ޖީއެމްއާރަށް ފައިސާ ދެއްކީ އެމްއެމްއޭ އިން 140 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިގެން

މެއި 21، 2016: އައިއެންއައިއޭގެ އައު އިންޓަރނޭޝަނަލް ޕެސެންޖާ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު 271 މިލިޔަން ޑޮލަރު، ދެއްކީ އެމްއެމްއޭ އިން ގަން ބޮންޑަކުންކަން ދައުލަތުގެ އިދާރާއަކުން ބުނެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމްއޭސީއެލް އިން ވަނީ އެމްއެމްއޭ އަށް 140 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިފަ އެވެ. އެބޮންޑް އެމްއެމްއޭ އަށް ގަތީ ކޮންމެ މަހަކު ފައިސާ ދައްކާ ގޮތަށް ތިން އަހަރު ތެރޭ ދައްކައި ހަލާސް ކުރާ ގޮތަށެވެ. އިންޓްރެސްޓަކީ 4.9 ޕަސެންޓެވެ.

ޑޮލަރު ދަތިވުމަކާއި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަންޖެހުމަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި ދައުލަތުގެ ރިޒާވުން ފައިސާ ނުދޭ ކަން އެމްއެމްއޭ އިން ކަށަވަރުކޮށްދިނެވެ.

އެމްއެމްއޭއިން ދިން ބޮންޑުގެ އިތުރުން ދެން ދެއްކި ފައިސާއަކީ އެމްއޭސީއެލްއިން އެކަމަށް ބަހައްޓާފައިހުރި ފައިސާކަން ސަން އަށް ވަނީ އިނގިފައެވެ.

މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ކުރިން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ އެމްއޭސީއެލް އަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާއިރު ޖީއެމްއާރަށް ދެއްކި 271 މިލިއަން ޑޮލަރު، އާމްދަނީ އިތުރުކޮށްގެން ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ހޯދޭނެ ކަމަށެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ އެކުވި ކޮންސެޝަން އެއްބަސްވުން ރާއްޖެ އިން ބާތިލުކުރީ 2012 ނޮވެމްބަރު 27 ގަ އެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އެ އެއްބަސްވުން އުވާލީ، އެ އެއްބަސްވުމުގައި ހިމެނޭ މާލީ، ގާނޫނީ އަދި ސަލާމަތީ ރައްކާތެރިކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކަށް ފަހު އެވެ.

comment ކޮމެންޓް