24 ޓީމަކާ އެކު އެމްޑީއޭގެ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖު ފަށައިފި

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޑޭ ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގައި 24 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޔޫތު ލީގު (އެމްވައިއެލް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖް ފުޓްސަލް މުބާރާތް ފަށައިފި އެވެ.

މާފަންނު ސްޓޭޑިއަމް ޓާފް ދެ ނަންބަރު ދަނޑުގައި މިއަދު ހެނދުނު ފެށި އެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އިސްމާއިލް ސައީދެވެ.

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގައި 24 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު ކުރިއަށްދާ އެ މުބާރާތަކީ ޒުވާނުންގެ ދުވަހާ ގުޅިގެން އެމްވައިއެލް އިން ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. އެ މުބާރާތުގައި 24 ޓީމު ވާދަކުރާ އިރު، މިރޭގެ ނިޔަލަށް އެ މުބާރާތް ކުރިއަށްދާނެ ކަމަށް އެމްވައިލް އިން މައުލޫމާތުދެ އެވެ.

އެމްޑީއޭގެ އޮފިޝަލަކު 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބައިވެރިވާން ފުރަތަމަ ހުޅުވާލި އިރު 16 ޓީމު ބައިވެރިކުރާ ގޮތަށް އޮތް ނަމަވެސް، 24 ޓީމު ބައިވެރިކުރަން ނިންމާފައި ވަނީ ޓީމުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާތީ ކަމަށެވެ.

އެމްޑީއޭގެ ޔޫތު ލީގުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގައި 24 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތް ފެށުނު އިރު ވެސް ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް، ހުއްޓުމެއް ނެތި ފޯރިއާ އެކު ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ. އެ މުބާރާތުގެ މެޗުތައް ހެނދުނުން ފެށިގެން މެންދުރު ފަހު 3:00އާ ހަމައަށް ކުރިއަށްދާ އިރު، މިރޭ 8:00 އިން ފެށިގެން 12:00އާ ހަމައަށް މުބާރާތުގެ ފަހު މެޗުތައް ކުރިއަށްދާނެ އެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށްދާ އެމްވައިއެލް ޔޫތު ޑޭ ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް