ ބޮޑަށް ސުވާލު އުފައްދައި ދެއްވަނީ ވެސް އެމްޑީޕީން މިހާރު "އިސް ލީޑަރު"ގެ ގޮތުގައި ނިސްބަތް ކުރައްވާ ރައީސް ނަޝީދެވެ. އިސް ލީޑަރުގެ ނަމުން ޕާޓީގެ ޖަލްސާތަކުގައި އެއްވުންތަކުގައި ނިސްބަން ކުރަން ފެށިގެން އައީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީއަށް ރައީސަކާއި ނައިބު ރައީސަކާއި އެ ނޫން އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ވުމަށް ފަހު އެވެ. ކުއްލިއަކަށް އިސް ލީޑަރުގެ ނަމުގައި ރައީސް ނަޝީދަށް މުހާތަބު ކުރަން ފެށުމުން ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅާ އެމްޑީޕީގައި އުފެދި އަށަގަންނަމުން މިދާ އާ ސަގާފަތާ ފުށު އަރާ ކަމަށް ބައެއް ފަރާތައް ބުނެ އެވެ.

މިސާލަކަށް ޖެނުއަރީ10، 2011ގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ނަގަމާ ހެއްޔެވެ؟ އިދިކޮޅު މައި ޕާޓީގެ ލީޑާޝިޕް ރުކުރުވާލެވިފައިވާ ގޮތަށާއި އެ ލީޑާޝިޕް މަސައްކަތް ކުރާ ގޮތަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ ޑީއާރްޕީގެ ލީޑަރަކީ ކާކުކަން ނޭނގޭ ކަމަށެވެ. ޕާޓީގައި ލީޑަރެއް ހުންނަވަނިކޮށް ރޫހާނީ ލީޑަރަކާއި ޖިސްމާނީ ލީޑަރެއް ވަޑައިގަތުމުން އޮޅުން ބޮޅުން ބޮޑުވެއްޖެ ކަމަށެވެ. "ޕާޓީއެއްގައި ލީޑަރަކު ހުންނަން ޖެހޭ. އެއީ ވަކި މީހެއްކަން އެ ޕާޓީގެ އެންމެންނަށް ސާފުވާންޖެހޭ... އޭގެ ތެރެއަށް ރޫހާނީ ލީޑަރަކާއި ޖިސްމާނީ ލީޑަރެއް ވަޑައިގަތުމުން އެ ބާވަތުގެ އޮޅުން ބޮޅުން ބޮޑުވީމާ ވާދަވެރި ސިޔާސީ ޕާޓީއެއް ހިންގަން އުނދަގޫވާނެ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ ޑީއާރްޕީއަށް ނިސްބަތްކޮށް ރައީސް އެހެން ވިދާޅުވި ވިޔަސް އެއީ ހުރިހާ ޕާޓީތަކަށް އެޕްލައި ކުރެވޭނެ ރަނގަޅު ވާހަކަފުޅެއް ކަމެވެ.

"އެކަމަކު މިހާރު ފެންނަނީ ހަމަ އެ ސަގާފަތް އެމްޑީޕީގެ ތައްގަނޑަށް ފެތެމުންދާތަން. ޕާޓީގެ ރައީސަކު އިންތިހާބުވި ހިސާބުން ފެށިގެން އިސް ލީޑަރުގެ ގޮތުގައި ރައީސް ނަޝީދަކީ ހަމަ ރޫހާނީ ލީޑަރަކަށް ވެއްޖެ. ޕާޓީގެ ނައިބު ރައީސް ހުންނަވަަނިކޮށް އަސްލަމް ޝާކިރު ވެވަޑައިގެންފި ޖިސްމާނީ' ލީޑަރަކަށް. އަސްލަމަކީ ޑީއާރްޕީގައި އުމަރު އަދާކުރައްވާ ރޯލު އަދާކޮށްފާނެ ބޭފުޅެއް. އެހެންވީމާ ހަމަ ޑީއާރްޕީގައި އުފެދުނު އޮޅުން ބޮޅުން ބޮޑު ސަގާފަތް އެމްޑީޕީގައި އެދަނީ އަށަގަންނަމުން،" އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.

