ރާއްޖެ އަންނަ ބޯޓުފަހަރުން ނަގާ ބަނދަރު ކުލި ބޮޑު ކުރަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފައިލް ފޮޓޯ

ބަނދަރުކުލި ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް 38 އަހަރު ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ މަޖިލީހަށް ހުށަހަޅާފައި ވަނީ ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ. އޭނާ ވަނީ އެ ގާނޫނުގައި ހިމެނޭ ހަ މާއްދާއަށް އިސްލާހު ގެނައުމަށް ހުށަހަޅާފަ އެެވެ.

އޭނާ އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން މިހާރު ނެގެމުންދާ ކުއްޔަކީ މީގެ އެތައް އަހަރެއް ކުރިން ކަނޑައެޅިފައިވާ ކުއްޔަކަށް ވާތީ، އެ ކުއްޔަކީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު މިހާރަށް އެކަށީގެންވާ ކުއްޔަކަށް ނުވާތީ ކަމަށެވެ.

އޭނާ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުގެ ދަށުން ދިވެހި ރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރުން އަންނަ ކޮންމެ އުޅަނދަކުން ބަނދަރަށް ވަނުމުގެ ކުއްޔާއި، ބަނދަރުގައި އޮތުމުގެ ކުލި ނެގޭނެ އެވެ. އަޒްހާން ވަނީ އެ ދެ ކުލިވެސް ބޮޑު ކުރުމަށް ހުށަހަޅާފަ އެވެ.

އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައިވާ 100 ނެޓް ރެޖިސްޓާޑް ޓަން ހަމަ ނުވާ ކޮންމެ އުޅަނދަކުން 50 ރުފިޔާ ނަގަން އޮތް އޮތުން، 200 ގްރޮސްޓަން ހަމަ ނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ ނަގާ ގޮތަށް ބަދަލު ކުރުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އޭގެ އިތުރުން އެ މާއްދާގެ (ށ) ގައިވާ 100 ޓަނުން ފެށިގެން 500 ޓަން ހަމަ ނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ ނެގުމުގެ ބަދަލުގައި، 200 ގްރޮސްޓަނުން ފެށިގެން 1000 ޓަން ހަމަ ނުވާ އުޅަނދުތަކުން 300 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދުތަކުން 400 ރުފިޔާ ނެގުމަށް ހުށަހަޅާފައިވާއިރު، 2000 ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500 ރުފިޔާ ނެގުމަށް ހުށަހަޅާފައިވެ އެވެ. އަދި 2000 ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނަކަށް 250 ރުފިޔާ ނަގާ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް އޭނާ ވަނީ ހުށަހަޅާފަ އެވެ.

އަޒްހާން ވަނީ އެ ގާނޫނުގެ ތިިންވަނަ މާއްދާ ވެސް އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. ތިިންވަނަ މާއްދާއަކީ ބަނދަރުގައި އޮތުމުގެ ކުލި ނަގާ ގޮތުގެ މާއްދާ އެވެ. އޭނާ ވަނީ ބަނދަރުގައި އޮންނަތާ އެއް ހަފްތާ ވުމުން ކުލި ނަގަން ފަށާ ގޮތަށް އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. މިހާރު އެ ގާނޫނުގައި ވާ ގޮތުން ކުލި ނަގަން ފަށާނީ 16 ދުވަސް ވުމުންނެވެ.

ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ބަނދަރުގައި އޮންނަތާ އެއް ހަފްތާ އާއި 45 ދުވަހާ ދެމެދު ރެޔަކާއި ދުވާލަކަށް 65 ރުފިޔާ ނެގޭނެ އެވެ. މިހާރު ނަގަމުން ދަނީ ކުލި ނަގަން ފަށާ ދުވަހުން ފެށިގެން 45 ދުވަހާ ހަމައަށް ރެޔަކާއި ދުވާލަކަށް 50 ރުފިޔާ އެވެ. އަދި 46 ދުވަހުން ފެށިގެން 90 ދުވަހާ ހަމައަށް ރެޔަކާއި ދުވާލަކަށް ނަގަމުން އަންނަ 80 ރުފިޔާ 100 ރުފިޔާއަށް ބޮޑު ކުރުމަށް އޭނާ ވަނީ ހުށަހަޅާފަ އެވެ. އެ ދުވަސްތަކަށް ކުލި ބޮޑު ކުރި ކަމުގައިވިޔަސް 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ރެޔަަކާއި ދުވާލަކަށް ނަގަމުން އަންނަ ކުލި ބޮޑު ކުރުމަށް ހުށަހަޅާފަ އެއް ނުވެ އެވެ. މިހާރު 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ދުވަހަކަށް ނަގަމުން އަންނަނީ 150 ރުފިޔާ އެވެ.

އޭނާ ވަނީ ދިވެހި ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ދުއްވާ 1000 ގްރޮސް ޓަން ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރުގައި އޮތުމުގެ ކުލިި ނުނެގޭ ގޮތަށް އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ ދިވެހިން ދުއްވާ 500 ރެޖިސްޓާޑް ޓަން ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލި ނުނަގާނެ އެވެ.

comment ކޮމެންޓް