އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްޤެވެ. މިއީ ދިމިޝްޤުގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

މުސްލިމުންގެ ވަލިއްޔުލްއަމްރުން ޢައްޔަންކުރުމަށް އިސްލާމީ ދުސްތޫރުގައިވާ ރީތި އޮމާން ޖުމްހޫރީ އުސޫލު ބަދަލުވީ މިގޮތުންނެވެ. އަމީރު މުޢާވިޔާ ރަޟިޔަﷲ އަންހު އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދަށް ވަލީޢަހްދުކަން ދެއްވުމާއެކު މުސްލިމުންގެތެރޭގައި ވަނީ އެކަން ހަރުލައި ޢާއްމުވެފައެވެ. އެއް ޤައިސަރަކަށްފަހު އަނެއް ޤައިސަރަކު، އެއްކިސްރާއަކަށްފަހު އަނެއްކިސްރާއަކު ވެރިކަމަށް އަންނަގޮތަށް މުސްލިމުންގެތެރޭގައިވެސް ވިރާޘީވެރިކަން ޢާއްމުވެއްޖެއެވެ. އުމަވީންނަށްފަހު ޢައްބާސީންވެސް ވެރިކަމަށް އައީ ކަނޑީގެބާރުގައެވެ. ޚަލީފާކަން ބަދަލުވަމުން އައީ ހަމަ ކިސްރުވާނިއްޔަތާއި ޤައިޞަރިއްޔަތާ އެއްގޮތަށެވެ. އެހެންކަމުން ތޭރަސައްތަ އަހަރު ފަހުން މުސްޠަފާ ކަމާލު މުސްލިމުންގެ ޚިލާފަތު އުވާލެއްވުމާ ހަމަޔަށްވެސް މުސްލިމުންނަކަށް އެބައިމީހުންގެ ވަލިއްޔުލްއަމްރަކު މިނިވަންކަމާއެކު ޚިޔާރުކުރުމުގެ ފުރުޞަތެއްނުލިބެއެވެ.

ވަލިއްޔުލްއަމްރުން އިންތިޚާބުކުރެވޭގޮތް ބަދަލުވުމަށްފަހު ބަދަލުވެގެންދިޔަ ދެވަނަކަމެއްކަމުގައި ބަލަންޖެހެނީ ޚަލީފާއިންގެ ހޭޑިފޭޑިއެވެ. ޚުލަފާއުއްރާޝިދޫންގެ ދައުރު ނިމުމާއެކު އުމަވީ ދައުލަތުގެ ޚަލީފާއިންވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިން ދިރިއުޅުއްވި ސާދާ ދިރިއުޅުއްވުން ދޫކޮށްލައްވައިފައެވެ. ޝާހީ ގަނޑުވަރުތަކުގެ އަގުބޮޑު ދިރިއުޅުއްވުން ޚިޔާރުކުރައްވައިފައެވެ. ޙާޖިބުންނާއި ދޮރުފާރަވެރިންވަނީ ޚަލީފާއިންނާއި އާއްމު ރައްޔިތުންނާ ދެމެދުގެ ހުރަހަކަށްވެފައެވެ. ޚަލީފާއިންނާ ސީދާ ބައްދަލުވުމުގެ ދޮރު ރައްޔިތުންގެ ކުރިމަތީގައި ވަނީ ބަންދުވެފައެވެ. ޚަލީފާއިން ރައްޔިތުންގެ ތެރޭގައި އުޅުއްވުންވަނީ ހުއްޓިފައެވެ. ނަތީޖާއެއްގެ ގޮތުން ޚަލީފާއިންނަށް ރައްޔިތުންގެ ޙާލުއަޙްވާލު ސީދާ އޮޅުންފިލައިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ޖެހިވަޑައިގަންނަވަނީ ދަށުގައި ތިއްބަވާ ކަމުވޮށީން ކަންފަތްޕުޅާ ހަމަޔަށް ގެންނަ ވާހަކަތަކަށް އިތުބާރު ކުރައްވާށެވެ. ޙަޤީޤަތުގައި ކަންއޮންނަގޮތެއް ސަރުކާރަކަށް އޮޅުމެއްނުފިލައެވެ. ރައްޔިތުންނަކަށްވެސް އެބައިމީހުންގެ ބޭނުންތަކާއި ޝަކުވާތައް ޚަލީފާއިންގެ އަރިހަކަށް ހުށައެއްނޭޅެއެވެ. މިއީ އަލްޚުލަފާއުއްރާޝީދޫން ގެންގުޅުއްވި ސިޔާސަތާ ވަޑިފަތި ސިޔާސަތެކެވެ. އެބޭކަލުން ދިރިއުޅުއްވީ އާއްމު ރައްޔިތުންފަދައިން ރައްޔިތުންގެ ތެރޭގައެވެ. ފަސްވަގުތު ނަމާދުކުރެއްވީ ރައްޔިތުންނާއެކުގައެވެ. ހުކުރު ޚުޠުބާތަކުގައި ދީނީ އިރުޝާދުތަކުގެ އިތުރަށް ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށްދެއްވައެވެ. އެބޭކަލުންގެ އަމިއްލަ ޒާތުފުޅަށާއި އެބޭކަލުންގެ ސަރުކާރާމެދު ރައްޔިތުންކުރާ އިޢުތިރާޟުތައް އަޑުއައްސަވައި ޖަވާބުދެއްވައެވެ. އުމަވީ ދައުލަތް ފެށުމާއެކު މިނަމޫނާވަނީ ދޫކޮށްލެވިފައެވެ. ރޫމީންނާއި އީރާނީގެ ހޭޑިފޭޑި ވަނީ އަމިއްލަކުރެވިފައެވެ.

ތިންވަނަޔަށް ފެނިގެންދިޔަ މުހިންމު ބަދަލަކީ ބައިތުލްމާލުގެ ޙައިޘިއްޔަތަށް ގެނެވުނު ބަދަލެވެ. ކުރީ ޞަފުޙާތަކެއްގައިވެސް ދަންނަވައިފައިވާނޭ ފަދައިން އިސްލާމީ ތަޞައްވުރުގައި ބައިތުލްމާލަކީ ޚަލީފާއިންނާއި އެބޭފުޅުންގެ ސަރުކާރުގެ ޙަވާލުގައި ހުންނަ އަމާނާތެކެވެ. މާތްﷲގެ މިލްކެކެވެ. ރައްޔިތުންގެ އަމާނާތެކެވެ. އެއަމާނާތާމެދު ހިތުހުރިގޮތަކަށް ކަންތައްކުރުމަކީ އެކަކަށްވެސް ހުއްދަކަމެއް ނޫނެވެ. ޤާނޫނީ ހަމަތަކާ ޚިލާފަށް އެއްވެސް އެއްޗެއް ބައިތުލްމާލަކަށް ނުވެއްދޭނެއެވެ. ހަމައެފަދައިން އެއްވެސް މިންވަރެއް ޚަރަދެއްވެސް ނުކުރެވޭނެއެވެ.

އުމަވީ ދައުރު ފެށުމާއެކު ބައިތުލްމާލުގެ މިދެންނެވި ތަޞައްވުރުވަނީ މުޅީން އަނެއްކޮޅަށް ބަދަލުވެފައެވެ. ތެދުމަގު ލިބިވަޑައިގެންތިއްބެވި ހަތަރު ޚަލީފާއިންކުރެ ކޮންމެ ބޭކަލަކަށްވެސް ބައިތުލްމާލުން ލިބިވަޑައިގެންނެވީ މެދުފަންތީގެ ދިރިއުޅުއްވުމެއް އުޅުއްވޭވަރުގެ މުސާރަފުޅެކެވެ. އުމަވި ރަސްކަން ފެށުމާއެކު ބައިތުލްމާލު ބަދަލުވީ ރަސްރަސްކަލުންނާއި، ޝާހީ އާއިލާގެ މިލްކަކަށެވެ. އާއްމު މުސްލިމުންނަކީ ހަމައެކަނި ވާރު ދައްކާމީހުންނެވެ. ބައިތުލްމާލުގެ ހިސާބުކިތާބާމެދު ސުވާލުކުރުމުގެ އެއްވެސް ޙައްޤެއް ރައްޔިތުންނަކަށް ނޯވެއެވެ. ރަސްރަސްކަލުންނާއި ގަނޑުވަރުތެރޭގެ ބޭފުޅުން ފިޔަވައި ގަވަރުނަރުންނާއި ސިފައިންގެ ވެރީންނަށް ދަންދެން ދިރިއުޅުއްވަމުންގެންދެވި ބައިތުލްމާލަށް "އަތްނުބާނުއްވައި" އެފަދަ ދިރިއުޅުއްވުމެއް ނުއުޅެއްވޭނެކަން އެންމެންނަށްވެސް އެނގޭފަދަ މުއްސަނދި ޗާރާ ދިރިއުޅުއްވުމެކެވެ. ދިރިއުޅުމަށްކުރާ މަސައްކަތެއްގެ ގޮތުން ޚަލީފާއިންނަށް ތާރީފުގެ ޅެންތައް ހަދާ ޅެންވެރިންނާއި ވައިއަޅުވާ އަރިހުބޭކަލުންގެ ބިޔަލަޝްކަރެއް އޮތީ އުފެދިފައެވެ. މުސްލިމުންގެ ބައިތުލްމާލުން އެބައިމީހުންނަށް ހޭދަކުރެވެމުން ދިޔައީ އެއްވެސް ސުމާރެއްނެތިއެވެ. އެބައިމީހުންގެ ނާޖާއިޒު ލޫޓުވުންތައް ދެކޭނެ ލޮލެއްނެތެވެ.

ބައިތުލްމާލަށް ތަކެތި ނެންގެވުމުގައިވެސް ޙަރާމް ޙަލާލުގެގޮތުން "އެގަހުކޭލެއް މިގަހުކޭލެއް" ވަކިކުރުމެއްނެތެވެ. ޢުމަރު ޘާނީ ޢުމަރު ބުން ޢަބްދުލް އަޒީޒުގެ އިސްލާޙީ މަސައްކަތްޕުޅާ ބެހޭގޮތުން އަޅުގަނޑު ލިޔާ ބައިގައި އުމަވީ ދައުލަތުން ނަގަމުން އައި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ޓެކްސްތަކަށް އަލިއަޅުވައިލެވޭތޯ މާތްﷲގެ އިރާދަފުޅާއެކު މަސައްކަތްކުރާނަމެވެ.

އުމަވީ ރަސްކަލުންގެ ފަރާތްޕުޅުން އިސްލާމީ ޝަރީޢަތާ ޚިލާފަށް ބައިތުލްމާލަށް މުދާ އެއްކުރައްވަމުން ގެންދެވުމުގައި ކުރެއްވި އެންމެ ޞަރީޙަ އަނިޔާއަކީ އަލަށް އިސްލާމްވާ މުސްލިމުންގެ އަތުންވެސް ޖިޒީ ނެންގެވުމެވެ. ސަރުކާރުން ދެއްކި ބަހަނާއަކީ އެމީހުން އިސްލާމްވަނީ ހަމައެކަނި ޓެކްސް ދެއްކުމުން ސަލާމަތްވާން ކަމުގައި ބުނުމެވެ. ނަމަވެސް ޙަޤީޤަތުގައި ސަރުކާރު ބިރުގަތީ އިސްލާމްދީން ފެތުރުމުން ދައުލަތަށް ލިބޭ ވާރު މަދުވާނެތީއެވެ.

ޙައްޖާހު ބުން ޔޫސުފް އިރާޤުގެ ގަވަރނަރ ޖަނަރަލަކަށް ހުންނެވި ދުވަސްވަރު އިރާޤުގެ ބައެއް ޢާމިލުން އޭނާގެ އަރިހަށް ލިޔުއްވިއެވެ. "ޒިންމީންގެ ވަރަށް ގިނަ މީހުން އިސްލާމްވެގެން ކޫފާ އާއި ބަސަރާގައި ވަޒަންވެރިވަމުން އެބަދެއެވެ. އޭގެ ސަބަބުން ވާރު ޚަރާޖު ވަރަށްބޮޑުތަން މަދުވަމުން އެބަދެއެވެ." ޖަވާބުގައި ޙައްޖާޖު އެންގެވީ އާ މުސްލިމުން ކޫފާ އާއި ބަޞަރާއިން ބޭރުކޮށް އެމީހުންގެ އަތުން އަލުން ޖިޒީ ނެގުމަށެވެ. އާ މުސްލިމުން "ޔާ މުޙައްމަދާހު" އެވެ، ގޮވަމުން ރޮމުން ރޮމުން ރަށުން ފައިބައިގެން ދިޔައިރު އެދެރަށުގެ ދީނީ އިލްމުވެރިންނާއި ފިޤުހުވެރީންވެސް ކީރިތިކުރައްވަމުން އެބައިމީހުންނާއެކު ރަށުން ފައިބައިވަޑައިގެންނެވިއެވެ. އައު މުސްލިމުންނަށް އިންސާފު ހޯއްދަވައި ދެއްވަން އެބޭކަލުން ވަޑައިގަންނަވާނެ ތަނެއް ނެތިގެންނެވެ.

އުމަވީ ދައުލަތުގެ ވެރިކަމުގައި މުސްލިމުންގެ ސިޔާސީ ނިޒާމަށް ގެނައި އެންމެބޮޑު އަނެއް ހަލާކަކީ ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޙައްޤު މުސްލިމުންގެ ކިބައިން ނިގުޅައިގަތުމެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ހަމައެކަނި އިސްލާމީ ސިޔާސީ ފިކުރުގައި މުސްލިމުންނަށް ދިން ޙައްޤެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ މުސްލިމުންގެ ދީނީ ވާޖިބެކެވެ. އިސްލާމީ މުޖްތަމަޢާއި އިސްލާމީ ދައުލަތް ތެދުމަގުގައި ކުރިޔަށްދާނީ މުސްލިމުން އެވާޖިބު އަދާކޮށްގެންނެވެ. މުސްލިމުންގެ ޟަމީރު ދިރިހުންނާނީ މުސްލިމުންނަށް ދުލުގެ މިނިވަންކަން އޮވެގެންނެވެ.

ދުލާއި ގަލަމުގެ މިނިވަންކަން ބޭނުންކުރުމުގައި މުސްލިމުން ގިރާކޮށްގެންނުވާނެ އިމުގެ ވާހަކަ އަޅުގަނޑު މީގެކުރީންވެސް ވަނީ ބަޔާންކޮށްފައެވެ. އާދެ، އެއީ ތިމާގެ އަޚުންނާއި، އުޚުތުންގެ ނަފުސުގެ ޢިއްޒަތާއި ކަރާމާތަށް އަރައިގަތުމެވެ. އަނެކުންގެ އަގުވައްޓައިލައި ބަދުނާމުކުރުމެވެ. ދޮގުބަޔާންތައް ދިނުމާއި ހަދަހަދައިގެން ވާހަކަތައް ފެތުރުމެވެ. މަލާމާތްކޮށް ފުރައްސާރަކުރުމެވެ. އާޑަކިޔައި ހަޑިހުތުރު އެއްޗެހި ގޮވުމެވެ. ދޫނުބައިކޮށް ބަދުބަހުން މޮށުމެވެ.

ނަމަވެސް ކޮންމެ ފަދަ މީހެއްގެ ކުރިމަތީގައިވެސް މުސްލިމަކަށް ޙައްޤުބަސް ބުނެވޭންޖެހެއެވެ. އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި މުސްލިމުންގެ މިޙައްޤު އޮތީ ފުރިހަމަޔަށް ޙިމާޔަތްކުރެވިފައެވެ. ރައްކައުތެރި ކުރެވިފައެވެ. ޚުލަފާއުއްރާޝިދޫންގެ ހަތަރުބޭކަލުން ހަމައެކަނި އެކަމަށް ހުއްދަ ދެއްވީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެކަމަށް ހިތްވަރުވެސް ދެއްވިއެވެ. ޙައްޤުބަސްބުނުމަކީ އެދުވަސްވަރު ސާބަސްދެވުނުކަމެކެވެ. ތާރީފުކުރެވުނުކަމެކެވެ. އެފަދަ ބަސްބުނާ މީހުން ބިރުގަންނަވައި އަދަބުދެވުނީކީ ނޫނެވެ. ބުއްދި ޤަބޫލުކުރާ ފަދަ ޖަވާބުދީ އެބައިމީހުންގެ ހިތްހަމަޖައްސައިދެވުނީއެވެ. ކަންއޮތްގޮތް އޮޅުންފިލުވައި ދެވެނީއެވެ. ޙަޤީޤަތް ސާފުކޮށްދެވެނީއެވެ. މުލޫކިއްޔަތުގެ ދައުރު އައުމާއެކު ރައްޔިތުންގެ ޟަމީރުގައި ތަޅުއެޅުވިއްޖެއެވެ. އެހައިތަނުން ފެށިގެން އާދަޔަކަށްވީ އަނގަހުޅުވައިފިނަމަ ތާރީފުކުރުމެވެ. ނުވަތަ އަނގަ ހިމޭނުންލައިގެން ހުރުމެވެ. ޙައްޤުބަސް ބުނުން ހުއްޓައިނުލާނަމަ ޖަލަށްވަންނަށް ނުވަތަ ޤަތުލުވާން ތައްޔާރަށްހުރުމެވެ.

މިސުންޕާ ވަބާ އެންމެ ފުރަތަމަ ފެށެނީ އުމަވީ ދައުލަތުގެ ބާނީގެ ވެރިކަމުގައި ޙައްޤުބަސް ވިދާޅުވުމުގެ "ކުށުގައި" ހިޖްރު ބުން ޢަދީ ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލެއްވުމާ ހަމައިންނެވެ. (ޚިލާފަތު ވަމުލޫކިއްޔަތު-ސައްޔިދު އަބުލްއައުލާމައުދޫދީ) ބޮޑެތި އަދަބުތައްދީގެން ރައްޔިތުންގެ އަޑު ކަނޑުވައިލުމުގެ ސިލްސިލާ އެހައިތަނުން ފެށިގެން އައީ ދުވަހެއް ދުވަހަކަށް ދިގުވަމުންނެވެ. މަރްވާނު ބުނުލް ޙަކަމް މަދީނާގެ ގަވަރނަރަކަށް ހުންނެވި ދުވަސްވަރު މިސްވަރު ބިން މަޚްރަމާ ރަޟިޔަﷲ ޢަންހު އެނާއާ ދިމާޔަށް "ކަލޭގެފާނު ތިޔަ ވިދާޅުވީ ވަރަށް ނުބައި ބަސްފުޅެކެވެ." މިހެން ވިދާޅުވުމުން އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އަދަބުދެވުނެވެ.

ޙައްޖާޖު ބުން ޔޫސުފް ހުކުރު ޚުތުބާ ދިގުކުރައްވައި ނަމާދުވަގުތު ލަސްކުރައްވާތީ ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހު އެކަމާ އެއްޗެއް ވިދާޅުވުމުން އެކަލޭގެފާނަށް ޤަތުލުގެ އިންޒާރުކުރެއްވިއެވެ. ޚަލީފާ ޢަބްދުލްމަލިކު ބުން މަރްވާން މަދީނާއަށް ވަޑައިގެން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިންބަރުކޮޅުގައި ހުންނަވައި ވިދާޅުވިއެވެ. "މިއުންމަތުގެ އެއްވެސް ބައްޔަކަށް ކަނޑި ނޫން އެހެން އެއްޗަކުން އަހަރެން ފަރުވާއެއް ނުކުރާނަމެވެ. މީހަކު އަހަންނާދިމާޔަށް ﷲ އަށް ތަޤްވާވެރިވާށޭ ބުންޏަސް އަހަރެން އެމީހެއްގެ ބޯ އުދުއްސައިލާނަމެވެ."

ޚަލީފާ ވަލީދު ބުން ޢަބްދުލްމަލިކު އެއްފަހަރަކު ހުކުރު ޚުޠުބާ މާބޮޑަށް ދިގުކުރެއްވުމުގެ ސަބަބުން މެންދުރުވަގުތު ފާއިތުވެ ޢަޞްރުވަގުތުވެސް ފާއިތުވާން ފެށުމުން މިސްކިތުގައި އިން މީހަކު ތެދުވެފައި ދެންނެވިއެވެ. " އަމީރުލްމުއުމިނީނެވެ. ވަގުތު މަނިކުފާނަކަށް އިންތިޒާރެއް ނުކުރާނެއެވެ. ނަމާދުވަގުތު ފާއިތުކުރެއްވި ކަމާމެދު ﷲގެ ޙަޟްރަތުގައި މަނިކުފާނަކަށް ޖަވާބެއް ނުދެއްވެވޭނެއެވެ." ވަލީދު ވިދާޅުވިއެވެ. "އޭކަލޭގެއާއެވެ! ތިޔަބުނީ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ތިޔަފަދަ ތެދުބަހުން ވާހަކަދައްކާމީހުންގެ މަޤާމަކީ ކަލޭގެ ތެދުވެ ތިޔަހަރަ މަޤާމެއްނޫނެވެ." ހަމައެވަގުތު ޝާހީ ބޮޑީގާޑުން އޭނާ ޤަތުލުކޮށް ސުވަރުގެ ދިޔުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ. (ޚިލާފަތު ވަމުލޫކިއްޔަތު)

އުމަވީންގެ މިސިޔާސަތުގެ ސަބަބުން މަޑުމަޑުންގޮސް މުސްލިމުން ބަދަލުވާންފެށީ ޙައްޤުބަސް ބުނަން ނުކެރޭ، ހިތްވަރެއް ނެތް ފިނޑި ބަޔަކަށެވެ. މަޞްލަޙަތުގެ އަޅުންތަކަކަށެވެ. ބިރުކަނޑައިލައިފައި ޙައްޤުބަސް ބުނާމީހުން އައީ މަދުވަމުންނެވެ. މާރުކޭޓުގައި އަގު އަރަމުން ދިޔައީ ޟަމީރުވިއްކާ ވައިއަޅުވާ މީހުންގެއެވެ. ޙައްޤުބަސްބުނާ ތެދުވެރި އިޚްލާސްތެރީންގެ ބޭނުން އައީ ނެތެމުންނެވެ. ޤާބިލް، އީމާންތެރި، ދިރޭ ޟަމީރުގެ އަހްލުވެރީން ދިޔައީ ސަރުކާރާ ދުރުވަމުންނެވެ. އެފަދަ މީހުންގެ ކިބައިގައި ޤައުމާއި ސަރުކާރުގެ ކަންކަމާމެދު ޝައުޤުވެރިކަން ދިޔައީ ކުޑަވަމުންނެވެ. ޚަލީފާއިން އަވަހާރަވުމުން އާ ބޭފުޅުން ވެރިކަމާ ހަވާލުވެވަޑައިގަންނަވަމުންދާއިރު ރައްޔިތުން ތިބެނީ ކުޅިބަލާ ބައެއްގެ ގޮތުގައެވެ.

ނިޔާކަނޑައެޅުމުގެ ބާރު ހިންގުމުގެބާރުގެ އަތްދަށުން މިނިވަންވެފައި އޮތުމަކީވެސް އިސްލާމީ ރިޔާސަތެއްގެ އަސާސީ އުސޫލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި އެބޭކަލުން ޤާޟީން އައްޔަންކުރެއްވިކަމުގައިވިޔަސް ޤާޟީންގެ މައްޗަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޯވެއެވެ. އެއްވެސްކަހަލަ ފިއްތުމެއް ނެތެވެ. ޤާޟީންގެ މައްޗަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނޯވެއެވެ. އެއްވެސްކަހަލަ ފިއްތުމެއް ނޯވެއެވެ. ޤާޟީންގެ މައްޗަށް އޮންނަހައިވެސް ނުފޫޒަކީ ޚުދު ޤާޟީން މާތްﷲގެ ރަސްކަންފުޅުދެކެ ބިރުވެތިވެވަޑައިގަންނަވާ ބިރުވެތިވެ ވަޑައިގަތުމެވެ. އެބޭކަލުންގެ ޢިލްމުވެރިކަމާއި ހެޔޮކަމަށް ގޮވާލާ ޟަމީރުގެ ގޮވައިލުމެވެ. ކިތަންމެ އަރާހުރި ވަޒީރަކަށްވެސް ކިތަންމެ ވަރުގަދަ އަސްކަރީ ކޮމާންޑަރަކަށްވިޔަސް ޤާޟީންގެ މައްޗަކަށް ޒައްރެއްގެ މިންވަރުގެވެސް ނުފޫޒެއް ނުފޯރުއްވެވެއެވެ.

(ނުނިމޭ)

comment ކޮމެންޓް