ޑީއާރްޕީގެ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ޒައީމްތޯ ލީޑަރުތޯ އެއީއުފެދިފައި އޮންނަ ސުވާލެކެވެ. އޭގެ ސަބަބުން ބޮޑު ޕާޓީއެއް ފޮތިފޮތިވެގެންދާއިރު ވެސް އިސް ފަރާތަކީ ލީޑަރުތޯ ޒައީމްތޯ ކުރާ ޒުވާބަކަށް ނިމުމެއް ނައެވެ. އެހެން ކަމުން މިހާރު އެމްޑީޕީ އަށް ފާޑުކިޔާ ބައެއް މީހުން ބުނަނީ އެ ސަގާފަތް ރީތިކޮށް އެމްޑީޕީގެ ތެރޭގައި "ފެނަށް ދިރެމުން" އަންނަ ކަމަށެވެ.

އިދިކޮޅު ޕާޓީގެ އެންމެ އިސް މަގާމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާ އިރު އެމްޑީޕީގެ ތެރޭގައި ވެސް "ސްޓްރަގްލް ޕަވާ"ގެ ނޫފުޒުގަނޑެއް އުފެދި ފާޅުވަމުން އަންނަ ކަމުގެ ނިޝާނަކަށް އެމްޑީޕީގެ ތެރެއިން "އިސް ލީޑަރު" އުފަން ކުރުވުން ބެލެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ. ގިނަ ފަރާތްތަކުން ބުނަނީ އެމްޑީޕީގެ ޒާތަށް ބަލާއިރު އެއީ "ރީނދޫ ފިކުރު"ގެ ތެރޭގައި އުފެދެން ޖެހޭނެ ސަގާފަތެއް ނޫން ކަމަށެވެ. އެކަމަކު އަޑިން އުފައްދަމުން އަށަގަންނުވަމުން އަންނަ ސަގާފަތެއް ކަމަށެވެ.

"އަސްލުގައި ކުރިން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް އިސްމާއިލް އެމަގާމުން ވަކިވެވަޑައިގެންނެވި ހިސާބުން ފެށިގެން 'ޑީއާރްޕީ ސަގާފަތް' އެމްޑީޕީގެ ތެރޭގައި އުފެދެން ފަށައިފި. އެކަންކަން ތިލަވެގެން މިއަންނަނީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑީޑީ( ވިދާޅުވީ "އިސް ލީޑަރު" އެ ނަން އެމްޑީޕީގެ ތެރޭގައި ބޭނުން ކުރަމުން އަންނަކަން އޭނާ އަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ލިޔެކިޔުމުން ފެންނަން ނެތް އެއްޗެއް ބޭނުންކުރުމަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ކަމުގައި އޭނާ ދެކެވަޑައިނުގެންނަވާ ކަމަށެވެ.

"އަޅުގަނޑު މުހާތަބުކުރަނީ ލިޔެކިޔުމުން ފެންނަން އޮންނަ ގޮތަށް ރިޔާސީ ކެނޑިޑޭޓް ނުވަތަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ލިޔެކިޔުމުން ފެންނަން ނެތް އެއްޗެއް ނުވަތަ ކޮންގްރެސް އިން ފާސްކޮށްފައިނުވާ އެއްޗެއް އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ބޭނުންކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރަން،" ޑީޑީ ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް ހުދު ޑީޑީ ވެސް ދެ ފަހަރެއްގެ މަތިން "އިސް ލީޑަރު" ބޭނުން ކުރައްވާފައިވެ އެވެ.

ޕްރެސް ސެކެޓްރީ އަދި ރައީސް ނަޝީދުގެ އަރިސް، ރަހަމްތެރިޔާ މުހައްމަދު ޒުހެއިރު ވިދާޅުވީ ރައީސް ނަޝީދާ މުހާތަބުކޮށް އެމްޑީޕީގައި "އިސްލީޑަރު" ބޭނުން ކުރަމުން ދިޔަ ނަމަވެސް ރައީސް އޮފީހުގެ ތެރޭގައި އިސްލީޑަރު އެ ނަން ބޭނުން ކުރަމުން ނުގެންދަވާ ކަމަށެވެ.

ޒުހައިރު ވަނީ އަލަށް އުފަންވި "އިސް ލީޑަރު" ބޭނުން ކުރަމުން އަންނަ ގޮތް ތަރުޖަމާ ވެސް ކޮށްދެއްވާފަ އެވެ. އޭނަ ވިދާޅުވީ ރައީސް ނަޝީދަށް ނިސްބަތްކުރައްވާ "އިސް ލީޑަރު" އެނަން ބޭނުންކުރަމުން ގެންދަނީ ނަން އިތުރެއްގެ ގޮތުގައި އާއްމު ނަމަކަށް ވުރެ ހާއްސަ ނަމެއް ބޭނުންކުރުމުގެ ގޮތުން ކަމަށެވެ.

ޕާޓީގެ އިސް ލީޑަރަކަށް ރައީސްވެ ވަޑައިގެން އެ ސަގާފަތް އާލާ ކުރެއްވުމަކީ ހަމަ ޑީއާރްޕީގެ ލީޑާޝިޕްގެ މަސްހުނި ކަމުގެ މައްޗަށް ރައީސް ނަޝީދު ވިދާޅުވި ގޮތް އެމްޑީޕީގައި ވެސް ފާޅުވުން ކަމަށް ސިފަކުރާ ކުރުމަށް ވެސް ޒުހައިރު ޖަވާބު ދެއްވަ އެވެ. ވިދާޅުވަނީ ޑީއާރްޕީގެ "ރޫހާނީ ލީޑަރަ" ކާއި "ޖިސްމާނީ ލީޑަރެ"އް ހުންނަ ކަމަށް ރައީސް ވިދާޅުވަނީ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނެ ބޭފުޅަކީ ކޮން ބޭފުޅެއްކަން އަދި އަދަށް ވެސް ސާފު ނުވެ ބޮޑު ސުވާލު މާކެއްގެ ޖެހުމުން ކަމަށެވެ.

"އޭރު ވެސް މިހާރު ވެސް އެކަންތައްތައް އޮތީ އެގޮތަށް،" ޒުހެއިރު ވިދާޅުވި އެވެ.

ވަރަށް ފަހުން ވަނީ "އެމްޑީޕީގެ އިސްލީޑަރު" އެ ނަން ބޭނުންކުރުމާ ބެހޭ ގޮތުން އިސްލާހެއް ޕާޓީއަށް ހުށަހެޅިފަ އެވެ. އެ އިސްލާހަށް ތާއީދު ލިބުނު ނަމަވެސް ފާހެއް ނުވެ އެވެ. ހަމައެއާއެކު ކުއްލިއަކަށް އެމްޑީޕީގައި އިސްލަޑެއް އުފެދުމާ، ކުއްލިއަކަށް ޕާޓީގެ ރައީސްގެ "އެންވޯއީ"އެއް އުފެދުމާއި މިފަދަ ބައިވަރު ސަބަބުތަކާއެކު އެމްޑީޕީގެ ތެރޭގައި ލީޑަޝިޕްގެ ނުބައިވައްތަރެއްގެ ސަގާފަތެއް އުފެދުމުގެ ބިރު ނަގާ ކަމަށް މީހުން ބުނެ އެވެ. އެ އަލާމަތްތައް ފެންނަ ކަމަށް ދުރު ބަލާ މީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް