ގައުމީ ޓީމުގައި މަޑުކުރުމަށް ސްޓެވާޓް ބޭނުންވޭ، ވަރަށް އަވަހަށް ގޮތެއް ނިންމާނަން: ބައްސާމް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި ރާއްޖެ އާއި ލާއޯސް ބައްދަލުކުރި މެޗަށްފަހު ސްޓެވާޓް އާއި ކީޕަރު އިމްރާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ކަމާ ހަވާލުވި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ޓީމުގައި މަޑުކުރުމަށް އެދިފައިވާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެފްއޭއެމްގެ ރައީސްގެ މަގާމަށް އިއްޔެ އިންތިހާބްވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު ގައުމީ ކޯޗުގެ މަގާމަށް ސްޓެވާޓް ގެނައީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދިނުމަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ އަމިއްލަ ދަނޑުގައި ލާއޯސް ބަލިކޮށް ރަށުން ބޭރުގައި 1-1ގެ ނަތީޖާ އަކުން އެއްވަރުކޮށް ގަރޫޕް ސްޓޭޖްއަށް ކޮލިފައިވެފައެވެ.

"ކޯޗުގެ ޕާފޯމަންސަށް ބަލާފައި އޭނާ ޓީމްގައި ހޭދަކުރި މަދު ދުވަސްކޮޅުގައި ގައުމީ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި ޓީމްގެ އެކުވެރިކަމާއި ރޫހް ފެނިފަ އޭނާގެ މަސަތްކަތް ވަނީ ގިނަ ފާރަތްތަކަކުން ބަލައިގަނެފަ،" ބައްސާމް ވިދާޅުވިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ލާއޯސް ބައްދަލުކުރާ މެޗުގައި ރާއްޖޭގެ ކޯޗު ސްޓެވާޓް --- ސަން ފޮޓޯ: ފަޔާޒް މޫސާ

ގައުމީ ކޯޗުގެ މަގާމަށް އޭރު ސްޓެވާޓް ގެނެސްފައިވަނީ "އަނގަބަހުން" ވެފައިވާ ތިން މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބައްސާމް ވިދާޅުވީ، ސްޓެވާޓްގެ ޕާފޯމެންސަށް ބަލާފައި އޭނާ ޓީމުގައި އިތުރުށް މަޑުކުރުމަށް އެދިފައިވާނެ ކަމަށާއި ކޯޗު ވެސް އެ ރިކުއެސްޓް ގަބޫލުކޮށް ޓީމުގައި މަޑުކުރުމަށް ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ކޯޗާ ބެހޭގޮތުން ގޮތެއް ނިންމާނީ ގައުމީ ޓީމްގެ ކަންތައްތަށް ބެލެހެއްޓުމަށް ނަގާ ކޮމެޓީއަކުން ކަމަށާއި އެ ކޮމިޓީގައި ތިއްބަވާނީ ޓެކްނިކަލް ބޭފުޅުންކަމަށެވެ. އަދި ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިން ވެސް ތިއްބެވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ސްޓެވާޓް ހަވާލުވީ، ކުރިން އެމަގާމުގައި ހުރި ނިއުޒީލެންޑްގެ ރިކީ ހާބަޓް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭޝިއަން ކަޕް ގްރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައިކޮށްދިނުމަށް ފަހު ސްޓެވާޓް ވަނީ ފުރުސަތު ދީފިނަމަ ޓީމުގައި މަޑުކުރާނެ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް