ފޭދޫ ބަލިކޮށް، ތިމަރަފުށިން ޗެމްޕިއަންކަން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ތިމަރަފުށި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސ. ފޭދޫ ބަލިކޮށް، ތ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ފޭދޫގެ މައްޗަށް ތިމަރަފުށިން ކުރި ހޯދާފައި ވަނީ 4-1 ލަނޑުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް ފޭދޫ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ތިމަރަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުގެ އިބްރާހިމް ހަމްދާނާއި އަހްމަދު ވިޝާމް، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އެވެ. އެ މެޗުގައި ފޭދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ގައްސާނެވެ.

އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ތަށްޓާއި މެޑެލް އަދި ފައިސާގެ އިނާމު ހަވާލުކޮށްފައިވެ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވިފައި ވަނީ ތިމަރަފުށީގެ އިބްރާހިމް ހަމްދާނެވެ. މި މެޗުގެ ޗީފް ގެސްޓަކީ ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު އަދި އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހުމަދު ރީހާން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ތިމަރަފުށީގެ އިބްރާހިމް ހަމްދާން(ކ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ތިމަރަފުށީގެ އިބްރާހިމް ހަމްދާނާއި، ބ. ތުޅާދޫގެ ހުޒައިފަތު ރަޝީދާއި، ރ. ދުވާފަރުގެ އިސްމާއިލް އީސަ އާއި، ފޭދޫގެ އިބްރާހިމް މަހުދީ އަދި ތިމަރަފުށީގެ އިބްރާހިމް އަސްވަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ހއ. ވަށަވަރު ޓީމުގެ ކޯޗު އަހްމަދު ނިޔާޒެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަން ތިމަރަފުށްޓަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، ރަނަރަޕް ފޭދު އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ނިމުމާއެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވަނީ އެ ދެ ޓީމަށް ވެސް ނަގުދު ފައިދާ ހަވާލުކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ހއ. ވަށަފަރު ޓީމުގެ ކޯޗު އަހްމަދު ނިޔާޒް(ކ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި ޕާޓްނަރުންނަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. އެ މުބާރާތުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި އަބްދުﷲ އަފީފް (ހާޖީ) އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. އަދި މުބާރާތުގެ ބްރޯޑްކާސްޓިންގް މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

comment ކޮމެންޓް