ވިއްސާރަވުމާ ގުޅިގެން ޒުވާނުންގެ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފި

ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ހާސިލު ކުރި ދިމްނާ އެވޯޑާ މިދިޔަ އަހަރު ހަވާލުވަނީ. --- ސަން ފައިލް ފޮޓޯ/

މިރޭ މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން، މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ފަށަން ކުޑަތަންވެފައި އޮއްވައި ކެންސަލް ކޮށްފި އެވެ.

ޒުވާނުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ބާއްވަން އޮތް ޖަލްސާ ފަށަން ހަމަޖެހިފައި އޮތް ގަޑިއަކީ މިރޭ 8:30 އެވެ. އެހެން ނަމަވެސް މިރޭ 8:00 އެހާކަންހާއިރު އައި ކޮޅިގަނޑެއްގައި މާލެއަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ.

ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް ދަރުބާރުގެއަށް ގޮސް ހުރި ފަރާތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ޖަލްސާ ކެންސަލް ކުރި ވާހަކަ އެތަނުގައި އިއުލާން ކުރީ 8:15 ހާއިރު އެވެ.

"އޭރު ޖަލްސާގައި ބައިވެރިވާން ހަމަޖެހިފައި އޮތް އެންމެން ކަހަލަ ގޮތަކަށް މިތަނަށް އައިސް ތިބީ. ރައީސުލްޖުމްހޫރިއްޔާ ވަޑައެއް ނުގަންނަވާ. ޔޫތު މިނިސްޓަރު ވެސް މިތަނުގައި ހުންނަވަނިކޮށް ނުދެކެން،" ސަންއާ ވާހަކަދެއްކި ފަރާތުން ބުންޏެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވި ގޮތުގައި، މޫސުން ގޯސްވުމާ ގުޅިގެން ޒުވާނުންގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވަނީ، އެހެން ދުވަހަކަށް ފަސްކުރެވިފަ އެވެ. އަދި އެކަމާ ގުޅިގެން ދައުވަތު އެރުވުނު ފަރާތްތަކަށް ކުރިމަތިވި ދަތިތަކަށް ޔޫތު މިނިސްޓްރީން ނިހާޔަތަށް މައާފަށް ވެސް އެދިފައިވެ އެވެ.

comment ކޮމެންޓް