ލަންކާގެ ރިޔާސީ ވެބްސައިޓު ހެކްކުރި ޒުވާނާއާ ސިރިސޭނާ ބައްދަލުކުރައްވައި ނަސޭހަތް ދެއްވައިފި

ރިޔާސީ ވެބްސައިޓު ހެކްކުރި ޒުވާނާއަށް ސިރިސޭނާ ނަސޭހަތް ދެއްވަނީ -- ފޮޓޯ/ ލަންކާ ރައީސް އޮފީސް

ސްރީލަންކާގައި އަންނަ އަހަރު އޭލެވެލް އިމްތިހާނު ބާއްވާ ދުވަސްވަރާ މެދު ހިތްހަމަ ނުޖެހިގެން، ސްރީލަންކާގެ ރައީސްގެ ވެބްސައިޓު ހެކު ކުރި 17 އަހަރުގެ ޒުވާނާއާ އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ބައްދަލުކުރައްވައި، އޭނާއަށް ނަސޭހަތް ދެއްވައިފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު، ސްރީލަންކާގެ ރިޔާސީ ވެބްސައިޓު "ޕްރެޒިޑެންޓް އެލްކޭ" ހެކް ކުރީ، އެގައުމުގެ މެދުތެރޭގެ ކެންޑީ އަވަށުގެ ކަޑުގަންނާވަ ޓައުނަށް ނިސްބަތްވާ، 17 އަހަރުގެ ކުއްޖެކެވެ.

އެ މައްސަލައިގައި، މީޑިއާގައި ނަން ހާމަކޮށްފައި ނުވާ އެކުއްޖާ ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ވެބްސައިޓު ހެކްކުރި ދަރިވަރާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

އެ ޓްވީޓާ އެކު އެމަނިކުފާނު ވަނީ، އެ ޒުވާނާގެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމު ކުރައްވައިފައެވެ. އަދި އެއް ފޮޓޯގައި، އެ ޒުވާނާއަށް ރައީސް ސިރިސޭނާ ނަސޭހަތް ދެއްވަނިކޮށް ވެސް ފެނެއެވެ.

ޓްވީޓުގައި ރައީސް ސިރިސޭނާ ވިދާޅުވީ، ޒުވާނުންނަށް ލިބިފައިވާ ހުނަރުތައް ރަނގަޅު، އެތިކަލް ގޮތެއްގައި ބޭނުންކުރުމަށް ބާރުއެޅުވުމަކީ މުޖުތަމަޢުގެ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.

ރައީސް ސިރިސޭނާގެ ވެބްސައިޓު ހެކް ކުރީ، ސްރީލަންކާގައި ބާއްވާ މަތީ ސާނަވީ އިމްތިހާނުތައް އޭޕްރިލް މަހުގެ ތެރޭގައި ބާއްވާ ގޮތަށް އެގައުމުގެ ސަރުކާރުން ނިންމުމުންނެވެ. އޭޕްރިލް މަހަކީ ސްރީލަންކާގައި ސިންހަލަ އަދި ތަމަޅައިންގެ އާ އަހަރު ފެށޭ މަސް ކަމަށް ވާ އިރު، އެ މުނާސަބަތާއި މަތީ ސާނަވީ އިމްތިހާނުތަކާ ދިމާވަނީ ދާދި އެއް ދުވަސްވަރަކަށެވެ.

ވެބްސައިޓު ހެކުކޮށް، އެއަށް އެރުވި މެސެޖުގައި ބުނެފައިވަނީ އިމްތިހާނުތައް އޮންނަ ތާރީޚު ކުރިން އޮތް ތާރީޚުތަކަށް ބަދަލު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ގައުމުގެ ކަންކަމާއި ގައުމުގެ ބޮޑުވަޒީރުގެ "ޒިންމާދާރުކަން ކުޑަ އަމަލުތައް" ކޮންޓްރޯލު ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވައި، އާ އިންތިޚާބެއް ބޭއްވުމަށް ރައީސް މައިތުރިޕާލަ ސިރިސޭނާއަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް