އެކްސިޑެންޓްވި މީހަކު ގޮވައިގެން ދަތުރުކުރި ސީއެމްބިއުލާންސެއް ފަރަށް އަރައިފި

ރާއްޖޭގައި ދުއްވާ ސީ އެމްބިއުލާންސެއް: ދާންދޫ އިން ބަލިމީހަކު ގޮވައިގެން ދިޔަ ސީއެމްބިއުލާންސް ވަނީ ފަރަށް އަރާފައި -- ސަން ފައިލް ފޮޓޯ

ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު ގޮވައިގެން އެއަތޮޅު ވިލިނގިއްޔަށް ދަތުރުކުރި ސީއެމްބިއުލާންސް ފަރަށް އަރައިފި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ލަތީފް، "ސަން"އަށް މިރޭ ވިދާޅުވީ، ދާންދޫ އިރުމަތީފަރާތު ބޭރު މަގުގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެފައިވާ ކަމަށެވެ.

އޭނާ ދިޔައީ ބޮޑުމަގުން ސައިކަލުގައި ދުއްވާފައި ކަމަށާއި، އޭނާ އެކްސިޑެންޓްވީ، ބޮޑުމަގުގެ އިމެއް ވަކިކުރަން ޖަހާފައި ހުރި އެއްޗެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވެއްޓުމުގެ ސަބަބުން މޫނުމަތި ޒަޚަމްވެ، ނޭފަތް ފަޅައިގެން ގޮސް އިތުރު ޒަހަމްތައް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދާންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ފޮނުވާލީ ގއ. ވިލިނގިއްޔަށް ކަމަށެވެ. އޭނާގެ ހާލު އޭރު އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދާންދޫގައި ހިނގި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:30 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން ވަނީ ސީ އެމްބިއުލާންސް ވެސް ދާންދޫ ހުޅަނގުފަރާތު ފަރަށް އެރިކަން ސަން އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ހާދިސާ ހިނގީ މިރޭ 8:00 ހާއިރު ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، ފަރަށް އެރި ސީއެމްބިއުލާންސް މިހާރު ފުންކޮށް، ބަލިމީހާ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، ޒަޚަމްވި ޒުވާނާގެ އެކްސްރޭ ނަގާފައިވާ ކަމަށެވެ. އަދި ޑޮކްޓަރު އެކްސްރޭ ބެއްލެވުމަށްފަހު ވަކި އެއްޗެއް ވިދާޅުވާނެ ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެކްސިޑެންޓްވި ޒުވާނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

comment ކޮމެންޓް